ނިއުރޭޑިއަންޓްގެ ކޯޗު ސުޒޭންގެ ބައްޕަ ނިޔާވެއްޖެ
7 ފެބްރުއަރީ 2026 - 09:37

ރާއްޖޭގެ މަޝްހޫރު ދެ ފުޓްބޯޅަ ކޯޗުން ކަމަށްވާ އަލީ ސުޒޭން އާއި މުހައްމަދު ނަޒީހުގެ ބައްޕަ، ހަސަން އަލީ ރޭގެ ވަގުތެއްގައި ނިޔާވެއްޖެ އެވެ.
ރާއްޖޭގެ ކުޅިވަރު އާއިލާއަށް ބޮޑު ހިދުމަތްތަކެއް ކޮށްދެއްވި ހަސަން އަލީ ނިޔާވިއިރު އުމުރަކީ 78 އަހަރެވެ.

Ad by Hajj Corporation
ހަސަން އަލީގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮތީ މިއަދު މެންދުރު ނަމާދުގެ ފަހުގައި، މއ. އާސަހަރާ މިސްކިތުގަ އެވެ. ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާގެ ކަށުނަމާދުގައި ބައިވެރިވުމަށް އާންމުންނަށް ދައުވަތު ދީފަ އެވެ.
ސުޒޭން އާއި ނަޒީހުގެ އިތުރުން އިބްރާހިމް ޝިނާޒް އަދި ކުޅަދާނަ ގޯލްކީޕަރު ޓްރެއިނަރު އަހުމަދު ރިޔާޒް (ގާނާ) ގެ ބައްޕަ ހަސަން އަލީ އަކީ ދިވެހި ކުޅިވަރުގެ ޒަމާންވީ ހިދުމަތްތެރިއެކެވެ. އޭނާ އަކީ ރާއްޖޭގެ އެކި ކުޅިވަރުތަކުގައި ފާހަގަކޮށްލެވޭ ކްލަބް އީގަލްސްގެ މަސްއޫލުވެރިޔާ އެވެ. މާފަންނުގައި އީގަލްސްގެ ހަރަކާތްތައް ފަށައިގަތުމުގައި އިސްކޮށް އުޅުއްވައި، 1980 ގެ ފަހުކޮޅު އެ ކްލަބް ރެޖިސްޓްރީ ކުރުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ.
ހަސަން އަލީއާ ގުޅިފައިވާ އެންމެ ހާއްސަ އެއް ހަނދާނަކީ 2016 ވަނަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗެވެ. އެ މެޗަކީ ލީގުގެ ތާރީހުގައި ވެސް އެއްބަނޑު އެއްބަފާ ދެބެން ކޯޗުންގެ ގޮތުގައި ދެ ޓީމަކާ ހަވާލުވެ ތިބެ ބައްދަލުކުރި ފުރަތަމަ މެޗެވެ. ސުޒޭންގެ އިރުޝާދުގެ ދަށުން ކުޅުނު މާޒިޔާ އާއި ނަޒީހުގެ ވިކްޓަރީ ބައްދަލުކުރި އެ މެޗުގެ ޝަރަފްވެރި މެހެމާނަކީ ވެސް އެ ދެ ބޭފުޅުންގެ ބައްޕަ ހަސަން އަލީ އެވެ.
ކުޅިވަރުގެ ދާއިރާގައި ޝާމިލުވާން ބޭނުންވި ގިނަ ޒުވާނުންތަކަކަށް ފުރުސަތުތައް ހޯދައިދިނުމުގައި ހަސަން އަލީ ވަނީ ނަމޫނާ މަސައްކަތްތަކެއް ކުރައްވާފަ އެވެ. އޭނާގެ ވަކިވުމަކީ ދިވެހި ކުޅިވަރު އާއިލާއަށް ލިބުނު ފޫނުބެއްދޭނެ ބޮޑު ދެރައެކެވެ.


