ފިޔޯރީގައި މަސް ބަންދުކުރާ ކާރުޚާނާ ގާއިމުކުރުމުން މުޅިއަތޮޅަށް ވަޒީފާގެ ފުރުސަތު ތަނަވަސްވާނެ: ނައިބު ރައީސް
2 ފެބްރުއަރީ 2026 - 17:17

ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީގައި ދަޅު މަސް ބަންދުކުރާ ކާރުޚާނާ ގާއިމުކުރެވުމުން، މުޅިއަތޮޅަށް ވަޒީފާގެ ފުރުސަތު ތަނަވަސްވެގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ފިޔޯރީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ، ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާގެ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް އިފްތިތާހުކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ކާރުޚާނާ ގާއިމުކޮށް ނިމުމުން އުފެދޭ ވަޒީފާގެ ފުރުސަތުތަކުގެ އިތުރަށް، މަސްވެރިކަމުގެ ދާއިރާއަށް އިތުރު އުޅަނދުތައް ނެރެ، ޒުވާނުން މަސްވެރިކަމުގައި ޝާމިލުވުމުގެ ވިސްނުން ގެންގުޅުއްވުމަށް ވެސް ގޮވާލައްވާފައެވެ. އަދި މި މަޝްރޫޢަކީ ގދ. ފިޔޯރީގެ އިތުރުން މުޅި ހުވަދުއަތޮޅުގެ މަސްވެރި އާއިލާތަކަށް އުޖާލާ މުސްތަޤުބަލަކަށް މަގުފަހިކޮށްދޭނެ އަދި އިޤްތިޞާދީ ފުދުންތެރިކަމާއި ސަރަހައްދީ ތަރައްޤީއަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫޢެއްކަމުގައި ވިދާޅުވިއެވެ.
ހަމަ އެޔާއެކު މި މަޝްރޫޢު ފިޔޯރީގައި ކުރިޔަށް ގެންދިޔުމަށްޓަކައި، ހުށަހެޅި ހުށަހެޅުމަށް ރައީސުލްޖުމުހޫރިއްޔާ، އިސްކަން ދެއްވައި ބެހެއްޓެވި ޚާއްޞަ ކަމަށްޓަކައި އެމަނިކުފާނަށް ޝުކުރުއަދާ ކުރެއްވިއެވެ. އަދި މިސަރަހައްދުގައި ދޮށީގެ މަސްވެރިކަން ނުހަނު ބޮޑަށް ފުޅާވެފައި އޮތުމާއެކު، ބާނާމަސް ކޫއްޑޫގައި އެކަނި ބަންދު ކުރެވެން ނެތުމުން، އެފަދަ މަޝްރޫޢެއް ހިންގަން އެންމެ ރަނގަޅު ސަރަހައްދަކީ މިސަރަހައްދު ކަމުގައި ވާތީ، ފިޔޯރީގައި މަސްބަންދުކުރާ ކާރުޚާނާއެއް އަޅުއްވަން ސަރުކާރުން ނިންމެވީކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވަނީ ފިޔޯރީއަކީ ތަރައްޤީއަށް ލޯބިކުރާ ރައްޔިތެއް ދިރިއުޅޭ ރަށެއްކަމަށާއި އަދި ފިޔޯރީއަކީ ތަރައްޤީއާއި އަމިއްލަ ވަންތަކަން ދިރުވައި އާލާކުރަމުންދާ ރަށެއްކަމުގައި ވެސް ވިދާޅުވެފައެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިއިރު، ސަރުކާރުން ވަނީ މަޝްރޫޢުގެ ފަރުމާއަށް ބޮޑެތި އަދި މުހިންމު ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން، ކުރިން ރޭވިފައި އޮތް 1500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ ބަދަލުގައި، މިހާރުގެ ފަރުމާގައި ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ 3000 މެޓްރިކް ޓަނަށް ވަނީ އިތުރުކޮށްފައެވެ. މީގެ އިތުރުން ދުވާލަކު 100 ޓަނުގެ މަސް، ދަޅުގައި ބަންދުކުރެވޭނެ ކާރުޚާނާއަކާއި، ދުވާލަކު 100 ޓަނުގެ މަސްކުނޑި އުފެއްދޭނެ ފިޝްމީލް ޕްލާންޓެއް ވެސް މި މަޝްރޫޢުގެ ދަށުން ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢު ފެށުމުގެ ގޮތުން ފިޔޯރީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބުގެ އިތުރުން ފަރެސްމާތޮޑާ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަޝްރަފް ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.


