ޕާމާގެ ހެޓްރިކާއެކު ރޮސީނިއާގެ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި
8 ފެބްރުއަރީ 2026 - 03:32

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ކޯލް ޕާމާ ފުރަތަމަ ހާފުގައި ކާމިޔާބުކުރި ހެޓްރިކާއެކު 3-1 އިން ވުލްވްސް ބަލިކޮށް، ޗެލްސީން ތާވަލުގެ ކުރިއަށް ޖެހިލައިފިއެވެ. މިއީ އާ ކޯޗު ލިއަމް ރޮސީނިއާގެ އިރުޝާދުގެ ދަށުން ޗެލްސީން ލީގުގައި ޖެހިޖެހިގެން ހޯދި ހަތަރުވަނަ މޮޅެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީން ވަނީ މުޅި މެޗު ކޮންޓްރޯލް ކޮށްފައެވެ. މެޗުގެ 13 ވަނަ މިނެޓުގައި ވުލްވްސްގެ މެޓް ޑޮހަޓީ، ޗެލްސީގެ ޔާއޯ ޕެޑްރޯއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ޕާމާ ވަނީ ފުރަތަމަ ލަނޑު ޖަހައިދީފައެވެ. އޭގެ ފަހުން 35 ވަނަ މިނެޓުގައި ޔާސަން މޮސްކޭރާ، ޕެޑްރޯއަށް ކުރި ފައުލަކަށް ލިބުނު ދެވަނަ ޕެނަލްޓީ ވެސް ޕާމާ ވަނީ ކާމިޔާބުކޮށްފައެވެ.

Ad by Hajj Corporation
ޕާމާ އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 38 ވަނަ މިނެޓުގައެވެ. މާކް ކުކުރެއްލާ އަރިމަތިން ހުރަސްކޮށްލި ބޯޅައެއް ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން ޕާމާ މި ލަނޑު ކާމިޔާބުކުރިއިރު، މިއީ އޭނާ ޕްރިމިއާ ލީގުގައި ފުރަތަމަ ހާފުގައި ހެޓްރިކް ފުރިހަމަކުރި ތިންވަނަ ފަހަރެވެ. މިއާއެކު އޭނާ ވެފައިވަނީ ލީގު ތާރީޚުގައި ވެސް ފުރަތަމަ ހާފުގައި ތިން ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
ދެވަނަ ހާފުގައި ވުލްވްސްގެ ކުޅުން ރަނގަޅުކޮށް، ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އެގޮތުން 54 ވަނަ މިނެޓުގައި މަޓިއަސް މަނޭ ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، އޭގެ 26 ސިކުންތު ފަހުން ޓޮލޫ އަރޮކޮޑާރޭ ވަނީ ވުލްވްސްއަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. ނަމަވެސް މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށް އިތުރު ލަނޑެއް ޖެހުމުގައި އެޓީމު ވަނީ ނުކުޅެދިފައެވެ.
މި މޮޅާއެކު ޗެލްސީ މިހާރު އޮތީ ތާވަލުގެ ފަސްވަނައިގައެވެ. އެޓީމާއި ހަތަރުވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ. އަނެއްކޮޅުން ބަލިވި ވުލްވްސް އަދިވެސް އޮތީ ތާވަލުގެ އެންމެ ފުލުގައެވެ.
ޗެލްސީގެ ކޯޗު ރޮސީނިއާ ވެފައިވަނީ ލީގުގައި އޭނާގެ ފުރަތަމަ ހަތަރު މެޗުން މޮޅުވި އިނގިރޭސި ދެވަނަ ކޯޗަށެވެ. މީގެ ކުރިން މި ޝަރަފު ހޯދާފައިވަނީ 2017 ވަނަ އަހަރު ލެސްޓާ ސިޓީއާއެކު ފުރަތަމަ ފަސް މެޗުން މޮޅުވި ކްރެއިގް ޝޭކްސްޕިއަރ އެވެ.


