ޒަމާނީ ތެރަޕީ ސެންޓަރެއް ޤާއިމުކުރަނީ
7 ފެބްރުއަރީ 2026 - 10:57

ހުރިހާ ބާވަތެއްގެ ތެރަޕީތަކަށް ޚާއްސަ ސްޓޭޓް އޮފް ދި އާރޓް ތެރަޕީ ސެންޓަރެއް، ހުޅުމާލޭގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރާއްޖޭގައި ދެމުންދާ ތެރަޕީގެ ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ނޭޝަނަލް ޑިސްއެބިލިޓީ ސަރވިސް އެންޑް ތެރަޕީ ސެންޓަރުގެ ނަމުގައި ޚާއްސަ ސެންޓަރެއް ޤާއިމުކުރުމަށް ނިންމަވާފައިވާކަމަށާއި މިސެންޓަރުން ހުރިހާ ބާވަތެއްގެ ތެރަޕީގެ ޚިދުމަތް ލިބިގެންދާނެކަމަށެވެ. މީގެ އިތުރުން މިސެންޓަރުގެ ޚިދުމަތް އަތޮޅުތަކަށްވެސް ފުޅާކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ad by Hajj Corporation
ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ޖެނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހުރިހާ ބާވަތެއްގެ ތެރަޕީގެ ޚިދުމަތް އާސަންދަ މެދުވެރިކޮށް ދިނުމަށް ނިންމަވާފައެވެ. ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ މި ނިންމުން މުރާޖާކުރައްވާ، އެ ޚަރަދުން ވަކި އިންސައްތައެއް ތެރަޕީ ސެންޓަރުތަކުން ފުރިހަމައަށް ޚިދުމަތްދެވޭނެފަދަ ގޮތަކަށް ހޭދަކުރުމަށް ހަމަޖައްސަވާނެކަމަށެވެ.
ތެރަޕީގެ ޚިދުމަތަށް ބަލާއިރު ރާއްޖޭގައި އިންސާނީ ވަޞީލަތް އެންމެ މަދު އެއްދާއިރާއަށް އެކި ކަހަލަ ތެރަޕީ ހިމެނެއެވެ. އެހެންކަމުން އެކި ބާވަތުގެ ތެރަޕިސްޓުން ބިނާކުރުމުގެ ޤައުމީ މަޝްރޫޢެއް މިއަހަރުގެ ތެރޭގައި ފެށުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތެރަޕިސްޓުން މަދުވުމުގެ މައްސަލައަށް ޙައްލެއް ގެންނެވުމަށް ސްޕީޗް ތެރަޕިސްޓުންނާއި، އޮކިޔުޕޭޝަނަލް ތެރަޕިސްޓުންނާއި ބިހޭވިޔަރަލް ތެރަޕިސްޓުން އަދި ފިޒިއޮތެރަޕިސްޓުންނާއި ސައިކޯތެރަޕިސްޓުން ހިމެނޭހެން 50 ތެރަޕިސްޓުން ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ގެންނެވުމަށް ނިންމަވާފައިވާކަމަށެވެ.


