ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރޭތަކެއްޗަށް ގެއްލުންދޭ މިންވަރު އިތުރުވެއްޖެ: އީޕީއޭ

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރޭތަކެއްޗަށް ގެއްލުންދޭ މިންވަރު އިތުރުވެފައިވާކަމުގެ ކަންބޮޑުވުން އީޕީއޭއިން ފާޅުކުރޭ// ފޮޓޯ: ދަ މޯލްޑިވްސް ޓްރެވެލް ޑޮޓް ކޮމް

07 އޮކްޓޯބަރު 2024 - 13:57
ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރޭތަކެއްޗަށް ގެއްލުންދޭ މިންވަރު އިތުރުވެއްޖެ ކަމަށް އެންވާރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ބުނެފިއެވެ.
އީޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނުނުގެ ދަށުން ގުދުރަތީ ގޮތުން ނުވަތަ ތަބީއީގޮތުން ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭތަކެއްޗާބެހޭ ގަވާއިދުން ރާއްޖޭގެ މާހައުލުން ފެންނަ މުހިންމު ދިރުންތަކެއް ރައްކާތެރިކޮށް ގާނޫނީ ގޮތުން ހިމާޔަތް ދީފައިކަމަށެވެ.
މިގޮތުން ރާއްޖޭގައި އުޅޭ ފަސް ބާވަތެއްގެ ވެލާ ކަހަނބާއި، ކަންޒު ކަހަނބުގެ ބާވަތަކާއި، 207 ބާވަތުގެ ދޫންޏާއި އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެންނަ ހުރިހާ ބާވަތެއްގެ މަޑި މި ގަވާއިދުގެ ދަށުން ހިމާޔަތް ކުރެވިފައި ކަމަށް އީޕީއޭގެ ބަޔާނުގައިވެއެވެ. ހަމަ އެއާއެކު ދިވެހި ރާއްޖޭގެ ފަރުތަކާއި ކަނޑުތަކުގެ މުހިންމުކަމާއި މުއްސަނދިކަން އެންމެބޮޑަށް ދޭހަކޮށްދޭ އެއް ދިރުން ކަމުގައިވާ ފެހުރިހި ވެސް ވަނީ މި ގަވާއިދުގެ ދަށުން ހިމާޔަތް ކުރެވިފައިކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ނަމަވެސް ހިތާމައަކީ ދިވެހި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ދިރުންތަކާ، އެ ދިރުންތަކުގެ މާހައުލަށް ނޭދެވޭ އަސަރުކުރާ ގިނަގުނަ ކަންތައްތަކެއް ތަކުރާރުކޮށް ފެންނަ މިންވަރު އަހަރަކަށްވުރެ އަހަރެއް އިތުރުވަމުން އަންނަކަން މި އެޖެންސީއަށް ފާހަގަވެފައިވުމެވެ.
އީޕީއޭގެ ބަޔާނުގައި ހިމާޔަތްކޮށްފައިވާ ދިރުންތައް ހިފާ ގެންގުޅުމާއި، މެރުމާ ކެއުން އަދި އެތަކެއްޗާއި ތަކެތީގެ ވިޔަފާރިކުރުމާއި، ވެލާ ކަހަނބު ހިފުމާއި ކެއުމަކީ މަނާކަމެއްކަން ބަޔާންކޮށްފައިވެއެވެ.
އަދި މީގެ އިތުރުން ހިމާޔަތްކޮށްފައިވާ ދޫނި ސޯފާސޫފީގެ ބާވަތްތައް އޮޅު ޖަނަވާރުގެ ގޮތުގައި ގެންގުޅުން އާއްމުވެފައިވާކަން ފާހަގަކޮށް މިއީވެސް މަނާކަމެއްކަން ހަނދާންކޮށްދީފައިވެއެވެ.
އިތުރު ލިޔުންތައް

ހުއްދަ ނުހޯދާ ބޮޑު ހިލަޖެހުމުން ހުރަވަޅި ބީޗް ރިސޯޓު ޖޫރިމަނާކޮށްފި
8 މަސް ކުރިން
މަޑިއަށް ކާންދިނުމަކީ މަނާކަމެއްކަމަށް އީޕީއޭއިން ބުނެފި
5 މަސް ކުރިން
ފެހުރިހި ބަލަން ސަމްޕާއަށް ދާ އުޅަނދުތަކުގެ ބުރަފަތީގައި ގާޑުއަޅަން މަޖުބޫރުކޮށްފި
5 މަސް ކުރިން