ހަލާލު ފަތުރުވެރިކަމުގެ އިތުރުން ރިސޯޓު ތަރައްގީކުރުމަށް ހުޅުވާލައިފި
9 ފެބްރުއަރީ 2026 - 05:00

ހަލާލް ފަތުރުވެރިކަމުގެ މޮޑެލަށް 3 ފަތުރުވެރިކަމުގެ ރިސޯޓު ތަރައްޤީކުރަން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ހުޅުވާލާއިފިއެވެ.
އެ ވުޒާރާއިން ބުނެފައިވަނީ، ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން ހަލާލް ޓޫރިޒަމް މޮޑެލަށް ފަތުރުވެރިކަމުގެ ރިސޯޓު ތަރައްޤީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އަންނަ މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު 9:00 ގެ ކުރިން ބީލަން ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.
ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން ހަލާލް ފަތުރުވެރިކަމުގެ މޮޑެލަށް ރިސޯޓު ތަރައްޤީކުރުމަށް 3 ތަނެއް ކަނޑައަޅާފައި ވެއެވެ. އެއީ ހދ. މަކުނުދޫ ފަރުން ފަޅުގެ 200 ހެކްޓަރުގެ ސަރަހައްދަކާއި ލ. ފޮނަގާދޫ އަދި ސ. ދޮންހެރައާއި އެ ރަށާ ކައިރި 0.85 ހެކްޓަރުގެ ރަށެވެ.
މި ރަށްތަކަށް ބީލަން ހުށަހަޅާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް އަންނަ މަހުގެ ދެވަނަ ދުވަހުގެ ހެނދުނު 10:00ގައި މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި 1 މާރިޗު 2026 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން އީމެއިލް planning@tourism.gov.mv އަށް ހުށަހެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ހަލާލް މޮޑެލަށް ރިސޯޓު ތަރައްގީކުރުމުގެ އިތުރުން 13 ސަރަހައްދެއްގައި ރިސޯޓު ތަރައްގީކުރުމަށްވެސް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ. މި ރިސޯޓުތައް ތަރައްގީކޮށް، ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު 11:00 ގެކުރިން ބީލަން ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.
ޓޫރިސްޓް ރިސޯޓް ތަރައްގީކުރަން ހުޅުވާލާފައިވާ ތަންތަން

Ad by Hajj Corporation
- ހއ. މާދުނި ފަރު 1 (200 ހެކްޓަރު)
- ހއ. މާދުނި ފަރު 2 (200 ހެކްޓަރު)
- ހއ. މާދުނި ފަރު 3 (200 ހެކްޓަރު)
- ހއ. ކެލާ ފަޅު 1 (156.2 ހެކްޓަރު)
- ހއ. ކެލާ ފަޅު 2 (169.3 ހެކްޓަރު)
- ހދ. މަކުނުދޫ ފަރު 1 (200 ހެކްޓަރު)
- ހދ. މަކުނުދޫ ފަރު 2 (200 ހެކްޓަރު)
- ހދ. މާފަރު ފަރު 1 (200 ހެކްޓަރު)
- ހދ. މާފަރު ފަރު 2 (200 ހެކްޓަރު)
- ހދ. މާފަރު ފަރު 3 (200 ހެކްޓަރު)
- ށ. ގޮނާފަރު 1 (200 ހެކްޓަރު)
- ށ. ގޮނާފަރު 2 (200 ހެކްޓަރު)
- ށ. ގޮނާފަރު 3 (200 ހެކްޓަރު)
މި ބީލަމާއި ގުޅޭ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް 2 މާރިޗު 2026 ވާ ހޯމަ ދުވަހު ދުވަހުގެ 11:00 ގައި ވަރޗުއަލްކޮށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި މި ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި 1 މާރިޗު 2026 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން އީމެއިލް planning@tourism.gov.mv މެދުވެރިކޮށް ހުށަހެޅުމަށް ވުޒާރާއިން އެދިފައިވެއެވެ.


