ހިފްޒު ކްލާސްތަކުގައި 1800 ދަރިވަރުން؛ ރާއްޖޭގެ ކުރިމަގު ފެންނަނީ އުޖާލާކޮށް!
10 ފެބްރުއަރީ 2026 - 06:52

މިދައުރުގެ މިހާތަނަށް ޙާފިޒުންގެ ޢަދަދު އިތުރުކުރުމަށްޓަކައި ކުރެވޭ މަސައްކަތުން ހިފްޒު ކޮމިޓީތައް އިތުރުކޮށްފައިވާކަމަށާއި، ހިފްޒު ކްލާސްތަކުގައި މިވަގުތުވެސް 1800 ދަރުވަރިވަރުން ކިޔަވަމުންދާކަމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ބުނެފިއެވެ.
ރައީސްގެ ރިޔާސީ ބަޔާނާ ގުޅިގެން ދައުލަތުގެ މީޑިއާއިން ގެނެސްދޭ ރިޔާސީ ބަޔާނުގައި ވާހަކަދައްކަވަމުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުﷲ ސައުދާން ވިދާޅުވީ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ހިފްޒު ކްލާސްތަކުގައި މިހާރުވެސް 1800 އާ ގާތްކުރާ އަދަދަކަށް ދަރިވަރުން ތިބިކަމަށެވެ. އަދި މުރާޖަޢާ ކްލާހުގައި މިހާރުވެސް 8 ކުދިން ހިފްޒު ކޮމިޓީއަށް ކިޔާދިނުމަށް ތައްޔާރަށް ތިބިކަމަށް އަލްއުސްތާޛް ސައުދާން ވިދާޅުވިއެވެ.
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރިސީޓީގައިވެސް ހިފްޒު ކޮމިޓީ އެކުލަވާލާ، ހިފްޒު ކޮމެޓީތައް އިތުރުކޮށްފައިވާކަމަށް އަލްއުސްތާޛް ސައުދާން ވިދާޅުވިއެވެ. އޭގެ އިތުރުން ފުވައްމުލައްސިޓީ އާއި އައްޑޫ ސިޓީގައިވެސް ހިފްޒު ކޮމިޓީތައް އެކުލަވަލާފައިވާކަމަށް އަލްއުސްތާޛް ސައުދާން ވިދާޅުވިއެވެ.
ޤުރުއާނާ ބެހޭ މަރުކަޒުގެ އެކި ގޮފިތަކުގައި ކިޔަވާ ދަރިވަރުންނަށް ކިޔަވައިިދިނުމަށް މުދައްރިސުންގެ ގޮތުގައި ބިދޭސީ ހާފިޒުން ގެންނަކަމަށް ވިދާޅުވެ، މިހާރުވެސް އެކި ރަށްރަށުގެ ސެންޓަރުތަކުގައި 7 ބިދޭސީ މުދައްރިސަކު ކިޔަވައިދެމުންދާކަން އަލްއުސްތާޛް ސައުދާން ފާހަގަކުރެއްވިއެވެ. މީގެ އިތުުރުން، ރޯދައިގެ ކުރިން އިތުރު 10 ބިދޭސީ ހާފިޒުން ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އަލްއުސްތާޛް ސައުދާން ވިދާޅުވިއެވެ. ޙާފިޒުންގެ ޢަދަދު އިތުރުކުރުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ތެރެއިން ކީރިތި ޤުރުއާން ހިދުތަސްކޮށްދޭ ޖަމްޢިއްޔާތަކާއި އިންސްޓިޓިއުޓްތައް ހޯދާ، އެ ޖަމްޢިއްޔާތަކަށް މާލީ ގޮތުންނާއި ފަންނީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް އަލްއުސްތާޛް ސައުދާން ވިދާޅުވިއެވެ.
ޙާފިޒުން ތަމްރީންކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވުނު މަސައްކަތްތަކާއެކު މިހާރު ރާއްޖޭގައި ތިބި ޙާފިޒުންގެ ޢަދަދު 291 އަށް އިތުރުކުރެވިފައި ވެއެވެ. ރޯދަމަހުގެ ކުރިން މި ޢަދަދު 300 އަށް އިތުރުވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވެފައިވެއެވެ. ޙާފިޒުންގެ ޢަދަދު އިތުރުކުރުމުގެ އިތުރަށް ސަރުކާރުން ވަނީ އެފަރާތްތަކުގެ އަގުވަޒަންކުރުމަށް ކުރާ މަސައްކަތްވެސް ފުޅާކޮށްފައެވެ. އެގޮތުން ޙާފިޒުންގެ ދަސްވެނިވުމަށް ޚާއްސަ ޖަލްސާއެއް ބާއްވާ، ދަސްވެނިވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ދެއްވަން މިދިޔަ ރޯދަމަހު ވަނީ ފައްޓަވާފައެވެ. އަދި ހާފިޒުންނަށް ދެމުން އައި އެލަވަންސް 2000 ރުފިޔާއިން 4000 ރުފިޔާއަށްވެސް ވަނީ ބޮޑުކޮށްފައެވެ.

Ad by Hajj Corporation


