ހުތުބާ: ދީންވެރި މުސްލިމަކީ މަޢާފުކުރުން އިސްކުރާ މީހާ، އެއީ ބަދަލުހިފާނެ މީހެއް ނޫން!
7 އޯގަސްޓު 2026 - 07:51

ދީންވެރި މުސްލިމަކީ އެހެން މީހުންނަށް އުނދަގޫކޮށް، އަމިއްލަ ނަފުސަށް ޓަކައި ބަދަލުހިފާ މީހާއެއް ނޫން ކަމަށާއި އެއީ އޭގެ ބަދަލުގައި މަޢާފުކުރުން އިސްކުރާ އެކު، އެއީ މާތް اللهގެ ޙަޟުރަތުގައިވާ ދަރުމައަށް އެދޭ މީހާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ނަސޭހަތްތެރިވެވަޑައިގެންފިއެވެ.
ހުކުރު ހުތުބާގެ މިއަދުގެ މައުޟޫއަކީ މަޑުމައިތިރިކަން އިސްކުރުން މިއެވެ.

Ad by Hajj Corporation
އަހަރެމެންގެ މި މާތް ދީނަކީ ފުރިހަމަ، ދީން ކަން ހަދުމަކޮށްދެމުން ހުތުބާގައި ބުނީ އަޅުކަމުގެ އިތުރަށް ދޭދޭ ފަރުދުންނާއި ޖަމާޢަތުގެ މެދުގައި މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤު އިސްކުރުމަށް މި ދީން ބާރުއަޅާ ކަމަށެވެ. ހުތުބާގައި ބުނީ ކަން މިހެން ހުރުމާ އެކު ވެސް މަޑުމައިތިރިކަން ފަދަ އަޚުލާޤީ ރިވެތި ސިފަތަކަކީ މި ދީނުގެ މުހިންމު ބައެއްކަން ދަންނަ މީހުން މިއަދު މަދު ކަމަށެވެ.
އަހަރެމެންގެ ތެރޭގައި ފަރުޟުތަކަށް ރައްކާތެރިވުމާ އެކު، ސުންނަތް ނަމާދާއި ސުންނަތް ރޯދައާއި ޞަދަޤާތްކުރުން ފަދަ ހެއު ޢަމަލުތައް ކުރާ މީހުން މަދެއް ނޫން ކަން ފާހަގަކޮށް ހުތުބާގައި ބުނީ އެހެނަސް ހިތާމައަކީ، އެ ފަދަ ހެއުލަފާ މީހުންގެ ތެރޭގައި ވެސް، މީސްތަކުންނާ މުޢާމަލާތުކުރުމުގައި ހަރުކަށިކަމާއި، ދޫނުދިނުމާއި އެހެން މީހުންގެ ކުށްތަކަށް މަޢާފުނުކުރުމުގެ ނުބައި ސިފަ ހުންނަކަމެވެ. އެ ގޮތުން ދެބަސްވެ އަރައިރުންވާ ހިނދު ޝަރުޢީ މިންގަނޑު ފަހަނަޅައިދިއުމާއި، ވިޔަފާރީގެ މުޢާމަލާތްތަކުގައި ނިކަމެތީންނަށް ރިޢާޔަތްނުކުރުން ފަދަ ކަންކަން ފެނޭ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
އަހަރެމެންގެ ލޮބުވެތި ނަބިއްޔާ އެކަލޭގެފާނުގެ އަހުލުވެރީންނާއި، އަޞްޙާބުންނާއި، އަވަށްޓެރީންނާ މުޢާމަލާތު ކުރެއްވުމުގައި ގެންގުޅުއްވީ މަޑުމައިތިރިކަމާއި އޯގާވެރިކަން. އަދި ކިއެއްހެއްޔެވެ! ދުޝްމަނުންނާ މުޢާމަލާތުކުރެއްވުމުގައި ވެސް އިސްކުރެއްވީ މަޑުމައިތިރިކަމާއި އޯގާވެރިކަމުގެ ސިފަފުޅު. އަހަރެމެން ނަމޫނާއަކަށް ނަގާންވީ އެ ކަލޭގެފާނުގެ މާތް އަޚުލާޤުފުޅު: ހުތުބާ
ހުތުބާގައި ބުނީ އަހަރެމެން ކީރިތި ޤުރްއާނަށް ފުންކޮށް ވިސްނައިފި ނަމަ، މުޢާމަލާތުތަކާ ގުޅޭ ގިނަ އާޔަތްތަކެއް ހުރިކަން އެނގޭނެ ކަމަށާއި އަހަރެމެންގެ މުޢާމަލާތުތައް ވާންޖެހޭނީ އިސްލާމީ ހަމަތަކަށް ފެތޭ މުޢާމަލާތުތަކަކަށް ކަމަށެވެ.
ދުނިޔޭގެ ކަންކޮޅުތަކުގައި އިސްލާމްދީން ފެތުރުނީ އެ ދީނުގެ އަހުލުވެރީންގެ ރިވެތި އަޚުލާޤާއި ހެއު މުޢާމަލާތުގެ ސަބަބުން ކަން ފާހަގަކޮށް ހުތުބާގައި ބުނީ ދީންވެރި މުސްލިމަކީ އެހެން މީހުންނަށް އުނދަގޫކޮށް، އަމިއްލަ ނަފުސަށް ޓަކައި ބަދަލުހިފާ މީހާއެއް ނޫން ކަމަށެވެ.. އޭގެ ބަދަލުގައި ދީންވެރި މުސްލިމަކީ މަޢާފުކުރުން އިސްކުރާ މީހާ ކަމަށާއި އެއީ މާތް اللهގެ ޙަޟުރަތުގައިވާ ދަރުމައަށް އެދޭ މީހާ ކަމަށެވެ.
މިއަދުގެ ހުތުބާ ނިންމާލަމުން ވަނީ ރިވެތި ގޮތުގައި މީސްތަކުންނާ މުޢާމަލާތުކުރުމަށާއި އަދި މާތް الله ގެ ރުއްސެވުން އަދައި، ސުވަރުގޭގެ އަހުލުވެރީންގެ ތެރެއިން ވުމަށް ޓަކައި، އެކަކު އަނެކަކަށް ތަވާޟުޢުވެރިވާ، އެކަކު އަނެކަކު ދެކެ ލޯބިވާ، އޯގާތެރި ބަޔަކަށް ވުމަށް ނަސޭހަތްތެރިވެފައެވެ.


