މުޙިންމު ކުޅުންތެރިންތަކެއް މަދުކޮށް ކުޅުނު ރެއާލްއިން އުނދަގޫ މޮޅެއް ހޯދައި ބާސެލޯނާއާއި އެއްޕޮއިންޓާ ގާތަށް ޖެހިލައިފި
9 ފެބްރުއަރީ 2026 - 03:40

ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުގައި ވެލެންސިއާގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދައި، ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ރެއާލް މެޑްރިޑުން އަނެއްކާވެސް އެއް ޕޮއިންޓަށް ކުޑަކޮށްފިއެވެ. މި މެޗުގައި ރެއާލްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަލްވާރޯ ކަރޭރަސް އާއި ކީލިއަން އެމްބާޕޭއެވެ.
ހޮނިހިރު ދުވަހު މަޔޯކާ އަތުން ބާސެލޯނާ މޮޅުވުމުން ލީގު ތާވަލުގެ ކުރީގައި އެ ޓީމުން ބޮޑު ލީޑެއް ނެގި ނަމަވެސް، 24 ގަޑިއިރު ފަހުން މެސްޓަޔާ ސްޓޭޑިއަމްގައި ކުޅުނު މެޗުން މޮޅުވެ ރެއާލްއިން ވަނީ ބާސެލޯނާއަށް ޕްރެޝަރު ދަމަހައްޓާފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، ވެލެންސިއާގެ ކީޕަރު ސްޓޯލް ޑިމިޓްރިއެވްސްކީ ވަނީ އަރްދާ ގުލާ އާއި އެމްބާޕޭ ފޮނުވާލި ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މިމެޗުގައި ރެއާލްގެ މުހިންމު ކުޅުންތެރިންތަކެއްކަމުގައިވާ ރޮޑްރީގޯ އާއި ބެލިންގްހަމް އާއި ވިނީ ވަނީ އަނިޔާ އާއި ސަސްޕެންޝަނުގެ ސަބަބުން ޓީމުން ބާކީކޮށްފައެވެ.

Ad by Hajj Corporation
ފުރަތަމަ ހާފުގައި ރެއާލްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، ވެލެންސިއާގެ އާނައުޓް ޑަންޖޫމާ އާއި ޕެޕެލޫ ވަނީ ރެއާލްގެ ގޯލަށް ނުރައްކާކޮށްފައެވެ. ނަމަވެސް މެޗުގެ 65 ވަނަ މިނެޓުގައި ކަރޭރަސް ވަނީ އަމިއްލަ ހުނަރު ބޭނުންކޮށް، ވެލެންސިއާގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ކައިރި ކަނަށް ބޯޅަ ފޮނުވާލައިގެން ރެއާލްއަށް ލީޑު ނަގައިދީފައެވެ.
މި ލަނޑަށްފަހު ވެލެންސިއާއިން މެޗުގެ ނަތީޖާ ހަމަހަމަކުރުމާ ގާތަށް ޖެހިލިއެވެ. އެގޮތުން ލޫކަސް ބެލްޓްރަން ފޮނުވާލި ހަމަލާއެއް ގޯލުގެ ދުރު ދަނޑީގައި ޖެހިފައި ބޭރުވިއެވެ. ރެއާލްއަށް މެޗުގެ ތިން ޕޮއިންޓް ކަށަވަރުވީ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ބްރަހިމް ޑިއާޒް ދިން ބޯޅައަކުން އެމްބާޕޭ ކާމިޔާބުކުރި ލަނޑުންނެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ އެމްބާޕޭ ލަލީގާގައި ޖެހިޖެހިގެން ލަނޑު ޖެހި ހަވަނަ މެޗެވެ. އޭނާ ވަނީ މި ހަ މެޗުގައި ހަތް ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން މިއީ 2022 ވަނަ އަހަރުގެ ފަހުން ރެއާލްގެ ޑިފެންޑަރަކު ދިން އެސިސްޓަކުން އެ ޓީމުގެ އެހެން ޑިފެންޑަރަކު ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. ކަރޭރަސް ލަނޑު ޖެހީ ޑީން ހުއިސެން ދިން ބޯޅައަކުންނެވެ.
މި ސީޒަނުގައި ރެއާލް މެޑްރިޑަށް ކުޅުމުގެ ފެންވަރު ދަމަހައްޓަން އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް، އެ ޓީމުން އަންނަނީ ބާސެލޯނާއާ ވާދަވެރިކޮށް ލީގު ރޭހުގައި ހިފަހައްޓަމުންނެވެ. ރެއާލްއިން މިހާތަނަށް ކުޅުނު 23 ލީގު މެޗުގެ ތެރެއިން 21 މެޗުގައި ލަނޑު ޖަހާފައިވާއިރު، މިއަށްވުރެ ގިނަ މެޗުގައި ލަނޑު ޖަހާފައިވަނީ ހަމައެކަނި ބާސެލޯނާއެވެ.


