ކިއުބާއަށް ތެޔޮ ލިބުން ދަތިވަމުން އަންނާތީ ރަޝިއާ އިން ކަންބޮޑުވުން ފާޅުކޮށްފި
9 ފެބްރުއަރީ 2026 - 14:28

ކިއުބާއަށް ތެޔޮ ލިބުން ދަތިވަމުން އަންނާތީ ރަޝިއާ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރަޝިއާގެ ނޫސްތަކުގައި ބުނެފައިވަނީ ކިއުބާ އަށް ތެޔޮލިބުން ދަތިވެފައިވަނީ އެމެރިކާގެ ސަބަބުން ކަމަށެވެ. އަދި މިއީ ކިއުބާ ރައްޔިތުންނަށް ދޭ ވަރަށްބޮޑު ނިކަމެތިކަމެއްގެ ގޮތުގައި ފާހަގަކުރާކަމުގައި ނޫސްތަކުގައި ބުނެފައިވެއެވެ.

Ad by Hajj Corporation
ރަޝިޔާގެ ސަރުކާރުގެ ތަރުޖަމާނު ޑިމީޓްރީ ޕެސްކޯވް އާ ހަވާލާދީ ޚަބަރުތަކުގައި ވަނީ ކިއުބާގެ އިގުތިސާދު ފުނޑައިލުމުގެ މަގުސަދުގައި އެމެރިކާއިން ކުރިމަތިކޮށްފައިވާ ފިއްތުންތަކެއް ކަމުގައެވެ. އަދި ކިއުބާގައި ތެޔޮ ލިބުން އިންތިހާއަށް ދަތިވެ، އެގައުމު މި ވަގުތު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށް ވެސް ބުނެފައި ވެއެވެ.
ބައެއް ޚަބަރުތައް ބުނާ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވީނަމަވެސް، އިންސާނީ އެހީގެ ގޮތުގައި 6 މިލިއަން އެމެރިކާ ޑޮލަރު ފޯރުކޮށްދިނުމަށް އެމެރިކާއިން ވަނީ ނިންމާފައެވެ. އެކަމަކު އެމެރިކާގެ އެ ނިންމުމަކީ ދެފުށްދެގޮތް ނިންމުމެއްގެ ގޮތުގައި ސިފަކޮށް، ކިއުބާގެ ސަރުކާރުން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ކާބޯތަކެއްޗާއި އަސާސީ ހިދުމަތްތައް ނުލިބި، ކިއުބާގެ ހާލަތު، އިންސާނީ ކާރިޘާއަކަށް ބަދަލުވުމުގެ ނުރައްކާ ބޮޑުކަމަށް ބައިނަލްއަގުވާމީ ބައެއް ޖަމްއިއްޔާތަކުން ދަނީ ބުނަމުންނެވެ.


