މަޖިލިސް ކައިރީގައި ޕާކްކޮށްފައި ހުރި އުޅަނދުތައް ނެގުމަށް އަންގައިފި
4 ފެބްރުއަރީ 2026 - 05:45

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއާ ގުޅިގެން، މަޖިލިސް އިދާރާ ހިމެނޭ ސަރަހައްދުގެ ބައެއް މަގުތަކުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން އަންގައިފިއެވެ.
ފުލުހުން ބުނީ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއާ ގުޅިގެން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ބައެއް މަގުތައް ހުސްކުރަން ޖެހޭ ކަމަށެވެ. އެގޮތުން 2026 ފެބްރުއަރީ 4 ވާ ބުދަ ދުވަހުގެ 18:00 ގެ ކުރިން އެ ސަރަހައްދުތަކުން އުޅަނދުތައް ނަގައި ހުސްކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

Ad by Hajj Corporation
އުޅަނދުތައް ނަގަން އަންގާފައިވާ ސަރަހައްދުތަކުގެ ތެރޭގައި މެދުޒިޔާރަތް މަގު (ސޯސަންމަގުން ފެށިގެން މުލީއާގެއާ ހަމައަށް)، ހަކުރާ ގޯޅި، ސިއްކަ ގޯޅި، ޝަހީދު އަބްދުﷲ ޒުހައިރު ގޯޅި، އަމީރުއަހްމަދު މަގު (ވެލާނާގެ ސަރަހައްދު) ހިމެނެއެވެ.
މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ މާދަމާ ހެނދުނު 9:00 ގައި މަޖިލިސް ކުރާ ގޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވި ފަހުން އިއްވަވާ ތިން ވަނަ ރިޔާސީ ބަޔާނެވެ. ރިޔާސީ ބަޔާނުގައި ގައުމުގެ އޭރުގެ ހާލަތު ބަޔާންކޮށްދީ، ސަރުކާރުގެ ތަސައްވުރާއި މަސައްކަތްތަކާއި ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ އިއްވަވާނެއެވެ.


