ހދ.އަތޮޅު ކައުންސިލުން ކުރި ދަތުރުތަކުން ހާސިލްވި ނަތީޖާއެއް އެނގޭކަށް ނެތް: އޮޑިޓް ރިޕޯޓު
20 ޖެނުއަރީ 2026 - 14:41

ހދ. އަތޮޅު ކައުންސިލުން 2024 ވަނަ އަހަރު ކުރި ދަތުރުތަކަށް ބޮޑު ހޭދައެއް ކޮށްފައިވާއިރު، އެ ދަތުރުތަކުން ހާސިލްކުރަން ބޭނުންވި އެއްވެސް ނަތީޖާއެއް ފެންނަން ނެތް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ. މިދިޔަ ބުދަ ދުވަހު އާންމުކުރި އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އެ ކައުންސިލުން ދަތުރުތަކަށް ޖުމްލަ 385,722 ރުފިޔާ ހަރަދުކޮށްފައިވެއެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކައުންސިލްގެ މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލްގެ އިތުރުން މުވައްޒަފުން ހިމެނޭހެން 12 ބޭފުޅުން ވަނީ ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ، ފ. އަތޮޅު އަދި ދ. އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުކޮށްފައެވެ. މި ދަތުރުތަކުގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކެއުމާއި ތިބުމަށެވެ. އެގޮތުން ކެއުމާއި ތިބުމަށް 209,000 ރުފިޔާ ހަރަދުކޮށްފައިވާއިރު، ޓިކެޓްތަކަށް 119,462 ރުފިޔާ ހޭދަކޮށްފައިވެއެވެ.

Ad by Hajj Corporation
އޮޑިޓް އޮފީހުން ބުނީ އެ ދަތުރުތަކުން ހާސިލްކުރަން ބޭނުންވާ ކަންކަން ކުރިން ކަނޑައަޅާފައި ނެތުމުގެ ސަބަބުން، އެ ދަތުރުތަކުން އެއްވެސް ނަތީޖާއެއް ހާސިލްވިކަން އެނގެން ނެތް ކަމަށެވެ. އެހެންކަމުން، ދައުލަތުގެ ހަރަދު ކުޑަކުރުމަށް ނެރެފައިވާ ސާކިއުލާއާ އެއްގޮތަށް އަމަލުކުރުމަށް އޮޑިޓް ރިޕޯޓުގައި ވަނީ އިރުޝާދު ދީފައެވެ.
ދަތުރުތަކުގެ އިތުރުން، ކައުންސިލްގެ މުވައްޒަފުންނަށް އުސޫލުތަކާ ހިލާފަށް 172,000 އަށް ވުރެ ގިނަ ރުފިޔާ ހާޒިރީ އެލަވަންސްގެ ގޮތުގައި ދީފައިވާ މައްސަލަ ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. މި ފައިސާ ދީފައިވަނީ މަސައްކަތު ވަގުތު ނިމެންދެން މަޑުކުރާ ކޮންމެ ދުވަހަކަށް 50 ރުފިޔާގެ ރޭޓުންނެވެ. އޮޑިޓް އޮފީހުން ވަނީ މި ފައިސާ މުވައްޒަފުންގެ އަތުން އަނބުރާ ހޯދުމަށް އަންގާފައެވެ.
މިއީ ހދ. އަތޮޅު ކައުންސިލްގެ ދަތުރުތަކާ ގުޅޭގޮތުން އޮޑިޓް އޮފީހުން ކަންބޮޑުވުން ފާޅުކުރި ފުރަތަމަ ފަހަރެއް ނޫނެވެ. 2023 ވަނަ އަހަރު އެ ކައުންސިލުން ތައިލެންޑަށް ކުރި ދަތުރެއްގައި ވެސް ހާސިލްވި ބޭނުމެއް ނެތް ކަމަށް އޮޑިޓާ ޖެނެރަލް ކުރިން ވިދާޅުވެފައިވެއެވެ.


