ދަރިންނަށް ހެޔޮ ތަރުބިއްޔަތު ނުދިނުމަކީ އަމާނާތަށް ވެވޭ ޚިޔާނާތެއް: ހުކުރު ޚުޠުބާ
26 ޖޫން 2026 - 12:22

ދަރިންނަކީ މާތް الله އިންސާނުންނާ ހަވާލުކުރައްވާފައިވާ މަތިވެރި އަމާނާތެއް ކަމަށާއި، އެ ކުދިންނަށް ހެޔޮގޮތުގައި ތަރުބިއްޔަތު ނުދީ، އެކުދިންގެ ހައްގުތައް އަދާކުރުމުގައި އިހުމާލުވުމަކީ އެ އަމާނާތަށް ވެވޭ ޚިޔާނާތެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކޮށްފިއެވެ. "އަމާނާތްތަކަށް ރައްކާތެރިވުން" މި މައުޟޫއަށް ރާއްޖޭގެ އެކިކި ކަންކޮޅުތަކުގައި އިއްވި ޚުޠުބާގައި ވަނީ އަމާނާތްތެރިކަމުގެ ފުޅާ މާނައާއި އޭގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.
ޚުޠުބާގައި ވިދާޅުވީ އަމާނާތަކީ ހަމައެކަނި މީހުން ރައްކާކުރަން ހަވާލުކުރާ މުދަލެއް ނޫން ކަމަށާއި، އޭގެ މާނަ މާ ފުޅާ ކަމަށެވެ. އެގޮތުން މާތް الله ގެ ހައްގުތަކާއި މީސްތަކުންގެ ހައްގުތަކުގެ ތެރެއިން އިންސާނާއާ ހަވާލުކުރެވިފައިވާ ހުރިހާ ކަމަކީ އަމާނާތެއް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އިންސާނާގެ ގުނަވަންތަކަކީވެސް އަމާނާތެއްކަން ފާހަގަކުރައްވައި، ލޮލާއި ކަންފަތާއި ދޫ ފަދަ ގުނަވަންތައް ހަރާމް ކަންކަމުން ދުރުހެލިކުރުމަށް ޚުޠުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

Ad by Hajj Corporation
އަމާނާތްތެރިކަމަކީ މުއުމިނެއްގެ އީމާންކަން ފުރިހަމަވުމުގެ ނިޝާނެއް ކަމަށާއި، އަމާނާތަށް ޚިޔާނާތްތެރިވުމަކީ މުނާފިގުންގެ ސިފައެއް ކަމަށް ކީރިތި ރަސޫލާގެ ހަދީޘްފުޅުތަކުން އެނގެން އޮތްކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ. އަދި އަމާނާތްތަކަށް ރައްކާތެރިވުމަކީ ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ ކަމުގައިވާ ފިރުދައުސުގެ ވާރުތަވެރިންގެ ސިފައެއް ކަމުގައިވެސް ވިދާޅުވިއެވެ.
ދައުލަތާއި އާންމު ރައްޔިތުންގެ މުދަލާއި ފައިސާއަކީ އެންމެ ބޮޑަށް ސަމާލުވާންޖެހޭ އެއް އަމާނާތް ކަމަށް ޚުޠުބާގައި ފާހަގަކުރެއްވިއެވެ. "މީހެއްގެ އަމިއްލަ މުދަލަކަށް ޚިޔާނާތްތެރިވުމަށް ވުރެ، ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ފާފަ މާ ބޮޑު،" ކަމަށް ވިދާޅުވަމުން ޚުޠުބާގައި ބަޔާންކުރީ އެއީ މުޅި މުޖުތަމައުގެ ހައްގަކަށް ވާތީ ކަމަށެވެ. ހަމައެހެންމެ، އަދާކުރާ ވަޒީފާއާއި ވަޒީފާގެ ވަގުތަކީވެސް އަމާނާތެއް ކަމަށާއި، އެކަންކަމަށް ފަރުވާކުޑަކުރުމަކީ އަމާނާތަށް ޚިޔާނާތްތެރިވުން ކަމަށް ވިދާޅުވިއެވެ.
ޚުޠުބާ ނިންމާލަމުން ވަނީ ތިމާވެށީގެ އަމާނާތުގެ މައްޗަށްވެސް އަލިއަޅުވާލާފައެވެ. ވަށައިގެންވާ ގުދުރަތީ މާހައުލާއި ދިރޭތަކެއްޗަކީ އަންނަން އޮތް ޖީލުތަކަށްޓަކައި ރައްކާތެރިކުރަންޖެހޭ އަމާނާތެއް ކަމަށާއި، ތިމާވެއްޓަށް ގެއްލުން ނުދީ، އިސްރާފުނުކޮށް ކަންކަން ކުރުމަކީ އަމާނާތްތެރިކަމުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށް ޚުޠުބާގައި ބަޔާންކުރެއްވިއެވެ.


