ޗާގޯސްގެ މައްސަލައާ ގުޅިގެން މޮރިޝަސް އިން ރާއްޖެއާއެކު ޚާރިޖީ ގުޅުން މެދުކަނޑާލަން ނިންމައިފި
27 ފެބްރުއަރީ 2026 - 18:41

ޗާގޯސްގެ މައްސަލައާ ގުޅިގެން މޮރިޝަސް އިން ރާއްޖެއާއެކު ޚާރިޖީ ގުޅުން މެދުކަނޑާލަން ނިންމައިފިއެވެ.
އެގައުމުގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ ގައުމުގެ ކެބިނެޓުން އެގޮތަށް ނިންމަން ޖެހުނީ ޗާގޯސް ޖަޒީރާގެ ރަށްތަކުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ރާއްޖޭން ގަބޫލުކުރަން މިހާރު ދެކޮޅު ހަދާތީ ކަމަށެވެ. އަދި ޗާގޯސްގެ މައްސަލައިގައި އިނގިރޭސި ސަރުކާރާއެކު އެކުލަވައިލަން މަސައްކަތްކުރާ އެއްބަސްވުމަށް ރާއްޖޭން އިއުތިރާޒު ކުރަމުންދާތީ ކަމަށެވެ.

Ad by Hajj Corporation
މޮރިޝަސް އާ ރާއްޖެއާއެކު ޚާރިޖީ ގުޅުން މެދުކަނޑާލަން ނުވަތަ ސަސްޕެންޑުކުރަން ނިންމާފައިވާއިރު، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށް އިއުތިރާޒުކޮށް، އެކަމާ ގުޅޭގޮތުން އިނގިރޭސިވިލާތުގެ ސަރުކާރާއެކު މަޝްވަރާކުރަން ދިވެހި ސަރުކާރުން ރަސްމީކޮށް ވަނީ ނިންމާފައެވެ. އެކަން ހާމަކުރައްވާފައިވަނީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
އެމަނިކުފާނު ވިދާޅުވީ ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސި ވިލާތުން ނިންމި ނިންމުމަށް ދިވެހި ދައުލަތުން ދެކޮޅު ހަދާކަން ބަޔާންކޮށް، 8 ނޮވެމްބަރު 2024 އަދި 18 ޖެނުއަރީ 2026 ގައި އިނގިރޭސި ސަރުކާރަށް ލިޔުމުން ހުށަހަޅާފައިވާ ކަމަށެވެ. އަދި 15 ޑިސެމްބަރު 2025 ގައި އިނގިރޭސި ބޮޑުވަޒީރުގެ ނައިބު ޑޭވިޑް ލެމީއާ އެކު ބޭއްވި މަޝްވަރާތަކުގައި ވެސް އެކަން ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އިނގިރޭސިވިލާތުގެ ނޫހެއްކަމަށްވާ "އެކްސްޕްރެސް"އަށް ދެއްވި އިންޓަރވިއުއެއްގައި ވެސް ޗާގޯސް ރާއްޖެއަށް ލިބުން އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ޙައްގުކަން ބޮޑުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ މޮރިޝަސްއަށްވުރެ ރާއްޖެއާއި ޗާގޯސް އޮންނަ ސަރަޙައްދު ޖިއޮގްރަފިކަލީ ގާތްވުމާއި، ރާއްޖެއާއި މޮރިޝަސްއާއި ދެމެދު ތާރީޚީ ވަރުގަދަ ގުޅުމެއް އޮންނަކަމަށެވެ. އެހެންކަމުން ޗާގޯސް ރާއްޖެއަށް ޤާނޫނީގޮތުން ލިބުން މާއައުލާކަން ބޮޑުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން އެކިފަހަރުމަތިން އިނގިރޭސި ސަރުކާރާއެކު މިމައްސަލައިގައި ދިވެހި ސަރުކާރުން މަޝްވަރާކުރައްވާފައިވާކަން ފާހަގަކުރައްވާ، ވިދާޅުވީ މިމައްސަލައިގައި ރާއްޖެއިން ދެކޭގޮތާއި ރާއްޖޭގެ ކަންބޮޑުވުން އިނގިރޭސި ސަރުކާރަށް ވަރަށް ސާފުވާނެކަމަށެވެ. އަދި އެކަމުގެ ތަފްސީލު މިވަގުތު ހާމަކުރެވެން ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖެއާއި ޗާގޯސްއާއި ދެމެދު 310 މޭލު ހުންނައިރު، އިނގިރޭސިން މިހާރު ޗާގޯސް ހަވާލުކޮށްފައިވާ މޮރިޝަސްއާއި ޗާގޯސްއާއި ދެމެދު ހުންނަނީ 1300 މޭލެވެ. ދިވެހިން "ފޯޅަވަހި" ކިޔާ ޗާގޯސްގެ ރަށްތަކާއި ދިވެހި ރަށްތަކާއި އެއްގޮތްކަން ބޮޑު ކަންތައްތަކެއް ހުންނައިރު، ރާއްޖޭގެ ތާރީޚުގައި ފޯޅަވަހީގެ ވާހަކަތައް ވަރަށް ގިނައިން އާދެއެވެ.
ރާއްޖެއިން މިކަމުގައި ވަކާލާތުކުރާ ކަންކަމުގެ ތެރޭގައި މޮރިޝަސްއަކީ 17 ވަނަ ޤަރުނާހަމައަށް މީހުން ވަޒަންވެރިވެ އުޅުނު ތަނަކަށްނުވާއިރު ރާއްޖެއަކީ ދައުލަތެއްގެ ގޮތުގައި މީހުން ރަށްތަކެއްގެ މައްޗަށް ބެހި އާބާދުވެގެން ދިރިއުޅެމުން އަންނަތާ 4000 އެއްހާ އަހަރުވެފައިވާ ޤައުމެއްކަން ދަނީ ފާހަގަކުރަމުންނެވެ.
ޗާގޯސް މައްސަލައިގައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން 2019 ވަނަ އަހަރުވަނީ ޗާގޯސް މޮރިޝަސްއާއި ހަވާލުކުރުމަށް ނިންމަވާފައެވެ. މިއަށްފަހު ކުރެވުނު ގިނަ މަޝްވަރާތަކަށްފަހު އިނގިރޭސިވިލާތުންވަނީ ޗާގޯސް މޮރިޝަސްއަށް ދޫކޮށްލާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ކެމްޕޭންގެ ތެރޭގައިވަނީ ޗާގޯސް އެއީ ރާއްޖޭގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތްކުރައްވާނެކަމަށް ވަޢުދުވެވަޑައިގަންނަވާފައެވެ.


