ޓެކުހަށް މަކަރުހެދި 2 ކުންފުންޏަކަށް ދަޢުވާކުރަނީ
21 ޖެނުއަރީ 2026 - 05:30

ކޯވިޑް-19ގެ ދުވަސްވަރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރު ޓެސްޓިންގގެ ޚިދުމަތް ފޯރުކޮށްދެމުންދިޔަ ދެ ކުންފުންޏެއް ޓެކުހަށް މަކަރު ހަދައިފައިވާކަމުގެ ތުހުމަތުގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މީރާއިން ހުށަހަޅައިފިއެވެ.
މޯލްޑިވްސް އިންލޭންޑް އެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޕީޖީ އަށް ދައުވާކުރުމަށް އެދި ފޮނުވާފައިވަނީ ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އައިލެންޑް ހެލްތު ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑުން ޓެކުހަށް މަކަރު ހަދައިފައިވާކަމަށް ތުހުމަތުކުރެވޭތީ، އެ މައްސަލަ ތަހުގީގުކޮށް ދައުވާކޮށްދިނުމަށް އެދި ކަމަށެވެ.
މި މައްސަލައަކީ އެ ކުންފުނިތަކުން މީރާއަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި، ޓެކްސް ނެގޭ އާމްދަނީ ބޮޑުތަނުން ދަށްކޮށް ރިޕޯޓުކޮށްފައިވާކަމަށް ފާހަގަކުރެވިގެން މީރާއިން ތަހުގީގުކުރަން ފަށާފައިވާ މައްސަލައެކެވެ. އެގޮތުން، 2020، 2021 އަދި 2022ވަނަ އަހަރު ޕީސީއާރު ޓެސްޓިންގގެ އިތުރުން އައިލެންޑް ހެލްތު ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ "ޕާލް މެޑިކަލް ސެންޓަރ" ކްލިނިކު މެދުވެރިކޮށް ޚިދުމަތްތައް ފޯރުކޮށްދީފައި ވީނަމަވެސް، މި ޚިދުމަތްތަކުން ލިބިފައިވާ ފުރިހަމަ އާމްދަނީ މީރާއަށް ރިޕޯޓުކޮށްފައިނުވާކަން ފާހަގަކުރެވިފައިވާކަމަށް މީރާއިން ބުނެއެވެ.
މީގެއިތުރުން، ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަކީ ޕީސީއާރު ޓެސްޓިންގ ޚިދުމަތް އެންމެ އަވަހަށް ފެށި އެއް ފަރާތްކަމާއި 2020 އަދި 2021ވަނަ އަހަރު މި ޚިދުމަތް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދީފައިވީނަމަވެސް، މި ޚިދުމަތުން ލިބިފައިވާ އެންމެހައި އާމްދަނީ މީރާއަށް ހުށަހަޅައިފައިވާ މާލީ ހިސާބުތައް އަދި އިންކަމް ޓެކްސް ބަޔާންތަކުގައި ހިމަނައިފައިނުވާކަމަށާއި، 2020، 2021 އަދި 2022 އަށް، އައިލެންޑް ހެލްތު ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑުން މީރާއަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި 31.9 މިލިއަން ރުފިޔާގެ ޓެކްސް ނެގޭ އާމްދަނީ އަދި ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 2020 އަދި 2021އަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި 102.7 މިލިއަން ރުފިޔާގެ ޓެކްސް ނެގޭ އާމްދަނީ ހިމަނަފައި ނުވާކަން ފާހަގަކުރެވިފައިވާކަމަށް މީރާއިން ވަނީ ބުނެފައެވެ.
މީރާ އިން އިތުރަށް ބުނީ މި ތަހުގީގާ ގުޅިގެން މީރާއިން ކުރިއަށް ގެންދިޔަ އޮޑިޓުތަކުގައި އައިލެންޑް ހެލްތު ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް 4.3 މިލިއަން ރުފިޔާ އަދި ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް 23.7 މިލިއަން ރުފިޔާ އިތުރަށް ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައި އެ ޓެކްސް މީރާއަށް ދައްކަން އަންގާފައިވާ ކަމަށެވެ.
މި ދެ ކުންފުނީގެ އިތުރުން، މައްސަލައިގައި އިސްކޮށް އުޅެފައިވާކަމަށް ފާހަގަކުރެވިފައިވާ، ދެ ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި ހިމެނޭ ޑރ. އިކްލީލް ޝަރީފާއި އައިލެންޑް ހެލްތު ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރެއްކަމުގައިވާ ޑރ. ޢަލީ ޢަބްދުﷲ ލަޠީފުގެ މައްޗަށް ދައުވާކޮށްދިނުމަށް ވެސް މީރާއިން ވަނީ އެދިފައެވެ. އަދި އެނގިހުރެ ސައްހަނޫން މައުލޫމާތު ހިމެނޭ މާލީ ހިސާބު އަދި ޓެކްސް ބަޔާން ތައްޔާރުކޮށްދީފައިވާކަމުގެ ތުހުމަތުގައި މި ދެ ކުންފުނީގެ މާލީ ހިސާބާއި ޓެކްސް ބަޔާން ތައްޔާރުކޮށްދީފައިވާ، ޢަލީ ފަޔާޟްގެ މައްޗަށް ދައުވާކޮށްދިނުމަށް ވެސް މީރާއިން އެދިފައިވެއެވެ.
އެއްވެސް ފަރާތަކުން ޓެކުހާއި ގުޅޭ ކުށެއް، އޮޅުވާލުމެއް ނުވަތަ މަކަރެއް ހަދަމުންދާކަމަށް ޝައްކު ކުރެވޭނަމަ އެ މައުލޫމާތު މީރާއާ ހިއްސާކުރެއްވުމަށް "މީރާ 918 – މައްސަލަ ހުށަހަޅާ ފޯމު" މެދުވެރިކޮށް ހުށަހެޅުމަށް މީރާއިން ވަނީ އެދިފައެވެ.


