އެންމެބޮޑު ހިތްހަމަޖެހުމަކީ ކައުންސިލަރުންގެ ކަންބޮޑުވުންތައް ސީދާ މިނިސްޓަރަށް ހުށަހެޅޭކަން!
28 ފެބްރުއަރީ 2026 - 14:39

ކައުންސިލުތަކުން ހިއްސާކުރަން ބޭނުން ކޮންމެކަމެއް ސީދާ މިނިސްޓަރާ ހިއްސާ ކުރެވޭނެ ކަމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސް އިން ބުނެފިއެވެ.
އެ މިނިސްޓްރީން މިހެން ބުނީ މެންދުރު ޓީވީން ރަމަޟާން މަހަށް ހާއްސަކޮށްގެން ގެނެސްދޭ 'ދެގަޑިބައި' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ އަހްމަދު ރަޝީދުއެވެ.

Ad by Hajj Corporation
އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރު އޮންނަނީ 183 ރަށް ކަމަށާއި ކައުންސިލަކުން ސަރުކާރުގެ އިދާރާއަކަށް ހާއްސަކޮށް ސިޓީސް މިނިސްޓްރީއަށް ބައްދަލުކުރައްވަން އަތުވެއްޖެނަމަ، އެ މީޓީންގ ޗެއަރ ކުރައްވާނީ ސީދާ ވަޒީރު ކަމަށެވެ.
އެފަރާތްތައް މާލޭގައި ގިނަ ދުވަހު ތިބެ، އިންތިޒާރު ވެސް ކުރަން ނުޖެހޭނެ ކަމަށާއި ކައުންސިލުތަކުން ހިއްސާކުރަން ބޭނުންވާ ހުރިހާ ވާހަކައެއް ސީދާ މިނިސްޓަރާ ހިއްސާކުރެވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރާއި ޓީމުން ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި އެންމެބޮޑަށް ފާހަގަވި އެއްކަމަކީ ރައްޔިތުންނާއި ކައުންސިލުން ކުރާ މަސައްކަތްތަކަށް އިތުރުއެހީތެރިކަން ބޭނުންވާކަން ކަމުގައި އަހްމަދު ރަޝީދު ވިދާޅުވިއެވެ. އަދި ސަރުކާރާ ރައްޔިތުންނާ އޮތް ގުޅުން ވަރުގަދަވެގެން ދިޔައީ މިގޮތަށް މަސައްކަތް ކުރެވެން ފެށުމުން ކަމުގައި ވެސް ވިދާޅުވިއެވެ.


