ދަރަނި ދެއްކުމަށް މިދިޔަ އަހަރު ރެކޯޑް މިންވަރެއް ހޭދަކުރި
24 ޖެނުއަރީ 2026 - 05:12

ނިމިދިޔަ 2025ވަނަ އަހަރަކީ ލޯނުތައް އަނބުރާ ދެއްކުމަށް ފަހުގެ ތާރީޚެއްގައި ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވާ އަހަރު ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުން ދައްކާގޮތުން، މިދިޔަ އަހަރު ނިމުނުއިރު ލޯނު ދެއްކުމަށް އެކަނިވެސް 5.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއީ ނިމިދިޔަ އަހަރުގެ ބަޖެޓުގައި އެކަމަށް ކަނޑައެޅި 3.8 ބިލިޔަން ރުފިޔާއަށްވުރެ 1.3 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި 2024 ވަނަ އަހަރު ލޯނު ދެއްކުމަށް ޚަރަދުކުރި 2.3 ބިލިޔަން ރުފިޔާއާ އަޅާ ބަލާއިރު 121.7 އިންސައްތަ އިތުރު އަދަދެކެވެ.
ދައުލަތުގެ ދަރަނި އަދާކުރުމަށް ކުރި ހޭދައިގެ ތެރެއިން އެންމެ ބޮޑު ބައެއް ހޭދަވެފައިވަނީ ލޯނުތަކުގެ އިންޓްރެސްޓް ދެއްކުމަށެވެ. އެގޮތުން ލޯނު އިންޓްރެސްޓްގެ ގޮތުގައި އެކަނިވެސް 4.6 ބިލިއަން ރުފިޔާ ސަރުކާރުން ދައްކާފައި ވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 1.4 އިންސައްތައިގެ އިތުރުވުމެކެވެ. ބޭރުގެ ފަރާތްތަކަށް ލޯނު ދެއްކުމަށް ޖުމްލަ 2.9 ބިލިއަން ރުފިޔާ ހޭދަކުރިއިރު، މީގެ ތެރޭގައި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާއި އެކި ގައުމުތަކުން ނަގާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ލޯނުތައް ހިމެނެއެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ ރިޕޯޓުގައިވާގޮތުން 2024 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ޑެފިސިޓް 13.1 ބިލިއަން ރުފިޔާގައި ހުރި އިރު، 2025 ވަނަ އަހަރުގެ ނިޔަލަށް މި އަދަދު ވަނީ 3.5 ބިލިއަން ރުފިޔާއަށް ވަނީ ކުޑަކުރެވިފައެވެ. މިއީ ދައުލަތުގެ ޚަރަދުތައް ކޮންޓްރޯލްކުރުމާއެކު އާމްދަނީގެ ސިޔާސަތުތަކަށް ގެނެސްފައިވާ ބަދަލުގެ ހެޔޮ ނަތީޖާކަމަށް މާލީ ވުޒާރާއިން ބުނެއެވެ.
ކުރީ އަހަރާ އަޅާބަލާއިރު، މިދިޔަ އަހަރުރާއްޖޭގެ ޕްރައިމަރީ ބެލެންސް ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. އެގޮތުން 2024 ވަނަ އަހަރު 8.4 ބިލިއަން ރުފިޔާގައި ހުރި ޑެފިސިޓްވި ޕްރައިމަރީ ބެލެންސް، 2025 ވަނަ އަހަރު ނިމުނުއިރު ހުރީ 1.2 ބިލިއަން ރުފިޔާގެ ސަރޕްލަސްއެއްގައެވެ. މިއީ ފަހުގެ ތާރީޚެއްގައި ޕްރައިމަރީ ސަރޕްލަސް އެއްގައި މާލީ އަހަރެއް ނިންމާލެވުނު ފުރަތަމަ ފަހަރުކަން މާލީ ވުޒާރާއިން ފާހަގަކުރެއެވެ.

Ad by Hajj Corporation
ކުރީ ސަރުކާރުން ލޯނުތައް އަނބުރާ ދެއްކުމަށް ގެންގުޅު އުސޫލުތަކުގެ ސަބަބުން ރާއްޖެ ބަނގުރޫޓުވާނެ ކަމަށް ބުނަމުން ދިއުމާއެކު ރާއްޖޭގެ ސުކޫކުގެ އަގުވެސް އޭރު ވަރަށް ބޮޑަށް ދަށްވެގެންދިޔައެވެ. މާލީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި 2024 ވަނަ އަހަރު އެޕްރީލް މަހުގެ ކުރީކޮޅު ސުކޫކުގެ އަގު ހުރީ ޑޮލަރަކަށް 67.4 ސެންޓުގައެވެ. ނަމަވެސް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައި ދައްކަންޖެހޭ ދަރަނިތައް އެއްވެސް ލަސްވުމެއް ނެތި ދައްކަމުން ދިއުމުން ސުކޫކުގެ އަގު މައްޗަށް ޖެހިގެންދިޔައެވެ. މިއާއެކު، އިންވެސްޓަރުންގެ އިތުބާރު ވަރަށް ބޮޑަށް ރާއްޖެއަށް ލިބިގެންދިޔައެވެ.
ކުރީގެ ސަރުކާރުން 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ ސުކޫކެއް ވިއްކާފައިވަނީ 2021ވަނަ އަހަރުގެ ތެރޭގައެވެ. މި ސުކޫކުގެ ކޫޕަން ނުވަތަ އިންޓަރެސްޓުގެ ގޮތުގައި އަހަރަކު ދެ ޕޭމަންޓަކަށް ބަހާލައިގެން ފަހަރަކު 25 މިލިޔަން ޑޮލަރުގެ މަގުން ޖުމްލަ 50 މިލިޔަން ޑޮލަރު ދައްކަންޖެހެއެވެ. މިއަހަރު އެޕްރީލް މަހު ސުކޫކުގެ މުއްދަތު ހަމަ ސުކޫކް އަނބުރާ ދެއްކުމަށް އެއްފަހަރާ 9.3 ބިލިޔަން ރުފިޔާ ޚަރަދު ކުރުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ.


