logo
Bank of Maldives

Bank of Maldives

ޚަބަރު

ލޭ ހަދިޔާކުރުމަށް ހުކުރު ޚުޠުބާގައި ގޮވާލައިފި

ޒިދާން މުޙައްމަދު
6 ފެބްރުއަރީ 2026 - 16:27
ލޭ ހަދިޔާކުރުމަށް ހުކުރު ޚުޠުބާގައި ގޮވާލައިފި

ލޭ ހަދިޔާކުރުމަށް ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.

މިއަދު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި ހުކުރު ޚުޠުބާ ބިނާކޮށްފައި ވަނީ "ލޭ ހަދިޔާކުރުމަކީ ޞަދަޤާތެއް!" މި މައުޟޫގެ މައްޗަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިމައުޟޫއަށް ޚުޠުބާ އިއްވާފައި މިވަނީ މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) އަށް ލޭ ލިބުމުގެ ދަތިތަކެއް ދިމާވެފައިވާ ހާލަތެއްގައެވެ.

މިދަނޑިވަޅުގައި އިއްވި ޚުޠުބާގައި ބުނީ، ލޭހަދިޔާކުރުމަކީ ދެމިގެންވާ ޞަދަޤާތެއް ކަމަށާއި، ބަލިމީހަކަށް ލޭ ހަދިޔާކުރުމުގެ ސަބަބުން އޭނާގެ ފުރާނަ ސަލާމަތްވެއްޖެ ނަމަ، އޭނާގެ މަރުދުވަހަށް ދާންދެން، އޭނާގެ ފުށުން، ލޭ ހަދިޔާކުރި މީހާއަށް ސަވާބު ލިބިލިބިހުންނާނެ ކަމަށެވެ.

ހުކުރު ޚުޠުބާގައި ބުނީ މާތް اللهގެ އަޅުތަކުންނަށް އެހީތެރިވުމާއި، ފައިސާއާއި މުދަލުން ހޭދަކުރުމާއި ޞަދަޤާތްކުރުމަކީ، ދަރުމަހުރި އަމަލުތައް ކަމަށެވެ. އަދި އެންމެ ކުޑަމިނުން އުފާވެރި މޫނަކާއިގެން ބައްދަލުކޮށް، ހެޔޮ ބަހެއް ބުނުމީ ވެސް ކުރެވޭ ޞަދަޤާތެއް ކަމަށް ވިދާޅުވިއެވެ.

ހުޠުބާގައި ބުނީ ލޭހަދިޔާކުރުމަކީ ދެމިގެންވާ ޞަދަޤާތެއްކަމުގައި ޢިލްމުވެރީން ދެކެވަޑައިގަންނަވާ ކަމަށެވެ. އެއީ އިންސާނާ މަރުވުމަށް ފަހުގައި ވެސް، އެ ޞަދަޤާތެއްގެ ހެޔޮ އަސަރު ދެމިހުރިހައި ހިނދަކު، ޞަދަޤާތްކުރި މީހާއަށް ސަވާބު ލިބިލިބި ހުންނާނޭ އަމަލެއް ކަމަށެވެ.

"ބައެއް ހެޔޮ ޢަމަލުތަކުގެ ސަވާބު އެތައް ގުނައަކަށް އިތުރުވޭ، އޭގެ ތެރޭގައި މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ޓަކައި އަމިއްލަ ހަށިގަނޑުގައި ހުރި ލޭ ހަދިޔާކުރުމަކީ ޞަދަޤާތެއް، ތިމާއަށް ކޮށްލެވޭ މި ފަދަ ހޭދައެއްގެ ސަބަބުން ނިޢުމަތްތަކުން ފުރިގެންވާ ސުވަރުގެ ވަނުމުގެ ނަޞީބު ލިބޭ." ހުކުރު ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ މާތް اللهގެ އަޅުތަކުންނަށް ޖެހޭ ބޭނުންތައް ފުއްދައިދީ، ޖެހޭ ބޮޑެތި ކަންކަމުގައި މިއަދު އެހީތެރިވުމަކީ، މާދަމާ؛ (އާޚިރަތްދުވަހުން) އުފުލާންޖެހޭ ބޮޑެތި މުޞީބާތްތަކުން ދިންނަވާނޭކަމެއްކަމުގައެވެ. ކޮންމެ މުސްލިމަކު ވެސް މިއަދު އަވަސްވެގަންނާންވީ އެ ދުވަހުގެ ބިރުވެރިކަމާއި، އަޒާބުން މިންޖުވާނޭ ޢަމަލެއް ކުރެވޭތޯކަމަށެވެ. އެ ކަން ކުރެވޭން އޮތީ މިއަދުކަމަށް ހުކުރު ޚުޠުބާގައި ބުންޏެވެ.

"ލޭ އަޅާން ބޭނުންވާ ޙާލަތްތަކުގައި، ބަލި މީހަކަށް އަޅާން ބޭނުންވާ ލޭ ހަދިޔާކޮށްދިނުމަކީ، އޭނާގެ ފުރާނަ ސަލާމަތްކޮށްދިނުން ފަދަ ކަމެއް ކަމަށާއި ޙައްޤަކާ ނުލައި އެންމެ މީހަކު މެރުމަކީ، ދުނިޔޭގައި ވާހައި ބަޔަކު މެރުން ފަދަ ނުބައިކަމެއް ކަމަށް އަދި ހަމަ އެ ފަދައިން އެންމެ މީހެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަކީ، އެ އެންމެން ނުމަރައި ދިރިތިބޭން ދޫކޮށްލުން ފަދަ ހެޔޮ ކަމެއް ކަމަށް ހުކުރު ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ ބަލި މީހެއްގެ ހަށިގަނޑަށް އަޅާންޖެހޭ ލޭ ނުލިބުމަކީ އޭނާ ދުނިޔެ ދޫކޮށްފާނޭ ކަމެއްކަމަށެވެ. އަދި އޭނާގެ ހަށިގަނޑަށް އަޅާން ބޭނުންވާ ލޭ ހަދިޔާކުރުމަކީ އޭނާއަށް ދުނިޔޭގައި ދިރިހުރުމުގެ ފުރުޞަތު ހޯދައިދިނުމަށް ޓަކައި ކުރެވޭ ހެޔޮ ކަމަކަށްނޫނީ ނުވާނެ ކަމަށެވެ.

މިއަދު ދިވެހިރާއްޖޭގެ ބުލަޑުބޭންކުތައް ވަނީ، ލޭހަދިޔާކުރާނެ މީހުންނަށް ބޭނުންވެފައެވެ. ކޮންމެ މީހަކު ހަދިޔާކުރާ ލެއަކީ، މީހެއްގެ ފުރާނަސަލާމަތްވުމުގެ ސަބަބަކަށް ވެއްޖެ ނަމަ ލިބޭނޭ ސަވާބާއި ދަރުމައާ މެދު ވިސްނާލުމަށް ޚުޠުބާގައި ވަނީ ގޮވާލައި، އެންމެ މީހެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަކީ އެތައްބަޔެއްގެ ފުރާނަ ސަލާމަތްކޮށްދިނުންކަން ހަނދާންކޮށްދީފައެވެ.

ރާއްޖޭގެ ބްލަޑް ބޭންކްގައި ހުރި ލޭ މަދުވެ، އާންމުންގެ އެހީތެރިކަަމަށްވެސް މިފަހުން އެމްބީއެސްއިން އެދިފައިވެއެވެ.

ލޭ ލިބުން ދަތިވެ އެމްބީއެސް އިން އާންމުންގެ އެހީތެރިކަމަށް އެދިފައިވަނީ މިދިޔަ މަހުގެ 22 ގައެވެ. އެމްބީއެސް އިން ކުރި ޕޯސްޓެއްގައި ވަނީ ހަ ގްރޫޕެއްގެ ލޭ ލިބުން ދަތިވެ އެހީއަށް އެދިފައެެވެ.

އެ ގްރޫޕްތަކަކީ:

  • އޭ ޕޮޒިޓިވް
  • އޯ ޕޮޒިޓިވް
  • ބީ ޕޮޒިޓިވް
  • އޭބީ ޕޮޒިޓިވް
  • ބީ ނެގެޓިވް
  • އޯ ނެގެޓިވް

އުމުރުން 18 އަހަރުފުރި އަދި ބަރުދަނުގައި 45 ކިލޯއަށްވުރެ މަތިން ހުރި، ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް ލޭ ހަދިޔާކުރެވޭނެއެވެ. އަދި ލޭ ހަދިޔާ ކުރަން ދިއުމުގެ ކުރިން ހަ ގަޑިއިރުގެ ނިދި ހަމަކޮށް އަދި ގަޑިއެއްހާއިރު ކުރިން ކައިގެން ދިއުމަކީ މުހިންމު ކަމެކެވެ.

އަދި ލޭ ހަދިޔާ ކުރަން ބޭނުން ފަރާތްތަކުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8 އިން ރޭގަނޑު 8 އަށް ހުޅުމާލެ ފޭސް 1ގައި ހުންނަ އޮރެންޖު ހިޔާއަށް ގޮސް ލޭ ހަދިޔާކުރުމަށް ވަނީ އެދިފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލޭ ހަދިޔާކުރުމަށް ހުކުރު ޚުޠުބާގައި ގޮވާލައިފިޚަބަރު | 2 ގަޑިއިރު ކުރިން