ސުނާމީ ބިނާ މައިޒާން މަރާމާތުކުރަނީ
9 ފެބްރުއަރީ 2026 - 11:59

ސުނާމީ ބިނާ މައިޒާން މަރާމާތުކޮށް ތަަރައްގީކުރުމުގެ މަސައްކަތަށް އެ ސަރަހައްދުން ވެހިކަލްތައް ނަގަން އަންގައިފިއެވެ.
އެ ތަން އަލުން ތަރައްގީކުރަނީ މާލޭ ސްކޭޕިން މަޝްރޫއުގެ ދަށުންނެވެ.

Ad by Hajj Corporation
ސުނާމީ ބިނާ މައިޒާނަކީ ލޮނުޒިޔާރަތްކޮޅުގައި ހުރި ސުނާމީ ބިނާ ގެންގޮސް ކުރީގެ ތިން ރުއް ޕާކު ސަރަހައްދުގައި ތަރައްގީކުރި މައިޒާނެކެވެ.
އެތަނަށް އުދައިގެ އަސަރުކުރުމާއި އެކި ގޮތްގޮތުން ގެއްލުންވެ އެތަން ހުރީ ވަރަށް ބޮޑަށް މަރާމާތުކުރަން ޖެހިފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ ޗާޓެއްގައި ހުސްކުރަން އަންގާފައި ވަނީ ސުނާމީ ބިނާއިން ފެށިގެން އަމީނީމަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ހިސާބުގައި ޕާކުކޮށްފައި ހުރި އުޅަނދުތަކެވެ.
ހުސްކުރަން އެންގި ސަރަހައްދުގައި ގިނަ އަދަދަކަށް ޕިކަޕާއި ސައިކަލުތައް ޕާކުކޮށްފައި ހުރެއެވެ.
ފުލުހުން އެދިފައި ވަނީ މިއަދު އިރުއޮއްސި 6:00 ގެ ކުރިން އެ ސަރަހައްދުން އުޅަނދުތައް ހުސްކުރުމަށެވެ.
ކުރިން ލޮނުޒިޔާރާތްކޮޅުގައި ހުރި ސުނާމީ ބިނާ، ކުރީގެ ތިން ރުއް ޕާކު ސަރަހައްދަށް ބަދަލުކުރީ ސިނަމާލެ ބްރިޖު ހަދާށެވެ. އެއީ ޑިސެމްބަރު 26، 2004 ގައި ރާއްޖެ އަށް އެރި ސުނާމީގައި ގެއްލުނު މީހުންނާއި މަރުވި މީހުންގެ އަދަދު ދައްކުވައިދޭ ގޮތަށް ހަދާފައިވާ ބިނާއެކެވެ.
ސުނާމީ ބިނާ އާއި އެ ތަނުގެ އެކި ސަރަަހައްދުގައި ހަރުކޮށްފައިވާ ލައިޓުތައް ރޭގަނޑު ކުރިން ދިއްލި ނަމަވެސް މިހާރު އެތަނުގައި އަލިކަމެއް ވެސް ނުހުރެ އެވެ. އަދި އެ ތަނުގައި އޮންނަ ނެރާ ދިމާލުން ބޮޑު ބައެއް އޮތީ ގާތައް ނެއްޓި މޫދަށް ދަމައިގެންފައެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތިން ރުއް ޕާކް ސަރަހައްދު ތަރައްގީކޮށްފައިވާއިރު، އެތަނުގެ ޝީޓްޕައިލްތައް މަރާމާތުކޮށް، މުޅި އެ ސަރަޙައްދުގެ ސްޓްރަކްޗަރ އެއްކޮށް ވަނީ ބަދަލުކޮށްފައެވެ. އަދި ފަސްގަނޑު އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ޖިއޯބޭގް ހަރުކޮށް، ބިންގަނޑު ތަރުތީބު ކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ.
މީގެ އިތުރުން އެ ސަރަޙައްދަ ޒިޔާރަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، މޫދަށް ނުވެއްޓޭނެހެން އެ ސަރަހައްދު ވަށައިގެން ފެންސެއްޖަހާގައިވެއެވެ. ހަމައެހެންމެ އާއްމުންނަށް އެ ސަރަހައްދުގައި ތިބެވޭނޭހެން ޖޯލިފަތި ފަދަ ތަކެތި ވަނީ ބަހައްޓާފައެވެ. ރަސްފަންނާއި ދާދި އެއް ކޮންސެޕްޓަކަށް ތަރައްޤީކޮށްފައިވާ މިތަނުގައި، ސުނާމީ ބިނާއާއެކު އެކި ކަހަލަ ދިއްލުންތައް ވަނީ ހަރުކޮށްފައެވެ. އަދި އެންމެ ޚާއްސަ ކަމެއްގެ ގޮތުގައި އެ ސަރަޙައްދަށް ވަދެ ނިކުތުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށް، ވޯކްވޭތަކެއް ވަނީ ހަދާފައެވެ.


