އެންމެ ބޮޑު ކާމިޔާބީއަކީ ނަރަކައިން ސަލާމަތްވެ، ސުވަރުގޭގެ އަހުލުވެރިންގެ ތެރޭއި ހިމެނުން: ޚުޠުބާ
26 މޭ 2026 - 11:42

އެންމެ ބޮޑު ކާމިޔާބީއަކީ ނަރަކައިން ސަލާމަތްވެ، ސުވަރުގޭގެ އަހުލުވެރިންގެ ތެރޭއި ހިމެނުން ކަމަށް ދިވެހި ހައްޖާޖީންނަށް ޚާއްޞަ ކޮށްގެން އިއްވި ޚުޠުބާގައި ބުނެފިއެވެ.
އަރަފާތުގެ މާތް ބިމުގައި މި ޚުޠުބާ އިއްވައިދެއްވީ، އައްޝައިޚް އިލްޔާސް ޙުސައިންނެވެ.
ޝައިޚް އިލްޔާސްގެ ޚިޠުބާގައި ބުނީ، އަރަފާތު ދުވަހަކީ މާތްﷲ ނަރަކައިން އެންމެ ގިނަ އަޅުން މުއްތިކުރައްވާ ދުވަސް ކަމަށާއި އިސްލާމްދީން ފުރިހަމަ ކުރެއްވިކަމުގެ އާޔަތް ބާވައިލެއްވީވެސް މާތް ނަބިއްޔާ ﷺ އަރަފާތު ބިމުގައި ހުންނަވަނިކޮށް ކަމަށެވެ.
އިސްލާމްދީނަކީ، ހުރިހާ ޒަމާނަކަށާއި ހުރިހާ ތަނަކަށް އެކަށީގެންވާ ސުލްހަވެރިކަމުގެ ދީނެއް ކަމަށާއި އެއީ އިންސާނުންގެ ދިރިއުޅުމަށް މާތްﷲ ކަނޑައަޅުއްވާފައިވާ ފުރިހަމަ ނިޒާމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ދިވެހި ހައްޖާޖީންނަކީ މި މަތިވެރި ނިއުމަތުގެ އަހުލުވެރިންކަން ބަޔާންކޮށް، މި މުޤައްދަސް ބިމުގައި ތިބެ، މާތްﷲ ދެއްވި ހިދާޔަތުގައި ސާބިތުވެ ތިބުމަށާއި، ކުރިއަށް އޮތް ހަޔާތް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ބައްޓަން ކުރުމަށް އަޒުމް ކަނޑައެޅުމަށް ޚުޠުބާގައި އެދިފައިވެއެވެ. އެކަމުގައި ސާބިތުވެ ހުރެއްޖެ މީހަކަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެކަމަށް ވެސް ޚަބަރުދިނެވެ.

Ad by Hajj Corporation
ދުނިޔޭގެ އެކި ކަންކޮޅުތަކުން އައިސްފައިވާ، ތަފާތު ނަސްލުތަކާއި ކުލަތަކުގެ މީހުން އެއްބިމަކަށް ޖަމާވެ، އެންމެންވެސް އެދެމުންދަނީ އެއްކަމަކަށްކަން ޚުޠުބާގައި ފާހަގަކުރިއެވެ. އެއީ، އެމީހެއްގެ ފާފަތައް ފުއްސަވައިދެއްވުމަށް އެދުނެވެ.
ކީރިތި ރަސޫލާ ﷺ ދެއްވާފައިވާ އިރުޝާދުތަކަށް އަލިއަޅުވާލައި، ޝައިޚް ބުނީ، ޙައްޖުގެ އަޅުކަން އަދާކުރުމުގައި އަމަލާއި ބަހުން ފާފައަކަށް އަރައިނުގަނެ، ޖަދަލުކުރުމުން ދުރުހެލިވެއްޖެ މީހާ، އެ އަޅުކަން ނިންމާލާފައި ދާނީ މަންމަގެ ބަނޑުން އުފަންވި ދުވަހު ހުރި ފަދައިން ފާފަތަކުން ސާފުތާހިރުވެގެން ކަމަށެވެ.
ޚުޠުބާ ބުނީ، އިސްލާމްދީނުގައި އުފާފާޅުކުރުމުގެ ކޮންމެ މުނާސަބަތަކީ އަޅުކަމަކާ ގުޅިފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން، މި ލިބުނު ރަން ފުރުސަތުގެ ބޭނުން ހިފައި، ގިނަގިނައިން ދުޢާކޮށް، ފާފަ ފުއްސެވުމަށް އެދި ދެންނެވުމަށް ނަސޭހަތްތެރިވިއެވެ. އަދި ޙައްޖުގެ އަޅުކަމުން ލިބިގަންނަންޖެހޭ އެންމެ މުހިންމު ފިލާވަޅަކީ، މާތްﷲގެ އެއްކައުވަންތަކަން ޤަބޫލުކޮށް، އެކަމުގައި ސާބިތުވެތިބޭ ބަޔަކަށް ވުންކަމުގައިވެސް ބުންޏެވެ.


