އަރައުހޯގެ ގޯލާއެކު ބާސެލޯނާގެ ފޭވަރިޓް މުބާރާތުގެ ސެމީއަށް ދަތުރުކޮށްފި
4 ފެބްރުއަރީ 2026 - 04:09

ރޮނާލްޑް އަރައުހޯ ކާމިޔާބުކޮށްދިން ލަނޑާއެކު، އަލްބަސެޓޭގެ މައްޗަށް 2-1 އިން ކުރިހޯދައި ބާސެލޯނާ އިން ކޮޕާ ޑެލް ރޭގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ ބާސެލޯނާ އިން މި މޮޅާއެކު ސެމީ ފައިނަލަށް ދަތުރުކުރިއިރު، މިއީ އެ ޓީމުން މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި 63 ވަނަ ފަހަރެވެ. މިއީ މި މުބާރާތުގެ ތާރީޚުގައިވެސް އެންމެ ގިނަ ފަހަރަށް ސެމީއަށް ދަތުރުކުރި ޓީމުގެ ރެކޯޑެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ކުޅުން ވަރުގަދަކޮށް، 39 ވަނަ މިނެޓުގައި ވަނީ ލީޑު ނަގާފައެވެ. ފްރެންކީ ޑި ޔޮންގް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ޒުވާން ތަރި ލަމީން ޔަމާލްއެވެ. ޔަމާލް ވަނީ އެންމެ ފަހުން ބާސެލޯނާއަށް ކުޅުނު 37 މެޗުގައި 33 ގޯލް ކޮންޓްރިބިއުޝަން (18 ގޯލް އަދި 15 އެސިސްޓް) ހަމަކޮށްފައެވެ.

Ad by Hajj Corporation
ދެވަނަ ހާފު ފެށިގެން ބާސެލޯނާ އިން އިތުރަށް ކުރިއަށް ޖެހި، 56 ވަނަ މިނެޓުގައި ވަނީ ދެވަނަ ލަނޑެއް ޖަހާފައެވެ. މާކަސް ރަޝްފޯޑް ނަގައިދިން ކޯނަރަކުން މި ލަނޑު ބޮލުން ޖަހައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ރޮނާލްޑް އަރައުހޯއެވެ. އޭގެ ކުރިން ޑެނީ އޮލްމޯ ފޮނުވާލި ހަމަލާއެއް އަލްބަސެޓޭގެ ޑެނިއަލް ބެރްނަބިއު ވަނީ ގޯލުގެ ރޮނގުމަތިން ސަލާމަތްކޮށްފައެވެ.
ކުރީ ބުރުގައި ރެއާލް މެޑްރިޑް ކަޓުވާލި އަލްބަސެޓޭ އިން މެޗުގެ ފަހުކޮޅު ބާސެލޯނާއަށް ބޮޑު ނުތަނަވަސްކަމެއް ކުރިމަތިކުރުވިއެވެ. އެގޮތުން 87 ވަނަ މިނެޓުގައި ހަވީ މޮރޭނޯ ވަނީ ބޮލުން ރީތި ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. މެޗުގެ ފަހު ވަގުތުކޮޅު އަލްބަސެޓޭގެ ފްރޭން ގަމޭޒް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ބާސެލޯނާގެ ޖެރާޑް މާޓިން ވަނީ ރޮނގުމަތިން ބޮލުން ޖަހައި ބޭރުކޮށްލާފައެވެ.
މިމޮޅާއެކު ބާސެލޯނާގެ ތާރީޚުގައި އެންމެ ގިނަ މުބާރާތް ކާމިޔާބުކުރި ކޮޕަޑެލްރޭ އަނެއްކާވެސް ކާމިޔާބުވުމުގެ ފުރުސަތު ބާސާއަށް ވަނީ ލިބިގެންގޮސްފައެވެ.


