ޕަބްލިކް ވޯކްސްގެ އައު ޔުނިޓްތަކާއެކު ވަޒީފާގެ ފުރުސަތުތަކެއް!
7 ފެބްރުއަރީ 2026 - 12:09

އަލަށް އުފެދޭ ޕަބްލިކް ވޯކްސް ޔުނިޓްތަކާއެކު 500 އެއްހާ ވަޒީފާ އުފެދޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްވެވި ރިޔާސީ ބަޔާނަށް އިޝާރާތްކުރައްވަމުންނެވެ.

Ad by Hajj Corporation
ވަޒީރު ވިދާޅުވީ މިއީ ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ވިސްނުމުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތެއް ކަމަށާއި މިކަމަށް ބޭނުންވާ އުޅަނދުތައް އެޕްރީލް މަހުގެ ތެރޭ ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ހިދުމަަތަށް ބޭނުންވާ މުވައްޒަފުންގެ ތެރޭގައި ޑްރައިވަރުންނާއި، އިދާރީ މުވައްޒަފުންގެ އިތުރުން ފަންނީ މުވައްޒަފުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އެ ޔުނިޠްތަކުގައި ބޭނުންކުރުމަށް ގެނެވޭ އުޅަނދުތައް ދުއްވުމަށް ބޭނުންވާ ޑްރައިވަރުން ތަމްރީނު ކުރުމުގެ މަސައްކަތަކީވެސް އެ ވުޒާރާގެ ބެލުމުގެ ދަށުން ކުރެވޭނެ މަސައްކަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ވަޒީރު ވަނީ މިޔުނިޓްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ޚިދުމަތްތަކެއް ކަމަށާއި އެހެންކަމުން ޚިދުމަތް ދެވެން ފެށުމުން ބޮޑު ބަދަލެއް ފެންނާނެ ކަމަށް ވިދާޅުވިއެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިޔުނިޓްތައް ޤާއިމް ކުރުމާއެކު، ޔުނިޓްތަކުން ރަށްރަށުގައި ޢުމްރާނީ ތަރައްޤީއަށް ކުރެވިފައިވާ މަސައްކަތްތައް ބެލެހެއްޓުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމަށެވެ. އަދި އެނޫންވެސް ރަށްރަށަށް ބޭނުންވާ އެކި ޚިދުމަތްތައް ދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޕަބްލިކް ވޯކްސް ޔުނިޓްތަކަކީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ މުނިސިޕަލް އެކި ޚިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ޔުނިޓްތަކެކެވެ. މި ޔުނިޓްތައް އާންމުކޮށް މަސައްކަތް ކުރާނީ ކައުންސިލްތަކާއި ސަރުކާރުގެ އެކި އިދާރާތަކާއި ގުޅިގެން ކަންކަމަށް މަގުފަހި ކުރުމަށެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމުކުރެވޭ ޢުމްރާނީ ވަސީލަތްތައް ރަނގަޅުގޮތުގައި ބަލަހައްޓައި މަރާމާތު ކުރުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމުގައި ފާހަގަކުރައްވާފައެވެ. އަދި މިކަމަށް މަގުފަހި ކުރުމަށް މިހާރު ޕަބްލިކް ވޯކްސް ޔުނިޓްތައް ޤާއިމްވެފައި ނުވާ 15 އަތޮޅެއްގެ 19 ރަށުގައި އެންމެ ޒަމާނީ ވަސީލަތްތަކާއެކު މިއަހަރު މެދުތެރޭ މިޔުނިޓްތައް ޤާއިމްކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


