ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުޅުދުއްފުށީގައި ހާއްސަ މަރުކަޒެއް ހުޅުވައިފި
11 އޮކްޓޯބަރު 2026 - 07:14

ހދ. ކުޅުދުއްފުށީގައި ރައްޔިތުންނާއި ޚާއްސަކޮށް ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމުގެ މަގުސަދުގައި "މަނަސް ހަބް" ގެ ނަމުގައި މަރުކަޒެއް ހުޅުވައިފިއެވެ.
.png&w=750&q=75)
Ad by Hajj Corporation
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިސްނަގައިގެން ގާއިމުކުރި މި މަރުކަޒު ހުޅުއްވައިދެއްވީ އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފާއި ރާއްޖޭގައި ހުންނަވާ އޮސްޓްރޭލިއާގެ ސަފީރު ޑޭވިޑް ޖެސަޕެވެ.
މި ހިދުމަތް ފަރުމާކުރުމުގައި އޮސްޓްރޭލިއާގެ މަޝްހޫރު "ހެޑްސްޕޭސް" މޮޑެލްގެ އެހީތެރިކަން ހޯދާފައިވެއެވެ. އެގޮތުން އެ މޮޑެލްގެ މުހިންމު އުސޫލުތައް ރާއްޖެއާއި ކުޅުދުއްފުށީގެ އިޖުތިމާއީ މާހައުލާ ގުޅޭގޮތަށް ބައްޓަންކޮށް، ކޮންމެ ފަރުދަކަށް ވެސް ފަސޭހަކަމާ އެކު ވާސިލުވެވޭނެ އަމާން މާހައުލެއް ވަނީ ގާއިމުކޮށްދީފައެވެ. އެގޮތުން އާންމު ކްލިނިކަލް ނުވަތަ ހޮސްޕިޓަލް މާހައުލާ ތަފާތުކޮށް، ނަފްސާނީ މައްސަލަތައް އިތުރަށް ގޯސްވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އެހީތެރިކަން ފޯރުކޮށްދިނުމަށް މި ހަބް ވަނީ ތަރައްގީކޮށްފައެވެ.
މި މަރުކަޒުން ފުރަތަމަ މަރުހަލާގައި ކުރިއަށްގެންދާނީ ސްޓްރެސް މެނޭޖްކުރުމާއި، ނަފްސާނީ ގޮންޖެހުންތަކުން އަރައިގަތުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ސެޝަންތަކާއި، ކެރިއާ ގައިޑެންސްގެ އިތުރުން މުނިފޫހިފިލުވުމުގެ ރެކްރިއޭޝަނަލް ހަރަކާތްތަކެވެ. އަދި ދެވަނަ މަރުހަލާގައި ކްލިނިކަލް ސައިކޮލޮޖިސްޓުންގެ ހިދުމަތާއި، ޑިޖިޓަލް މެންޓަލް ހެލްތު ސްކްރީނިންގެ އިތުރުން ޕްރައިވެޓް ކޮންސަލްޓޭޝަންގެ ހިދުމަތްތައް ލިބެން ހުންނާނެއެވެ.
މި މަޝްރޫއުގެ ދުރު އަމާޒަކީ މަނަސް ހަބް މެދުވެރިކޮށް މުޅި އުތުރުގެ ސަރަހައްދަށް ނަމޫނާ، އިޖުތިމާއީ ނަފްސާނީ ދުޅަހެޔޮކަމުގެ މޮޑެލެއް ބިނާ ކުރުމާއި އިސްލާމީ ރިވެތި އަހުލާގުގެ މަތީގައި ދުޅަހެޔޮ، ފުދުންތެރި ރައްޔިތަކު ދިރިއުޅޭ އަމާން އަދި އުފާވެރި ސިޓީއެއް ބިނާ ކުރުން ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ. އެ ސިޓީ ކައުންސިލުން ބުނީ މިއީ މުޖުތަމައުގެ އިޖުތިމާއީ އަދި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށްޓަކައި ކައުންސިލުގެ ސްޓްރެޓީޖިކް ޕްލޭނުގައި ހިމަނައިގެން ހާސިލުކުރި މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.

-01.jpg&w=3840&q=75)
