ތިލަފުށި މަރު: ސްރީލްނަކާ މީހާއަށް ގަސްދަކާ ނުލައި މީހަކު މެރިކަމުގެ ތުހުމަތު
2 ފެބްރުއަރީ 2026 - 08:22

ތިލަފުށީ ވެމްކޯ ސައިޓުން ގެއްލިގެން ހޯދަމުން ދިޔަތާ ދެ ދުވަސް ފަހުން މަރުވެފައި އޮއްވައި ފެނުނު 24 އަހަރުގެ ބިދޭސީއެއްގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި ސްރީލަންކާގެ މީހާއަށް ގަސްދަކާ ނުލައި މީހަކު މެރިކަމަށް ތުހުމަތު ކޮށްފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ, ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ, ކިޔާ ސްރީލަންކާއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ ފިރިހެނެކެވެ.

Ad by Hajj Corporation
އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަސް ވަންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރު ކޮށްފައެވެ. ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ ގަސްދަކާ ނުލައި މީހަކު މެރި ކަމުގެ ތުހުމަތެވެ.
ފުލުހުން ކޯޓުގައި ބުނެފައިވަނީ ލަންކާ މީހާ ދުއްވި އެކްސްކަވޭޓަރަކުން ޖެހި މީހަކު މަރުވެފައިވާ ކަމަށާއި އަދި އޭނާ އެކްސްކަވޭޓަރު އޮޕަރޭޓް ކޮށްފައިވަނީ ބަލަން ޖެހޭ ވަރަށް ނުބަލައި ކަމަށްށެވެ.
މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގާފައިވަނީ 2026 ޖެނުއަރީ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ތިލަފުށި ވެމްކޯ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތް ކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި އަމީން މިއާ ވެއްޓުނު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އަދި އެކްސްކެވޭޓަރުން ކުނިތައް އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި، އޭނާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި، ގައިމައްޗަށް ކުނިތަކެއް އެޅިފައިވާކަން ތަހުގީގަށް އެނގިފައިވާކަމަށް ވެސް ވިދާޅުވިއެވެ.
ހާދިސާ ހިނގި ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް، މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށް ގެންގޮސްފައިވާކަން ފުލުހުން ފާހަގަކުރެއްވިއެވެ.
ފުލުހުން ބުނީ، މި މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބެމުންދާ މިންވަރަކުން އިތުރު މައުލޫމާތު ހާމަކުރަމުންދާނެ ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ރަސްމީ އިދާރާތަކުން ހާމަކުރާ މައުލޫމާތަށް އިސްކަންދިނުމަށާއި، އާންމުންގެ މެދުގައި ކުށްހީ އުފެދޭ ފަދަ ވާހަކަތައް ނުފެތުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.


