އެމްޕީއެލް މުވައްޒަފެއް ފިޓް ޖެހިގެން ނިޔާވެއްޖެ
22 ޖެނުއަރީ 2026 - 07:12

އެމްޕީއެލް މުވައްޒަފެއް ފިޓް ޖެހިގެން ނިޔާވެއްޖެއެވެ.
އެމްޕީއެލް އިން ބުނީ މާލެ ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި މިއަދު ހެނދުނު ޑިއުޓީގައި މަސައްކަތްކުރަމުންދިޔަ އެކުންފުނީގެ މުވައްޒަފެއް ކަމަށްވާ އަމީން ޢަބްދުލްޚަމީދަށް ފިޓު ޖެހި، އިތުރު ފަރުވާއަށް އައި.ޖީ.އެމް.އެޗް އަށް ގެންދިޔަ ފަހުން ނިޔާވެފައިވާ ކަމަށެވެ. އަދި ޑިއުޓީގައި ހުއްޓާ ފިޓުޖެހި، އަމީން ވެއްޓުނީ މާލޭ ވިޔަފާރި ބަނދަރުގެ ހުޅަނގު ފަރާތު ޖެޓީ ސަރަހައްދު މޫދަށް ކަމަށެވެ.

Ad by Hajj Corporation
މި ހާދިސާ ހިނގުމާއެކު، އެ ކުންފުނީގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ އެމެރަޖެންސީ ރެސްޕޮންސް ޓީމުން ވަނީ ވަގުތުން އެ ސަރަހައްދަށް އެޓެންޑްވެ، އެމްބިއުލަންސްގައި އަމީން އައި.ޖީ.އެމް.އެޗް އަށް ގެންގޮސްފައިވާ ކަމަށާއި އުމުރުން 30 އަހަރުގެ އަމީން މަސައްކަތްކުރަމުންދިޔައީ އެމް.ޕީ.އެލްގެ ފްލީޓް ސަަރިވަސް ޑިޕާޓްމަންޓްގެ މެރިން ކްރާފްޓް ސެކްޝަންގެ ސީނިއަރ ޑެކް ހޭންޑެއްގެ މަގާމުގައި ކަމަށް ވެސް ވަނީ ބުނެފައެވެ.
އެމްޕީއެލް އިން ބުނީ އެ ކުންފުނީގެ ވަޒީފާއާ އަމީން ގުޅުނީ 2020 ވަނަ އަހަރު ކަމަށެވެ.
ދިވެހިރާއްޖޭގައި ހާޓް އެޓޭކާއި ސްޓްރޯކް ޖެހޭ މިންވަރު އިތުރުވަމުންދާތީ، ޑޮކްޓަރުންނާއި ސިއްހީ މާހިރުން އަންނަނީ ނުހަނު ކަންބޮޑުވުން ފާޅުކުރަމުންނެވެ. ފުރާނައަށް ނުރައްކާވާ މި ބަލިތަކަކީ މިހާރު ރާއްޖޭގައި މީހުން މަރުވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނޭ ބަލިތަކެވެ. އަދި ކުރިއާ އަޅާބަލާއިރު މާ ހަގު އުމުރުފުރާތަކުގެ މީހުންނަށް މި ބަލިތައް ޖެހޭ މިންވަރު ވަނީ އިތުރުވެފައެވެ.
މި ބަލިތައް އިތުރުވަމުންދަނީ ފާއިތުވި އަހަރުތަކު ތެރޭގައި ދިރިއުޅުމުގެ އާދަކާދަތަކަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ކަމަށް ސިއްހީ މާހިރުން ބުނަމުން އަންނައިރު، ކެއިންބުއިމުގެ ނުރަނގަޅު އާދަތަކަކީ މީގެތެރެއިން އެންމެ މުހިންމު އެއް ސަބަބު ކަމަށް ވެސް އެފަރާތްތަކުން ބުނެއެވެ. އަދި ގިނަ އަދަދަކަށް ތެލާއި، ލޮނާއި، ހަކުރު ހިމެނޭ ކާނާގެ ބާވަތްތައް ކަމަށްވާ ތެލުލި ހެދިކާ، ޕްރޮސެސްކޮށްފައިވާ ކާނާ އަދި ހަކުރު ގިނަ ބުއިންތައް ގިނައިން ބޭނުންކުރުމަކީ އާންމު ކަމެކެވެ. މީގެ ސަބަބުން ކޮލެސްޓްރޯލް މައްޗަށް ދިއުމާއި، ލޭގެ ޕްރެޝަރާއި ހަކުރުގެ މިންވަރު އިތުރުވެ، ހިތާއި ލޭހިނގާ ނާރުތަކަށް ގެއްލުން ލިބެއެވެ.
މީގެއިތުރުން ދުންފަތުގެ އިސްތިއުމާލުކުރުމަކީ ރާއްޖޭގައި އަދިވެސް ވަރަށް އާންމު ކަމަކަށްވާއިރު، މިއީ ލޭހިނގާ ނާރުތަކަށް ގެއްލުންދީ، ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން ލިބުން މަދުކޮށްދޭ ކަމަކަށްވާތީ، ހާޓް އެޓޭކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު މިކަމުގެ ސަބަބުން ނުހަނު ބޮޑުވާކަމަށް ވެސް ދިރާސާތަލުން ދައްކައެވެ.


