ފޯޅަވަހި ހައްގީ ދިވެހީންނަށް ކަމަށް ރައީސް ވިދާޅުވެފައި ވަނިކޮށް މޮރިޝަސްއަށް ޗާގޯސް ދިނުމާގުޅޭ މަސައްކަތް މެދުކަނޑާލައިފި
25 ޖެނުއަރީ 2026 - 11:37
.webp&w=1920&q=75)
ފޯޅަވަހި ހައްގީ ދިވެހީންނަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައި ވަނިކޮށް މޮރިޝަސްއަށް ޗާގޯސް ދިނުމާގުޅޭ މަސައްކަތް މެދުކަނޑާލައިފިއެވެ.
އިނގިރޭސިވިލާތުގެ ބެލުމުގެ ދަށުގައި އޮތް ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމާ ގުޅޭ ބިލެއް އެޤައުމުގެ ސަރުކާރުން ވަނީ ޤާނޫނު ހަދާ މަޖިލީހުގެ މަތީގެ، ހައުސް އޮފް ލޯޑްސްއަށް ފޮނުވާފައެވެ. އެ ބިލުގެ ބަހުސް ފަށަން ތައްޔާރުވެފައިވަނިކޮށް މިހާރު ވަނީ އެ ބަހުސްތައް މަޑުޖައްސާލަން ނިންމާފައެވެ. އެގޮތުން، މިދިޔަ ހުކުރު ދުވަހު މަތީ ގޭގެ ކޮންސަވޭޓިވްސް ޕާޓީ ތަމްސީލުކުރާ މެންބަރުން ވަނީ ބައިނަލްއަގުވާމީ މަޝްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން ބަހުސް މަޑުޖައްސާލަން ގޮވާލާފައެވެ.
މިއާއެކު އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ބަހުސްތައް މެދުކަނޑާލައި، ބިލު އަނބުރާ ގެންދިއުމަށް ނިންމާފައެވެ. މި ބިލަކީ ޑިއޭގޯ ގަރސިއާ އަހަރަކު 101 މިލިޔަން ޕައުންޑުގެ ކުއްޔަކަށް 99 އަހަރަށް އެ ޤައުމަށް ދޭގޮތަށް ޗާގޯސްގެ އެހެން ރަށްތައް މޮރިޝަސްއަށް ދޭން ބުނާ ބިލެކެވެ.

Ad by Hajj Corporation
މިދަނޑިވަޅަކީ ޗާގޯސް ހައްގީ ދިވެހީންނަށް ކަމަށާއި އެއީ ދިވެހީންގެ ފޯޅަވަހި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެ، އިނގިރޭސިވިލާތުގެ ނޫހަކަށް އިންޓަވިއުއެއްދެއްވާފައިވާ ދަނޑިވަޅެކެވެ.
އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ "އެކްސްޕްރެސް" އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ، އިނގިރޭސި ސަރުކާރުން މޮރިޝަސްއަށް ޗާގޯސް ދޭން ނިންމާފައިވާތީ، އެކަމާ ގުޅޭ ގޮތުން ދިވެހިރާއްޖޭން ދެކޭ ގޮތް ހާމަކޮށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށާއި އަދި އެކަމާ ގުޅޭ މުއާމަލާތްތަކެއް ކުރައްވާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ޗާގޯސް ދޭންޖެހޭނީ ރާއްޖެއަށް ކަމަށް ރާއްޖޭން ގަބޫލުކުރާކަން އިނގިރޭސި ސަރުކާރަށް ރަސްމީކޮށް އަންގައި އެގޮތަށް ރާއްޖޭން ދެކޭ ސަބަބުތައް ވެސް ހާމަކޮށްފައިވާނެ ކަމަށެވެ. މިކަން އިނގިރޭސި ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ޗާގޯސްއަކީ ތާރީހީ ގޮތުން ރާއްޖެއާ ގުޅުންތަކެއް އޮތް ތަނެއް ކަމަށެވެ.
ރައީސް ވިދާޅުވީ ޗާގޯސްއަކީ ދިވެހިން ކިޔާ ގޮތުން ނަމަ ފޯޅަވަހި ކަމަށެވެ. އެއީ ރާއްޖޭގެ ދެކުނުގައި އޮންނަ ތަނެއްކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ، އެކަމާ ގުޅޭ ބެހޭ ހެކިތައް ލިޔެކިޔުންތަކުން ފެންނަން ހުރުމުން ރާއްޖޭން ގަބޫލުކުރަނީ އެހެން އެއްވެސް ގައުމަކަށް ވުރެ ޗާގޯސް ހައްގުވަނީ ރާއްޖެއަށް ކަމަށެވެ.
ރައީސް ވިދާޅުވީ، ރާއްޖެއަށް ޗާގޯސް ލިބެން ޖެހޭނެ ކަމާއި އެކަމުގައި ހުރި ކަންބޮޑުވުންތައް އިނގިރޭސި ސަރުކާރާ ހިއްސާކޮށްފައިވާ ކަމަށް ވިދާޅުވުން ފިޔަވައި އެ މަޝްވަރާގެ ތަފްސީލެއް އަދި ހާމަކުރެވޭކަށް ނެތް ކަމަށެވެ.
ރާއްޖޭގެ ދެކުނުން އިންޑިއާ ކަނޑުގައި އޮންނަ ޗާގޯސްގެ ރަށްތައް މޮރިޝަސް އަށް ދޭން އިނގިރޭސި ވިލާތުން އެއްބަސްވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސި ވިލާތަށް ހާއްސަ ސިޓީފުޅެއް ފޮނުއްވީ 2025 ވަނަ އަހަރުއެވެ.
މިދިޔަ މެއި މަހުގެ ތިންވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ދިވެހިރާއްޖޭގެ ކަނޑުން ގެއްލުނު ސަރަޙައްދު ހޯދުމަށް ކުޑަ ވެސް ދުލެއް ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ އިމުގެ މައްސަލަ 58 އަހަރު ފަހުން، މިދިޔަ 2023 އަހަރު އިޓްލޮސްއިން ނިންމީ ރާއްޖޭން އެދުނު ގޮތަށެވެ. އިޓްލޮސްއިން އޭޕްރީލް 28 ގައި ހުކުމްކުރުމާ އެކު އޭރު އިދިކޮޅުގައި ތިބި ޕީޕީއެމް/ޕީއެންސީން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އަދި، ކަނޑުން ބައެއް "ވިއްކައިލީ" ކަމަށް ތުހުމަތުކޮށް، އިޓްލޮސްގެ ނިންމުން އިސްތިއުނާފުކުރަން ޖެހޭ ކަމަށް ތަކުރާރުކޮށް ގޮވައިލިއެވެ.
މި ސަރުކާރުން ދެކެނީ އެ މައްސަލައިގައި ކުރީގެ ސަރުކާރުން ގެންގުޅުނު ސިޔާސަތަކީ ގާނޫނުއަސާސީއާއި ގާނޫނުތަކާ ފުށުއަރާ، އަދި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
އިިނގިރޭސިން ޗާގޯސްގެ ރަށްތަކަށް ވެރިވެގަތީ 1965ވަނަ އަހަރު މޮރިޝަސް އެ ގައުމުގެ އިސްތިއުމާރުގެ ދަށުގައި އޮތްއިރެވެ. އަދި، ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ގާއިމުކޮށް ހިންގުމަށް ކުއްޔަށް ދީފައިވަނީ 2036ގެ ނިޔަލަށެވެ.
ނަމަވެސް، 2019ގައި މޮރިޝަސްއިން ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރި ދައުވާ މޮރިޝަސްއާ އެއްކޮޅަށް ނިމި، އެ ކޯޓުން ވަނީ ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތަށް އަންގައިފައެވެ. އެ ރަށްތަށް އަނބުރާ މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުގެ ކިބައިން އދ. އިން ވެސް ވަނީ ތަކުރާރުކޮށް އެދިފައިވެއެވެ.
އިޓްލޮސްގެ ނިންމުން އިސްތިއުނާފުކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.


