ވިނީޝިއަސް ގެ ސޮއި ހޯދުމަށްސަޢޫދީިއިން 1 ބިލިޔަން ޑޮލަރުގެ ކޮންޓްރެކްޓެއް ހުށަހަޅަނީ
23 ޖެނުއަރީ 2026 - 03:40

ރެއާލް މެޑްރިޑްގެ ތަރި ވިނީޝިއަސް ޖޫނިއަރ ހޯދުމަށް ސައުދީ ޕްރޯ ލީގުގެ ކްލަބުތަކުން ބޮޑު ޝައުގުވެރިކަމެއް ފާޅުކުރަމުންދާ ކަމަށް މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ބެން ޖޭކޮބްސް ރިޕޯޓްކޮށްފިއެވެ. ސައުދީގެ އޮފިޝަލުންނާއި ބްރެޒިލްގެ މި ފޯވާޑްގެ މަންދޫބުންނާ ދެމެދު މިދިޔަ އަހަރުން ފެށިގެން މަޝްވަރާތައް ކުރިއަށްދާ ކަމަށް މައުލޫމާތު ލިބެއެވެ.
ސައުދީ ލީގުން ވިނީޝިއަސް ފާހަގަކޮށްފައިވަނީ 2026 ވަނަ އަހަރުގެ ހޫނު މޫސުމުގައި އެ ގައުމަށް ގެންދަން ބޭނުންވާ އެންމެ މުހިންމު އެއް ކުޅުންތެރިޔާގެ ގޮތުގައެވެ. މި މަޝްވަރާތަކުގައި އެންމެ އިސްކޮށް އުޅެނީ އަލް-އަހްލީ ކްލަބުން ކަމަށްވާއިރު، އެ ކްލަބުން ވިނީޝިއަސްއަށް 1 ބިލިއަން ޔޫރޯގެ އަގުބޮޑު ކޮންޓްރެކްޓެއް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Ad by Hajj Corporation
ރެއާލް މެޑްރިޑުން ބޭނުންވަނީ ވިނީޝިއަސްއާއެކު އޮތް އެއްބަސްވުން އާކޮށް، އޭނާ އެ ކްލަބުގައި ދިގު މުއްދަތަކަށް ބެހެއްޓުމަށެވެ. ނަމަވެސް، ކްލަބުގެ އެތެރޭގެ ބައެއް ބަދަލުތަކާ ގުޅިގެން ކޮންޓްރެކްޓް އާކުރުމުގެ މަޝްވަރާތައް މިވަގުތު އޮތީ މެދުކަނޑާލާފައެވެ. މިއީ ސައުދީގެ ކްލަބުތަކަށް މި ފުރުސަތުގެ ބޭނުން ހިފުމަށް ލިބުނު ހުޅުވިފައިވާ ދޮރެއްގެ ގޮތުގައި ބެލެވެއެވެ.
މިހާ ބޮޑު ހުށަހެޅުމެއްގެ ވާހަކަ ދެކެވުނު ނަމަވެސް، ވިނީޝިއަސް ތަކުރާރުކޮށް ބުނަމުންދަނީ އޭނާ ހުރީ ރެއާލް މެޑްރިޑަށް ވަފާތެރިކަންމަތީގައި ކަމަށެވެ.
ކަން މިހެން އޮތް ނަމަވެސް، ސައުދީ އަރަބިއްޔާއިން ދުނިޔޭގެ ފުޓްބޯޅައިގައި މިހާތަނަށް ނުފެންނަ ފަދަ ބޮޑު ހުށަހެޅުމެއް ހުށަހަޅަން ތައްޔާރުވަމުންދާތީ، 2026 އާ ހަމައަށް ވިނީޝިއަސްގެ މުސްތަގުބަލާ ބެހޭގޮތުން ދެކެވޭ ވާހަކަތައް އިތުރުވާނެ ކަމަށް ބެލެވެއެވެ.


