އޮސްޓްރޭލިއާގެ މުސްލިމުންގެ ދިރިއުޅުމާއި ތާރީޚު ދައްކުވައިދޭ މައުރަޒެއް ރާއްޖޭގައި ހުޅުވައިފި
3 ފެބްރުއަރީ 2026 - 03:32

އޮސްޓްރޭލިއާގައި މުސްލިމުން އުޅެމުން އައި ގޮތާއި އެމީހުންގެ މުއްސަނދި ތާރީޚު ދައްކުވައިދޭ ޚާއްސަ މައުރަޒެއް ކަމަށްވާ "ބައުންޑްލެސް ޕްލެއިންސް" މިއަދު މާލޭގައި ހުންނަ ނެޝަނަލް އާޓް ގެލަރީގައި ހުޅުވައިފިއެވެ. އިސްލާމިކް މިއުޒިއަމް އޮފް އޮސްޓްރޭލިއާ (އައިއެމްއޭ) އާއި ރާއްޖޭގައި ހުންނަ އޮސްޓްރޭލިއާގެ ހައިކޮމިޝަން ގުޅިގެން ބާއްވާ މި މައުރަޒު ރަސްމީކޮށް ހުޅުވައިދެއްވީ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލެވެ.
މި މައުރަޒަކީ އޮސްޓްރޭލިއާގައި ދިރިއުޅެފައިވާ އަދި މިހާރުވެސް ދިރިއުޅެމުންދާ މުސްލިމުންގެ ދިރިއުޅުން ދައްކުވައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ މައުރަޒެކެވެ. މީގެ އެތައް އަހަރެއް ކުރިން އެ ގައުމަށް ދަތުރުކުރި އަފްޣާނިސްތާނާއި މެލޭޝިއާގެ މުސްލިމުންގެ ވާހަކަތަކުގެ އިތުރުން، ދާދި ފަހުން ރެފިއުޖީންގެ ގޮތުގައި ހިޖުރަކޮށްފައިވާ މުސްލިމުންގެ ވާހަކަތައް ވެސް މި މައުރަޒުގެ ތެރެއިން ކިޔައިދެއެވެ.

Ad by Hajj Corporation
މި މައުރަޒުގައި އިންޑޮނޭޝިއާ އާއި އޮސްޓްރޭލިއާއާ ދެމެދު އޮތް ޒަމާންވީ ކަނޑުދަތުރުފަތުރުގެ ގުޅުންތަކުގެ މައްޗަށް ވަނީ އަލިއަޅުވާލާފައެވެ. ޚާއްސަކޮށް، އިންޑޮނޭޝިއާގެ މަކައްސަން މަސްވެރިންނާއި އޮސްޓްރޭލިއާގެ އަސްލު ވަޒަންވެރިން ކަމަށްވާ ޔޮލްނޫ ދަރިކޮޅުގެ މީހުންނާ ދެމެދު އޮތް ގާތް ގުޅުމަކީ، ވިލާތުގެ މީހުން އެ ސަރަހައްދަށް ދިއުމުގެ މާ ކުރިން އިންޑިއާ ކަނޑުގެ ސަރަހައްދުގައި އޮތް ސަގާފީ އިޙުތިރާމް ރަމްޒުކޮށްދޭ ކަމެއްކަން މި މައުރަޒުން ހާމަވެއެވެ.
އޮސްޓްރޭލިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ޑޭވިޑް ޖެސަޕް ވިދާޅުވީ، ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކުރުމުގައި ތައުލީމާއި ސަގާފީ ދާއިރާ މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. "އޮސްޓްރޭލިއާގެ މުސްލިމުންގެ ތާރީޚު ދިވެހީންނާ ހިއްސާކުރުމުން، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ،" ހައިކޮމިޝަނަރު ވިދާޅުވިއެވެ.
މެލްބަންގައި ހުންނަ އިސްލާމިކް މިއުޒިއަމް އޮފް އޮސްޓްރޭލިޔާގެ ދާއިމީ މައުރަޒުތަކުގެ ބައެއްގެ ގޮތުގައި ހިމެނޭ މި އެގްޒިބިޝަންގެ މައިގަނޑު އެއް ބޭނުމަކީ، އޮސްޓްރޭލިޔާ ބިނާކުރުމުގައި މުސްލިމުން ކޮށްދީފައިވާ މުހިންމު ޚިދުމަތްތައް ފާހަގަކުރުމެވެ. މީގެ ކުރިން މި މައުރަޒު ވަނީ އަބޫދާބީ، ޖަކާޓާ، ބުރުނާއީ އަދި ކުއާލަލަމްޕޫރު ފަދަ ސިޓީތަކުގައި ވެސް ދައްކާލާފައެވެ.


