logo
Bank of Maldives

Bank of Maldives

ޚަބަރު

ގައުމީ ގުރުއާން މުބާރާތުގެ އޮޑިޝަން ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މަރިޔަމް މާޙީ
2 މޭ 2026 - 04:52
ގައުމީ ގުރުއާން މުބާރާތުގެ އޮޑިޝަން ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މިއަހަރު ބާއްވާ ގައުމީ ގުރުއާން މުބާރާތުގެ އޮޑިޝަން ބުރުގައި ބައިވެރިވުމުގެ ފުރުސަތު ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ހުޅުވާލައިފިއެވެ.

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ބުނީ، މާދަމާ އިން ފެށިގެން އޮޑިޝަން ބުރުގައި ބައިވެރިވުމަށް އެ މަރުކަޒުގެ އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 18 ވަނަ ދުވަހެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަހަރުގެ މުބާރާތުގެ އުސޫލުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، އުމުރުން 26 އަހަރު ނުފުރޭ، ޝަރުޠު ހަމަވާ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އަމިއްލަ ގޮތުން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މިއީ ގިނަ ބަޔަކަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ގެނައި ބަދަލެކެވެ.

މި އަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުމްލަ ތިން ބުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބުރެއްގެ ގޮތުގައި ކުރިއަށްދާ އޮޑިޝަން ބުރު، މާލޭގެ އިތުރުން ރާއްޖޭގެ ބައެއް ރަށްތަކުގައި ވެސް ކުރިއަށްދާނެ ކަމަށް އެ މަރުކަޒުން މައުލޫމާތުދެއެވެ.

މުބާރާތުގެ ދެވަނަ ބުރަކީ ސެމީ ފައިނަލް ބުރެވެ. މި ބުރަށް ހޮވޭނީ އޮޑިޝަންގެ ކޮންމެ ކެޓަގަރީއަކުން 80 އިންސައްތައަށް ވުރެ މަތިން މާކްސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 500 ބައިވެރިންނެވެ. ފައިނަލް ބުރަށް ދަތުރުކުރާނީ ސެމީ ފައިނަލްގެ ކޮންމެ ކެޓަގަރީއަކުން 85 އިންސައްތައަށް ވުރެ މަތިން މާކްސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 150 ބައިވެރިންނެވެ.

މުބާރާތުގެ ފައިނަލް ބުރު ކުރިއަށްދާނީ މާލޭގައެވެ. އަދި ފައިނަލް ބުރަށް ހޮވޭ ބައިވެރިންގެ ތެރެއިން އަތޮޅުތެރެއިން މާލެ އަންނަ ދަރިވަރުންނަށް ހާއްސަ އެލެވެންސެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރު ބޭއްވުނު ގައުމީ ގުރުއާން މުބާރާތުގައި ޖުމްލަ 1003 ބައިވެރިން ވަނީ ބައިވެރިވެފައެވެ. ކީރިތި ގުރުއާނަށް ލޯބިޖެއްސުމާއި، ރީތިކޮށް ގުރުއާން ކިޔަވާ ދަރިވަރުން އުފެއްދުމަކީ މި މުބާރާތުގެ މައިގަނޑު އެއް މަގުސަދެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މައްކާގައި އޮންނަ ޤުރުއާން މުބާރާތެއްގައި ރާއްޖެ ތަމްސީލްކުރާނެ ބައިވެރިން ހޯދަން އިއުލާންކޮށްފިޚަބަރު | މަހެއް ކުރިން38 ވަނަ ގައުމީ ގުރުއާން މުބާރާތުގެ އޮޑިޝަން ބުރުގައި 3053 ބައިވެރިންޚަބަރު | މަހެއް ކުރިންގައުމީ ގުރުއާން މުބާރާތުގެ އޮޑިޝަން ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 2 މަސް ކުރިންއޮޑިޝަން ބުރަކާއެކު، ޤައުމީ ޤުރްއާން މުބާރާތަށް ބަދަލުތަކެއްޚަބަރު | 3 މަސް ކުރިން