ކެރިކްގެ ސައްތައިން ސައްތެ ރެކޯޑާއެކު ލީގުގައި މިއަހަރުގައި ބަލިނުވާ ހަމައެކަނި ޓީމަކީ ޔުނައިޓެޑް
7 ފެބްރުއަރީ 2026 - 21:51

މައިކަލް ކެރިކް ވަގުތީ ކޯޗެއްގެ ގޮތުގައި މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވި ފަހުން އެ ޓީމުން ދަމަހައްޓަމުން އަންނަ ސައްތަ އިން ސައްތަ ރެކޯޑު، އޯލްޑް ޓްރެފޯޑުގައި 10 ކުޅުންތެރިންނާއެކު ކުޅުނު ޓޮޓެންހަމް ހޮޓްސްޕާ 2-0 އިން ބަލިކޮށް ދަމަހައްޓައިފިއެވެ.
މި މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔައީ 29 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ކެޕްޓަން ކްރިސްޓިއަން ރޮމޭރޯއަށް ދެއްކި ރަތް ކާޑާ އެކުގައެވެ. ކަސެމީރޯގެ ތަނބިކައްޓަށް އަމާޒުކޮށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރޮމޭރޯއަށް ސީދާ ރަތް ކާޑެއް ދެއްކިއިރު، އޭރުވެސް ޔުނައިޓެޑުން ދިޔައީ މެޗު ކޮންޓްރޯލް ކުރަމުންނެވެ. ރޮމޭރޯ އަކީ މި ސީޒަނުގައި ޕްރިމިއާ ލީގުގައި ދެ ފަހަރަށް ރަތް ކާޑު ދެއްކި ފުރަތަމަ ކުޅުންތެރިޔާއެވެ.

Ad by Hajj Corporation
ޔުނައިޓެޑުން މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ 38 ވަނަ މިނެޓުގައެވެ. މިއީ ކޯނަރަކުން ލިބުނު ފުރުސަތެއްގައި ބްރޫނޯ ފެނާންޑޭޒް އާއި ކޯބީ މައިނޫ ގުޅިގެން އުފެއްދި ރީތި ފުރުސަތަކުން ބްރަޔަން އެމްބިއުމޯ ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ ދެވަނަ ހާފުގައި އަމާދު ޑިއާލޯ އާއި މަތިއަސް ކޫންޏާ ޖެހި ލަނޑުތައް އޮފްސައިޑް ކަމަށް ނިންމި ނަމަވެސް، 81 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ވަނީ ޔުނައިޓެޑަށް ލީޑު ފުޅާކޮށްދީ މޮޅު ކަށަވަރުކޮށްދީފައެވެ.
މި ލަނޑާއެކު ބްރޫނޯ ފެނާންޑޭޒް ވަނީ ޔުނައިޓެޑަށް ކުޅުނު 314 މެޗުން 200 ގޯލް ކޮންޓްރިބިއުޝަން (104 ލަނޑު އަދި 96 އެސިސްޓް) ހަމަކޮށްފައެވެ. ޕްރިމިއާ ލީގުގެ ތާރީޚުގައި ޔުނައިޓެޑްގެ ކުޅުންތެރިންގެ ތެރެއިން މި އަދަދަށް އެންމެ އަވަހަށް ވާސިލްވީ ވޭން ރޫނީ އެކަންޏެވެ.
މިއީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހަށްފަހު ލީގުގައި ޖެހިޖެހިގެން ޔުނައިޓެޑުން ހޯދި ހަތަރުވަނަ މޮޅެވެ. އަދި މިހާރު އެ ޓީމު އޮތީ ބަލިނުވެ އަށް މެޗު ފުރިހަމަކޮށްފައެވެ. މި މޮޅާއެކު ޔުނައިޓެޑް ވަނީ ތާވަލުގެ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ތިން ޕޮއިންޓަށް ގާތްވެފައެވެ. އަދި މިއަހަރުގައި ޕްރީމިއަރ ލީގުގައި ބަލިނުވާ ހަމައެކަނި ޓީމަކީ ޔުނައިޓެޑްއެވެ.
މި ނަތީޖާއާއެކު ޓޮޓެންހަމް އޮތީ ތާވަލުގެ ފުލަށް ވެއްޓުމުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ. ހޮނިހިރު ދުވަހުގެ އެހެން މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތުން، އެ ޓީމު ރެލިގޭޝަން ޒޯނާ އެންމެ ހަ ޕޮއިންޓް ގާތަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ.


