ޢީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ އުޞޫލުތަކާއި ޝަރުޢީ ހަމަތަކަށް ބޯލެނބުމަށް ހުކުރު ޚުޠުބާގައި ގޮވާލައިފި
22 މޭ 2026 - 07:35
.webp&w=3840&q=75)
މާތްވެގެންވާ ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު މުސްލިމުންނާ ބައްދަލުކުރާ އަޟުޙާ ޢީދުގެ އުފާ ފާޅުކުރުމުގައި، އިސްލާމީ ރިވެތި އުޞޫލުތަކާއި ޝަރުޢީ ހަމަތަކުގެ މަތީގައި ދެމިތިބުމަށް މިއަދުގެ ހުކުރު ޚުޠުބާގައި އިލްތިމާސްކޮށްފިއެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ޚުޠުބާ ބިނާކޮށްފައިވަނީ ޙައްޖުގެ އަޅުކަމުން ލިބޭ ފިލާވަޅުތަކުގެ މައްޗަށެވެ.

Ad by Hajj Corporation
ޚުޠުބާގައި ބަޔާންކުރި ގޮތުގައި، މާތް اللهގެ ޝަޢާއިރުތައް މަތިވެރިކޮށް، ޙައްޖުގެ މަނާސިކުތައް ފުރިހަމައަށް އަދާކުރާ މީހަކަށް، ހުރިހާ ވަގުތެއްގައިވެސް އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންވުމަކީ ދަތި ކަމަކަށް ނުވާނެއެވެ. އަދި އިޙުރާމް ބަނުމުގެ ސަބަބުން، ކުރިން ހުއްދަވެގެންވި ބައެއް ކަންތައްތަކެއް ޙަރާމްވުމަކީ، އިންސާނާގެ މުޅި ޙަޔާތުގައިވެސް ނަހީކުރައްވާފައިވާ ކަންކަމުން ދުރުހެލިވުމަށް ލިބޭ ވަރުގަދަ ރޫޙާނީ ތަމްރީނެއްކަން ޚުޠުބާގައި ފާހަގަކުރިއެވެ.
ޙައްޖުގެ އަޅުކަމުގެ ތަރުތީބަށް އަލިއަޅުވާލަމުން ޚުޠުބާގައި ބުނީ، ތަމައްތުޢު ޙައްޖުކުރާ މީހާ ޢުމުރާއަށްފަހު، ޙައްޖުމަހުގެ 8 ވަނަ ދުވަހު އަލުން އިޙުރާމް ބަނދެގެން މިނާއަށް ދިއުމަކީ ސުންނަތެއް ކަމަށެވެ. މީގެ އިތުރުން، ޙައްޖުގެ އެންމެ މަތިވެރި ރުކުން ކަމުގައިވާ ޢަރަފާތް ބިމުގައި މަޑުކުރުމާއި، މުޒްދަލިފާގައި ރޭކުރުމާއި، ޢީދު ދުވަހު މިނާގައި ހިލައުކައި، ހަދުޔު ކަތިލައި، ބޯބޭލުން ނުވަތަ ކޮށުމުގެ މުހިންމުކަން ޚުޠުބާގައި ތަފްޞީލުކޮށްދިނެވެ. ޙައްޖުގެ މަތިވެރި އަޅުކަން ނިމިގެންދަނީ ވަދާޢީ ޠަވާފުންނެވެ.
ޙައްޖަކީ ޖާނާއި މުދަލުން ކުރަންޖެހޭ ބުރަ އަޅުކަމަކަށް ވީހިނދު، އެ އަޅުކަމުގެ ތެރޭގައި އެންމެހާ ފާފަތަކާއި އުރެދުންތަކުން ދުރުހެލިވެ، ކެތްތެރިކަމާއެކު ދޫ ރައްކާތެރިކުރުމަށް ޚުޠުބާގައި ނަސޭހަތްތެރިވިއެވެ. ކައު ރަސޫލާ ﷺ ގެ ޙަދީޘްފުޅާ ޙަވާލާދީ ޚުޠުބާގައި ބަޔާންކުރީ، މަބުރޫރު ޙައްޖެއްގެ ޖަޒާއަކީ ސުވަރުގެ ކަމަށާއި، ފާފައަކަށް އަރައިނުގަނެ ޙައްޖުގެ އަޅުކަން ފުރިހަމަކުރާ މީހާ އެނބުރި އަންނާނީ، މައިމީހާގެ ބަނޑުން އުފަންވި ދުވަހު ހުރި ފަދަ ސާފުޠާހިރު ހާލަތެއްގައި ކަމަށެވެ.
ޚުޠުބާ ނިންމާލަމުން، ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު މުޖުތަމަޢުގައި އެކަކު އަނެކަކަށް ހިތްހެޔޮކަމާއި ލޯބި ފާޅުކުރުމަށް ބާރުއެޅިއެވެ. ޚާއްޞަކޮށް، ކުރިމަތިލާ އަޟުޙާ ޢީދުގެ އުފާ ފާޅުކުރާއިރު، ހިތްތަކުގައިވާ ޙަސަދަވެރިކަމާއި ނަފުރަތު ދޫކޮށްލައި، އިސްލާމީ ރިވެތި އުޞޫލުތަކުގެ ތެރެއިން އެކުވެރިކަމާއި އެއްބައިވަންތަކަން އިސްކުރުމަށް ރާއްޖޭގެ އެންމެހާ މުސްލިމް އަޚުންނާއި އުޚުތުންނަށް ޚުޠުބާގައި ގޮވާލާފައިވެއެވެ.


