logo
Bank of Maldives

Bank of Maldives

ޚަބަރު

ދެ އިންތިހާބު އެއްކޮަށްލާ، މަޖިލީހުގެ ދައުރު ކުރުކޮށްލަން މަޖިލީހުން ފާސްކޮށްފި

މުޙައްމަދު އަފްރާޙް
10 ފެބްރުއަރީ 2026 - 06:28
ދެ އިންތިހާބު އެއްކޮަށްލާ، މަޖިލީހުގެ ދައުރު ކުރުކޮށްލަން މަޖިލީހުން ފާސްކޮށްފި

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މުއްދަތަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޤާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި ބިލު ފާސްކޮށްފައިވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 72 މެންބަރުންގެ ވޯޓުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިބިލަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވަންޖެހޭ އިންތިޚާބުތައް އެކުގައި ބާއްވަން ކަނޑައެޅުމަށް ހުށަހެޅުއްވި ބިލެކެވެ. ބިލާއެކު މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު އިސްލާޙު ކުރެވޭނެ ކަމަށް އެ ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

ބިލުގައިވާ ގޮތުން މަޖިލީހުގެ އިންތިޚާބު ކުރިއަށް އޮތްތަނުގައި ބާއްވާނީ، ޤާނޫނު އަސާސީގެ 110ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިޚާބާ އެކުގައެވެ. އަދި މަޖިލީހުގެ އުމުރަކީ، ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 5 އަހަރު ދުވަހުގެ މުއްދަތެއް ކަމަށާއި، އެ މުއްދަތު ހަމަވުމުން މަޖިލިސް އުވޭނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.

މީގެ އިތުރުން ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލިސް އުވުމާއެކު އަލަށް އިންތިޚާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ވާނީ، ޑިސެންބަރު މަހުގެ 1 ވަނަ ދުވަހު ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ދެން އެންމެ އަވަހަށް މެންބަރުން ހޮވުމަށް އިންތިޚާބެއް ބާއްވަން ވާނީ، އިސްލާޙުތަކާ އެއްގޮތަށް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުމުރު 1 ޑިސެންބަރ 2028 އަށް ހަމަވާނެ ކަމަށާއި، އެ ތާރީޚަށް އިންތިޚާބު ބާއްވައި މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭނެ ކަމަށްވެސް ޤާނޫނު އަސާސީއަށް ގެންނަ އިސްލާޙުގައި ވަނީ ބަޔާންކޮށްފައެވެ. މިއާއެކު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރު ވެގެންދާނެއެވެ. މިހާރު ޤާނޫނު އަސާސީގައިވާ ގޮތުން 20 ވަނަ މަޖިލީހުގެ އުމުރު ހަމަވާނީ 2029 ވަނަ އަހަރުގައެވެ.

ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު ހުށަހެޅުއްވި މިބިލުގެ ބަހުސް މަރުހަލާގައި ގިނަ މެމްބަރުންވަނީ މިބިލަށް ތާޢީދުކޮށް ވާހަކަދައްކާފައެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންވަނީ މިބިލާ ދެކޮޅަށް ތަޅުމުގައި އަޑުއުފުލާފައެވެ. އަދި މަޖިލިސް ތަޅުމުގައި އަޑުގަދަކުރަން ފެށުމުން ރިޔާސަތުންވަނީ ބައެއް މެމްބަރުންގެ ނަން އިއްވާ ތަޅުމުން ބޭރުކޮށްފައެވެ.

މި ބިލު މަޖިލީހުން ފާސްކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރައްވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްފަހުއެވެ. މި ވޯޓު ވަކިން ނަގާނަމަ ބޮޑު ޚަރަދެެއް ކުރަންޖެހޭތީ އަންނަ އޭޕްރިލް މަހުގެ 4ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބާއެކު ފެންނަ ނުފެންނަ ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ލަފާ ދީފައެވެ. މި ވޯޓު ނެގޭނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އެ ކޮމިޝަނަށް ވޯޓު ނެގުމަށް އެންގުމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެ އިންތިހާބު އެއްކޮަށްލާ، މަޖިލީހުގެ ދައުރު ކުރުކޮށްލަން މަޖިލީހުން ފާސްކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންކައުންސިލު އިންތިޚާބުގައި ރީ-ރަޖިސްޓަރީވާން ހުޅުވާލައިފިޚަބަރު | 2 ގަޑިއިރު ކުރިންކޮމިޓީގެ ނިންމުން: ދެ އިންތިޚާބު އެއްކޮށްލަން ފެނޭޚަބަރު | ދުވަހެއް ކުރިންމަޖިލީހަށް ޕެޓިޝަން ހުށަހަޅުމަށް އިލެކްޓްރޯނިކް ޕެޓިޝަން ޕޯޓަލެއް ޚަބަރު | 2 ދުވަސް ކުރިން