ކުޅުދުއްފުށީ ފަރަށް އެރި ބާޖު ފުން ކުރަން ކޯޓުން އަމުރުކޮށްފި
12 ސެޕްޓެމްބަރު 2025 - 11:40

ހދ. ކުޅުދުއްފުށީ ހުޅަނގު އުތުރު ފަރާތު ފަރުމައްޗަށް އަރާފައި އޮތް ބާޖު ފުންކޮށް، އެ ސަރަހައްދު ސާފު ކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
2023 ވަނަ އަހަރުގެ ޖުލައި މަހު، ކުޅުދުއްފުށީ ފަރަށް އެރީ، ގާތްގަނޑަކަށް 6000 ޓަނުގެ ހިލަ ބަރުކޮށްގެން އެ ރަށަށް ދިޔަ، ޓިއާން ޖިއާން ނަމަކަށް ކިޔާ ބާޖެކެވެ. މި ބާޖު ފުން ކުރަން ހަވާލުކޮށްފައި އޮތީ ބީއެމްސީ ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީ ކިޔާ ކުންފުންޏަކާއެވެ. އެ ބާޖުގައި ހުރި ހިލަތައް ހުސްކޮށްފައިވީނަމަވެސް، ބާޖު އެތަނުން ނެގުމަށް އޭގެ ވެރިފަރާތަށް އެތައް މުއްދަތެއް ދިނުމުންވެސް އެ އެންގުމަށް އަމަލުކޮށްފައިނުވެއެވެ. އެ ބާޖު މިހާރު ވަނީ ބީއެމްސީ ސްލިޕްވޭ އެންޑް ސަލްވޭޖް ކިޔާ ކުންފުންޏަކަށް ވިއްކާލާފައެވެ.

Ad by Hajj Corporation
އެ ބާޖުގެ ސަބަބުން ފަރަށް ގެއްލުންތައް ލިބެމުންދާތީ، ބާޖު ނުނަގައިގެން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ދައުލަތުގެ ފަރާތުން އެންވަޔަރަމަންޓަލް ޕްރޮޓަކްޝަން އޭޖެންސީ (އީޕީއޭ) އިންނެވެ. އީޕީއޭއިން ސިވިލް ކޯޓުގައި މި މައްސަލައިގައި ދައުވާކޮށްފައިވަނީ ބާޖު ގަނެފައިވާ ބީއެމްސީ ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީއާ ދެކޮޅަށެވެ.
މި މައްސަލައިގައި އީޕީއޭއިން ބުނެފައިވަނީ، ފަރަށް ލިބެމުންދާ ގެއްލުންތަކުން އެ ސަރަހައްދު ރައްކާތެރިކުރުމާއި، ކުޅުދުއްފުށީގެ އެއާ އޮޕަރޭޝަންތައް ހިންގުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުން ދާކަމަށެވެ. އީޕީއޭއިން ބާޖު ނެގުމަށް ތަކުރާރުކޮށް އެ ކުންފުންޏަށް އެންގިނަމަވެސް، މިހާތަނަށް ބާޖު ނެގުމުގެ މަސައްކަތް ފަށާފައިނުވާކަން ފާހަގަކޮށް، އީޕީއޭގެ ދައުވާގައި އެދިފައިވަނީ އެ ބާޖު އެތަނުން ނަގައި އެސަރަހައްދަށް އެޅިފައިވާ ބާޖުގެ ބައިތަކާއި ހިލަތައް ނެގުމަށް އަމުރުކޮށްދިނުމަށެވެ.
މި ދައުވާއަށް އެ ކުންފުނިން ޖަވާބުދާރީވެފައި ނުވާއިރު، މި މައްސަލައިގައި އެ ކޯޓުން ޙުކުމް ކޮށްފައިވަނީ އެ ކުންފުނީގެ ޣައިރު ޙާޒިރުގައެވެ. އެގޮތުން، ޙުކުމްގައި ބުނެފައިވަނީ ކުޅުދުއްފުށީ ފަރަށް އަރާފައިވާ ބާޖު 14 ދުވަސް ތެރޭ ނަގައި، އެތަނަށް އެޅިފައިވާ ބާޖުގެ ބައިތަކާއި ހިލަތައް ނެގުމަށް ބީއެމްސީ ސްލިޕްވޭ އެންޑް ސަލްވޭޖް ކުންފުނީގެ މައްޗަށް އަންގާކަމަށެވެ.