ރާއްޖޭގައި އިންޑޯ ފުޓްސަލް ކޮމްޕްލެކްސްއެއްގެ މަސައްކަތް އޭޕްރީލް މަހު ފަށާނެ: ރައީސް
5 ފެބްރުއަރީ 2026 - 07:24

ބައިނަލްއަގްވާމީ މެޗުތައް ބޭއްވޭ ގޮތަށް ތަރައްގީކުރާ ސްޓޭޓް އޮފް ދަ އާޓް މަލްޓި ސްޓޯރީ އިންޑޯ ފުޓްސަލް ކޮމްޕްލެކްސްއެއްގެ މަސައްކަތް މިއަހަރުގެ އެޕްރީލް މަހުގެތެރޭގައި ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ އިންޑޯ ފުޓްސަލް ކޮމްޕްލެކްސްގެ މަސައްކަތް ކުރާނީ، ފުޓްސަލް ސްޓޭޑިއަމެއް ހިމެނޭހެން އިތުރު ހަތަރު ޓްރެއިނިންގ ޕިޗް ހިމެނޭ ގޮތަށްކަމަށެވެ.
އިންޑޯ ފުޓްސަލް ކޮމްޕްލެކްސްގެ މަސައްކަތަށް ބޭނުންވާ ފައިސާ ހަމަޖެހި ބިން ކަނޑަޅާ ނިމިފައިވާއިރު މިއީ ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވޭ ފެންވަރުގެ ތަނަކަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ސަރުކާރުގެ ހަފްތާ 14 އެޖެންޑާގައި ރައީސް އިއުލާނު ކުރައްވާފައިވާ މަޝްރޫއެކެވެ.
ރާއްޖޭގައި އިންޑޯ ފުޓްސަލް ޕިޗެއް ނެތުމުގެ ކަންބޮޑުވުމަކީ ގިނަ އަހަރުތަކެއް ވެފައިވާ ފުޓްސަލް ކޮމިއުނިޓީގެ ޝަކުވާއެކެވެ. ފުޓްސަލް ޕިޗްތަކާއެކު ރާއްޖޭގައި ގާއިމުކުރާ ފުޓްސަލް ކޮމްޕްލެކްސްގެ ސަބަބުން ގައުމީ ފުޓްސަލް ޓީމުގެ ފެންވަރު މަތިކުރުމާއި ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްތައް ރާއްޖެއަށް ގެނައުމަސް މަގުފަހިވެގެންދާނެއެވެ.
އަދި ޒަމާނީ ފުޓްސަލް ކޮމްޕްލެކްސްގެ ސަބަބުން ރާއްޖޭގައި ބާއްވާ މުބާރާތްތަކުގެ ފެންވަރު މަތިވެ ބައިނަލްއަގްވާމީ މުބަރާތްތަކަސް ޓީމުތައް ތައްޔާރުކުރުމަށްވެސް ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ސަރަހައްދީ ފުޓްސަލްގައި ރާއްޖެއަކީ އެންމެ ވަރުގަދަ ޓީމެވެ. އެގޮތުން ރާއްޖެއިން ވަނީ ބައިނަލްއަގްވާމީ ފެންވަރުގެ ޕިޗަކާ ނުލާ ފަރިތަކުރުމުގެ ބޮޑުބައި ހޭދަކުރުމަށްފަހު، ފުރަތަމަ ފަހަރަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ކާމިޔާބުކޮށްފައެވެ.


