ދިފާއީ ބާރު ހަރުދަނާކުރުމަށް ފުނަދޫ އެއާ ސްޓޭޝަނުން މިއަހަރު ޚިދުމަތް ދޭން ފަށާނީ
5 ފެބްރުއަރީ 2026 - 04:58

ދިވެހި ގައުމީ ދިފާޢީ ބާރު - އެމްއެންޑީއެފްގެ ގާބިލީއްޔަތުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ށ. ފުނަދޫގައި ތަރައްގީކުރާ އެއާ ސްޓޭޝަނުގެ ޚިދުމަތް މިއަހަރު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ގައުމީ ދިފާޢީ ބާރުގެ މަސައްކަތް ހަރުދަނާ ކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތް ހިއްސާ ކޮށްދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިފާޢީ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިދިޔަ އަހަރު ތެރޭގައި މުުހިިންމު ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހި އަސްކަރީއްޔާ ވަރުގަދަ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކޯސްޓްގާޑު ދެގުނަ ކުރުމަށް މަސައްކަތް ފެށިފައިވާ ކަމަށެވެ.

Ad by Hajj Corporation
މިކަމުގެ ތަފްސީލު ހިއްސާކުރައްވާ، އެމަނިކުފާނު ވިދާޅުވީ ތުރުކީ ވިލާތުން ހަދިޔާކުރެއްވި ސިފައިން ޚިދުމަތުގައި މިހާރު ބޭނުން ކުރަމުންދާ އެންމެ ބޮޑު އަސްކަރީ މަނަވަރު މިދިޔަ އަހަރު ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.
މީގެ އިތުރުން ވައިގެ ޚިދުމަތް ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ށ. ފުނަދޫގައި ތަރައްގީކުރެވޭ އެއަރ ސްޓޭޝަނުން މިއަހަރު ޚިދުމަތް ދޭން ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އެއާ ކޯ އިން ބޭނުންކުރުމަށް ގާއިމުކުރާ ދެވަނަ އެއާސްޓޭޝަން ތަރައްގީކުރަނީ ށ. ފުނަދޫގައި ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރއްވާފައި ވަނީ މީގެ ތިން މަސް ކުރިންނެވެ.
ރައީސް މިކަން އިއުލާނުކުރެއްވީ ދިވެހި އަސްކަރިއްޔާގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން އައްޑޫ ގަމުގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އައްޑޫ އެއާ ސްޓޭޝަނުގެ މަސައްކަތް ކުރީ ސިފައިންނެވެ.
އެއާ ސްތޭޝަން ތަރައްގީކުރާ ފުނަދޫގައި މިހާރު އޮންނަނީ 1،200 މީޓަރު ދިގު ރަންވޭއެއް އޮންނަ އެއާޕޯޓެކެވެ. އެ އެއާޕޯޓު ރަންވޭ ބޮޑުކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވައުދުވެވަޑައިގެންފައެވެ.
ގަން އެއާ ސްޓޭޝަން ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ދެއްކި ޕްރެޒެންޓޭޝަނުގައި އެމްއެންޑީއެފްއިން ބުނި ގޮތުގައި، މި އެއާ ސްޓޭޝަން ގާއިމުކުރެވިގެން މި ދަނީ “ތާރީހީ ގޮތުންނާއި، ޖޯގުރަފީގެ ގޮތުންނާއި، އިސްތިރާޖީ ގޮތުން” (ސްޓްރެޓެޖިކަލީީ) މުހިންމު ސަރަހައްދެއްގައި ކަމަށެވެ.
އެމްއެންޑީއެފްއިން ގެންގުޅޭ ތުރުކީގެ ބައިކާރު ކުންފުނިން އުފައްދާ ބައިރަކްތާރު “ޓީބީ2” ޑްރޯންތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މި އެއާ ސްޓޭޝަނުގައި 400 މީޓަރުގެ ޓެކްސީވޭއަކާއި، 100 މީޓަރުގެ އޭޕްރަންއަކާއި، ޒަމާނީ ވަސީލަތްތައް ހިމެނޭ ހޭންގަރެއްގެ އިތުރުން ސިފައިންގެ އެކޮމޮޑޭޝަން ބްލޮކެއް ގާއިމުކޮށްފައި ވެ އެވެ. މި ތަނުގެ ހުރިހާ މަސައްކަތެއް ކުރީ ސިފައިން ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.


