މި އަހަރުގެ އިޙްޔާ ފޯރަމްތައް ބާއްވާ ރަށްތަކާއި ތާވަލު ހާމަކޮށްފި
10 ފެބްރުއަރީ 2026 - 09:15

މި އަހަރުގެ ރަމަޟާން މަހުގެ އަތޮޅު އިޙްޔާ ފޯރަމްތައް ބާއްވާ ރަށްތަކާއި ތާވަލު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އިން ހާމަކޮށްފިއެވެ.
އެ ވުޒާރާ އިން ބުނީ މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ގޮތުން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން މާލޭގައި 8 ފޯރަމް އަދި އަތޮޅުތެރޭގައި 10 ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Ad by Hajj Corporation
މި އަހަރުގެ އިޙްޔާ ފޯރަމްތައް ބާއްވާނެ ރަށްތައް ފައިނަލްކޮށްފައިވަނީ، އެކަމަށް އެދި ރަށްރަށުގެ ކައުންސިލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކަށް ބަލައި، އެ ރަށްރަށުގައި މިފަދަ ޕްރޮގްރާމެއް ހިންގުމަށް ހުރި ތައްޔާރީތަކާއި އިންތިޒާމުތަކަށް ވަރަށް ފުރިހަމައަށް ރިޢާޔަތްކުރުމަށްފަހުގައި ކަމަށް އެ ވުޒާރާ އިން ބުނެއެވެ.
މި ސިލްސިލާ ފޯރަމްތަކުގެ މައިގަނޑު މަގުސަދަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، ބަރަކާތްތެރި ރަމަޟާން މަހުގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި އާންމުންނަށް ފޯރުކޮށްދިނުމެވެ. މީގެއިތުރުން، މިއަހަރުގެ އިޙްޔާ ފޯރަމްތަކަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން، ހޮވޭ ނަސީބުވެރިންނަށް އަގުހުރި ހާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ އިޙްޔާ ފޯރަމްތައް ބާއްވާ ރަށްރަށަށް ބަލާއިރު، ތ. ދިޔަމިގިލ، ތިނަދޫ ސިޓީ، ގދ. މަޑަވެލި، އެ އަތޮޅު ގައްދޫ ހިމެނެއެވެ. އަދި ހއ. އިހަވަންދޫ، ޅ. ނައިފަރު، ކ. ހިންމަފުށި، ކ. ގުރައިދޫ، ލ. މާވަށް، ރ. މީދޫ ހިމެނއެވެ.
މި ފޯރަމްތަކަށް ވީހާވެސް ގިނަ ބޭފުޅުން ޙާޟިރުވެވަޑައިގެން ދީނީ ޢިލްމު އުނގެނުމަކީ އެ ވުޒާރާގެ ވަރަށް ބޮޑު އެދުމެކެވެ. މި ފޯރަމްތައް ކުރިއަށްދާނީ ކަނޑައެޅިފައިވާ ތާރީޚްތަކުގެ ރޭގަނޑު އެ ރަށްރަށުގެ ކަނޑައެޅޭ މަރުކަޒުތަކުގައެވެ.


