ދިވެހިންގެ ގައުމިއްޔަތުގެ ތަނބުތައް ހިމާޔަތްކުރުމަކީ އުފަލާއެކު އުފުލާނެ ގައުމީ ވާޖިބެއް: ރައީސް
5 ފެބްރުއަރީ 2026 - 04:23

ދިވެހިންގެ ގައުމިއްޔަތުގެ ތަނބުތައް ހިމާޔަތްކުރުމަކީ، އެމަނިކުފާނު އުފަލާއެކު އުފުއްލަވާނެ ގައުމީ ވާޖިބެއްކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި، ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

Ad by Hajj Corporation
އެގޮތުން، މިކަން ހާސިލުކުރުމަށްޓަކައި އެމަނިކުފާނުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ރައީސް ވަނީ ރިޔާސީ ބަޔާނުގައި ހިއްސާކުރައްވާފައެވެ. ރައީސް ވިދާޅުވީ، ދިވެހި އިސްރަށްވެހިންގެ ހަނދާންތައް އެއްކޮށް، އެހަނދާންތައް ރައްކާކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި، މިފަދަ މަސައްކަތްތައް ކުރާނެ ތަރިކަވެރިން އުފެއްދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.
ތަރިކައިގެ ދާއިރާ ހިމާޔަތްކޮށް، އެދާއިރާ ކުރިއެރުވުމަށް މިސަރުކާރުން ކުރަމުން އަންނަ އެންމެ މުހިންމު އެއް މަސައްކަތެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ، އެދާއިރާގެ އިލްމީ މުޖުތަމައެއް ބިނާކުރުމަށްޓަކައި ތަރިކަ ދިރާސާކުރާނެ ދިރާސާވެރީން އުފެއްދުމަށް މިސަރުކާރުން ދީފައިވާ ސްކޮލަރޝިޕް ފުރުސަތުތަކެވެ. މީގެ އިތުރުން، މި ދިރާސާވެރީންނާއި ތަރިކަވެރީންގެ މަސައްކަތްތައް ލުއިކޮށްދީ، ސަރުކާރުން ތަރިކަތަކާމެދު ގެންގުޅޭ ސިޔާސަތުތައް ހާމަކަންބޮޑު ގޮތެއްގައި ފެންނާނެ ފަދައިން، ދިވެހިބަހާއި ސަގާފަތާއި ތަރިކައިިގެ ދާއިރާގެ އަސާސީ މަފްހޫމްތައް އާންމުކޮށްފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ދިވެހި ރަށްވެހިކަމުގެ ޙަޟާރަތުގެ ހައިސިއްޔަތު، ދުނިޔޭގެ ގައުމުތަކުގެ މެދުގައި ޝަރަފުވެރިކުރުމުގެ ގޮތުން ޔުނެސްކޯ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ ހިރިގަލުގެ މިސްކިތްތަކާއި ގަލުވަޑާމުގެ މަސައްކަތް ދަފްތަރުކުރުމަށްޓަކައި ނޮމިނޭޝަން މިހާރު ވަނީ ހުށަހަލާފައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ، މިހާރު އުސްގެކޮޅު ހުރި ތަނާއި އެސަރަހައްދުގައި ޒަމާނީ، އިންޓަރެކްޓިވް އިމަރސިވް މިއުޒިއަމެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މިއަހަރުތެރޭ މި މަސައްކަތް ނިންމާ، މިއުޒިއަމް ހުޚުވާނެކަމަށް ވިދާޅުވެފައެވެ.
ދިވެހިންގެ ތެރެއިން ނެތެމުންދާ ފަންނުތައް ދިރުވާ، އާލާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް މަސައްކަތްތަކަށް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލައްވާފައި ވެއެވެ.
އެގޮތުން، ތުނޑުކުނާވިޔުމާއި، ތިލޭރުކަމާއި، މާވަޑިކަންފަދަ މަސައްކަތްތައް ދަސްކޮށްދިނުމަށް ގައުމީ ސަނަދު ލެވަލް 3 ގެ ޓްރެއިނިންގ ޕެކޭޖެއް ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ބ. ތުޅާދޫގައި ލިޔެލާޖެހުމުގެ ހުނަރު ދަސްކޮށްދިނުމާއި، ދ. ރިނބިދޫގައި އަތްތެރި މަސައްކަތް ދަސްކޮށްދިނުމާއި ގދ. ގައްދޫގައި ތުނޑުކުނާ ވިޔުމުގެ މަސައްކަތް ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް މިއަހަރު ފެށުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެންމެ މުހިންމު އެއްކަމަކީ، ދިވެހީންގެ މާތް އަޚްލާޤާއި އަދަބުވެރި ގޮތްތައް ގެއްލިގެންދިޔަ ނުދިނުމަށްޓަކައި ރީތި އުޅުމާއި ގުޅުން އިޔާދަކޮށް، ތަރައްގީކުރުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތްތަކެވެ. އެގޮތުން، އިހްތިރާމްކުރުމުގެ ގައުމީ މަޝްރޫއެއް މުޅި ރާއްޖޭގައި ހިންގޭނެކަން ރައީސް އިއުލާނުކުރެއްވިއެވެ. މީގެ އިތުުރުން، ބޮޑެތިވަމުން އަންނަ ދަރީންގެ މެދުގައި ދިވެހީންގެ ރިވެތި އަޚްލާޤުން ޒީނަތްވެފައިވާ ބަޔަކަށް ހެދުމަށްޓަކައި ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން "ބިންގާ" ގެ ނަމުގައި ޕްރޮގްރާމެއް އިއުލާނުކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، މިކަންކަން ހާސިލުކުރުމަށްޓަކައި ދިވެހި ރަމްޒުތަކުގެ ބިލާއި ދިވެހި ތަރިކައިގެ ކޮލެޖުގެ ބިލު، ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިމަސައްކަތްތަކަށް މިހާ އިސްކަމެއްދީގެން އެމަނިކުފާނު ކުރައްވަމުން ގެންދަވަނީ، ދިވެހީންގެ ސަގާފީ މިނިވަންކަމާ، ރާއްޖޭގެ ޖަޒީރާ ރަށްތަކާއި ދިވެހި މާ ކަނޑަކީ، ދިވެހިންގެ މިލްކުތައްކަމުގެ ހެކި ލިބޭ އެންމެ ސާބިތު ބާރަކީ ދިވެހި ބަހާއި ސަގާފަތާއި ތަރިކަތައް ކަމަށް ވާތީކަމަށެވެ.
މި އަމާނާތްތައް، އަންނަން އޮތް ޖީލުތަކަށް ރައްދުކޮށްދީ، ދިވެހި ނެޝަނަލް އައިޑެންޓިޓީގެ މި ހަރުދަނާ ތަނބުތައް ހިމާޔަތްކޮށްދިނުމަކީ ކުޑަވެސް ވަރުބަލިކަމެއްނެތި، އުފަލާއެކު އެމަނިކުފާނު އުފުއްލަވާނެ ގައުމީ ވާޖިބެއް ކަމަށް ރައީސް ވިދާޅުވިއެވެ.


