މިފަހަރު މާލެ ސަރަހައްދުގައި ދިވެހި 37 ހާފިޒުން އިމާމުވެ ހިފްޒުކޮށް ތަރާވީސް ކުރާނެ
22 ޖެނުއަރީ 2026 - 05:58

މިފަހަރު މާލެ ސަރަހައްދުގައި ދިވެހި 37 ހާފިޒުން އިމާމުވެ ހިފްޒުކޮށް ތަރާވީސް ކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި އެމަނިކުފާނު ވަނީ މީގެ ތެރެއިން ގިނައީ ވަރަށް ޒުވާން، އަދި ރީތިކޮށް ކިޔަވާނެ ހާފިޒުންކަން ފާހަގަކުރައްވާފައެވެ. އަދި މި ފަހަރު ރޯދަ މަހު އިސްލާމީ މަރުކަޒާއި ސަލްމާން ސެންޓަރުގައި ވެސް ފާހަގަކޮށްލެވޭ ޒުވާން ޚަޠީބުންނަށް ޚުޠުބާ ކިޔަން ފުރުޞަތު ދޭނެކަމަށް ވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation
މީގެއިތުރުން އިސްލާމީ މަރުކާޒާއި ސަލްމާން ސެންޓަރުގައި އިމާމުވެ ތަރާވީސްކުރާނީ ދިވެހި ހާފިޒުން ކަމަށާއި ކުރުކޮށް ކިޔަވައި ނަމާދުކުރާ މިސްކިތްތައް އިތުރުކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ. އަދި ބޮޑެތި ބައެއް މިސްކިތްތަކުގައި ވެސް ކުރުކޮށް ކިޔަވައި ތަރާވީސް ނަމާދު ކުރުމަށް ފުރުޞަތު ފަހިކޮށްފައިވާނެ ކަމަށާއި އެއީ އެފަދަ ޖަމާޢަތްތަކަށް ގިނަ މީހުން އެއްވާތީ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ޢާއްމުކޮށް ކުރުކޮށް ކިޔަވައި ތަރާވީސްކުރާ، މިސްކިތެއްކަމުގައިވާ މަޖީދީ މަގުގައި ހުންނަ ސުލްޠާން ޢާދިލް މިސްކިތް ( ގަލޮޅު ދަނޑު ކުރިމަތި) މިފަހަރު އެތާގައި ކުރާނީ ދިގުކޮށް ހިފްޒުކޮށް ކަމަށެވެ. އަދި ބަރުބަރީ މިސްކިތުގައި ކުރާނީ ކުރުކޮށް ކަމަށެވެ. މިހެން ނިންމީ ޢާދިލް މިސްކިތުގައި ކުރުކޮށް ކުރާތީވެ، ޖަމާޢަތް ބޮޑުވެގެން ގޮސް މަޖީދީ މަގު ބްލޮކްވެ ރައްޔިތުންނާއި ސަވާރީތަކަށް ދަތިތައް ދިމާވާތީވެ އެކަމަށް ހައްލެއް ހޯދުމަށް ކަމުގައި ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓަރ ވިދާޅުވީ އަމާޒަކީ 2027 ގައި މާލެ ސަރަޙައްދުގައި އިމާމުވެ ތަރާވީސްކުރާ އެންމެހައި ހާފިޒުންނަކީ ދިވެހިންނަށް ވޭތޯ މަސައްކަތްކުރުން ކަމަށާއި ރާއްޖޭގެ އެކި ސަރައްދުތަކުގައި މިފަހަރު ވެސް ގިނަ ޢަދަދެއްގެ ދިވެހި ހާފިޒުން އިމާމުވެ ތަރާވީސްކުރާނެ ކަމަށެވެ. އަދި މިފަހަރު މާލެ ސަރަޙައްދުގައި ބޮޑު ޖަމާޢަތްތަކުގައި އިމާމުވެ އީދު ނަމާދު ކުރާ ބޭފުޅުންގެ ތެރޭގައި ފާހަގަކޮށްލެވޭ ޒުވާން ޚަޠީބުން ހިމެނޭނެކަމަށް ވެސް ވިދާޅުވިއެވެ.


