ކަމަދޫގައި ސޯލާ ޑީސަލް ހައިބްރިޑް ނިޒާމެއް
21 ޖެނުއަރީ 2026 - 05:47

ބ. ކަމަދޫގައި ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތިމާވެށީގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުގެ ސަބަބުން އަހަރަކު 92،919 ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެއެވެ.

Ad by Hajj Corporation
މި މަޝްރޫއުގެ ދަށުން ކަމަދޫގައި ގާއިމުކުރަނީ 198 ކިލޯވޮޓް ޕީކްގެ ސޯލާ ފޮޓޯވޮލްޓައިކް ނިޒާމަކާއި 172 ކިލޯވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމެކެވެ. މިއީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފަރުމާކޮށްގެން ގާއިމުކުރެވޭ ހައިބްރިޑް ނިޒާމެކެވެ.
މި ނިޒާމުގެ މަސައްކަތް ނިމި އޮޕަރޭޝަނަށް އައުމުން، ކަމަދޫގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލްގެ މިންވަރު ވަރަށް ބޮޑަށް ދަށްވެގެންދާނެއެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ނިޒާމުގެ ސަބަބުން އަހަރަކު 92،919 ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެއެވެ. އަދި މިއީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އެގޮތުން ޖައްވަށް ބޭރުކުރާ ކާބަން ޑައިއޮކްސައިޑްގެ ތެރެއިން އަހަރަކު 228 ޓަނުގެ ގޭސް މި ނިޒާމުގެ ސަބަބުން މަދުކުރެވޭނެއެވެ.
މިއީ 2028 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ ކަރަންޓުގެ ބޭނުންތަކުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މިފަދަ މަޝްރޫއުތަކުގެ ސަބަބުން ރާއްޖެއިން ތެލަށް ކުރާ ހޭދަ ކުޑަވެ، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކަރަންޓު އުފެއްދުމުގެ ގާބިލުކަން ރަށްރަށުގައި އިތުރުވެގެންދާނެއެވެ.


