logo
Bank of Maldives

Bank of Maldives

ޚަބަރު

ލޯކަލް އިންތިޚާބު: ރީ-ރަޖިސްޓަރީ ވުމަށް މާދަމާ ހުޅުވާލަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
9 ފެބްރުއަރީ 2026 - 17:22
ކައުންސިލް އިންތިޚާބަށް ވެރިކަން ކުރާ ޕީއެންސީގެ މާލެ ސިޓީގެ މޭޔަރު ކެންޑިޑޭޓު ޖަލީލާއި ބައެއް ކެންޑިޑޭޓުން ކެމްޕޭން ކުރަނީ
ކައުންސިލް އިންތިޚާބަށް ވެރިކަން ކުރާ ޕީއެންސީގެ މާލެ ސިޓީގެ މޭޔަރު ކެންޑިޑޭޓު ޖަލީލާއި ބައެއް ކެންޑިޑޭޓުން ކެމްޕޭން ކުރަނީ

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ (ޑަބްލިޔުޑީސީ) އިންތިޚާބުގައި، ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކަށް ރީ-ރަޖިސްޓަރީ ވުމުގެ ފުރުޞަތު މާދަމާ ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދިން ގޮތުގައި، ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާނީ 2026 ފެބުރުވަރީ 10 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެންނެވެ. މި ފުރުޞަތު 2026 ފެބުރުވަރީ 16 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް އޮންނާނެއެވެ. ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ތާވަލުކޮށްފައިވަނީ 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރީ-ރަޖިސްޓަރީ ވާންޖެހޭ ފަރާތްތައް

މި މުއްދަތުގައި ރީ-ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅަން ޖެހޭނީ 2024 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކުން އެކަންޏެވެ. ކޮމިޝަނުން ފާހަގަކުރެއްވި ގޮތުގައި، މަޖިލިސް އިންތިޚާބުގައި ރިސޯޓު، ސިނާއީ މަސައްކަތްކުރާ ރަށްރަށް، ޖަލު ނުވަތަ ރާއްޖެއިން ބޭރުގައި ވޯޓުލާން ރަޖިސްޓަރީކުރި މީހުން، މި އިންތިޚާބުގެ ރަޖިސްޓަރީގައި މިހާރު އޮންނާނީ އެމީހެއްގެ ދާއިމީ އެޑްރެހުގައެވެ.

ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން އެނގުމަށް "VR (Space) ID-Number" ޖެހުމަށްފަހު 1414 އަށް އެސް.އެމް.އެސް ކޮށްގެން ނުވަތަ ކޮމިޝަނުގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ޗެކްކުރެވޭނެއެވެ.

ހުށަހަޅާނެ ގޮތާއި އިތުރު މަޢުލޫމާތު

ރީ-ރަޖިސްޓަރީ ވުމަށް ހުށަހަޅަންޖެހޭނީ އިލެކްޝަންސް ކޮމިޝަނުގެ 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' (form.elections.gov.mv) ނުވަތަ 'މައި ޕޯޓަލް' (my.elections.gov.mv) މެދުވެރިކޮށް އޮންލައިންކޮށެވެ. 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' މެދުވެރިކޮށް ހުށަހަޅާއިރު، އައިޑީ ކާޑުގެ ކޮޕީއާއި ފޮޓޯ ހުށަހަޅަން ޖެހޭނެއެވެ. ނަމަވެސް 'މައި ޕޯޓަލް' މެދުވެރިކޮށް ވެރިފައިޑް އީފާސް އެކައުންޓަކުން ހުށަހަޅާނަމަ ފޮޓޯ ނުވަތަ އައިޑީ ކާޑު ކޮޕީ ހުށަހަޅާކަށް ނުޖެހޭނެއެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް 1414 އަށް ގުޅުމަށް ކޮމިޝަނުން އިލްތިމާސްކުރެއެވެ. އޮންލައިންކޮށް ފޯމު ހުށަހެޅުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ކޮމިޝަނުގެ މައި އިދާރާ ނުވަތަ އިންތިޚާބާބެހޭ މަރުކަޒަށް ވަޑައިގެން މައުލޫމާތު ސާފުކުރެވޭނެއެވެ. މި މަރުކަޒުތައް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 3:00 އަށް، އަދި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ހަވީރު 6:00 އަށް ހުޅުވިފައި ހުންނާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލޯކަލް އިންތިޚާބު: ރީ-ރަޖިސްޓަރީ ވުމަށް މާދަމާ ހުޅުވާލަނީޚަބަރު | 2 ގަޑިއިރު ކުރިންލޯކަލް ކައުންސިލް އިންތިޚާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ފުރުޞަތު ހުޅުވާލައިފިޚަބަރު | 7 ގަޑިއިރު ކުރިންކައުންސިލު އިންތިހާބުގެ ކެންޑިޑޭޓުންގެ ގުރުއަތުލުން މި މަހު 12 ގަޚަބަރު | 2 ދުވަސް ކުރިންޕީއެންސީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު ކެންޑިޑޭޓު ސިޓީއަށް އޮތީ ވަރުގަދަ ތަސައްވުރެއްޚަބަރު | 2 ދުވަސް ކުރިން