ފްލެޓްތަކުގެ ތިރިއަށް ކުނި އަޅާ މީހުން ޖޫރިމަނާކުރަނީ
10 ފެބްރުއަރީ 2026 - 13:27

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4000 ފްލެޓްތަކުގައި އުސޫލާއި ޚިލާފަށް ކުނި އަޅާ ފަރާތްތަކަށް ފިޔަވަޅު އަޅައި ޖޫރިމަނާކުރަން ފަށައިފިއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ބުނީ، ޓަވަރުތަކުގެ ތިރިއަށް އަޅާފައި ހުރި ކުނިތައް އެ ކޯޕަރޭޝަނާއި ވެމްކޯއިން ގުޅިގެން ނަގާ އެތަންތަން ސާފުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި މިމަސައްކަތުގެ ދަށުން ފްލެޓްތަކުގެ ތިރިއަށް އަޅާފައިވާ ކުނިތަކުގެ ތެރެއިން މިހާތަނަށް 460 ޓަނުގެ ކުނި ނަގާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
އެފްޑީސީން ބުނީ 4000 ހައުސިންގ ޔުނިޓުތަކުގެ ޢާންމު ސަރަޙައްދުތަކާއި، އިމާރާތްތަކުގެ ގްރައުންޑް ފްލޯ ހިމެނޭހެން ކަނޑައެޅިފައިވާ އުސޫލުތަކާއި ޚިލާފަށް ބައެއް ފަރާތްތަކުން ކުނިއަޅަމުންދާކަން އެކޯޕަރޭޝަނަށް ފާހަގަވެފައިވާ ކަމަށެވެ. އަދި މިގޮތަށް އުސޫލުން ބޭރުން ކުނި ޖަމާކުރުމުގެ ސަބަބުން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިވެ، ޢާންމު ޞިއްޙަތާއި ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތްތައް މެދުވެރިވަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. މިއީ އެކޯޕަރޭޝަނުން ކަނޑައަޅައި ޢާންމުކޮށްފައިވާ ކުނި އުކާލުމުގެ ޤަވާއިދާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށްވެސް އެކޯޕަރޭޝަނުން ބުނެއެވެ.
އެފްޑީސީން ބުނީ، އިމާރާތްތަކުގެ ކޮރިޑޯތަކާއި ހިނގާ މަގުތަކުގެ އިތުރުން ޓަވަރުތަކުގެ ބޭރު ސަރަޙައްދުތަކަށް ކުނި އެޅުމާއި، ކުނި ޖަމާކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި ގޭބިސީތަކުން އުފެދޭ ކުނި އުކާލަންވާނީ ހަމައެކަނި ގްރައުންޑް ޕްލޯގައި ހުންނަ ގާބޭޖު ރޫމްތަކުގައި އެކަމަށް ޚާއްޞަކޮށްފައި ހުންނަ ކުނިވަށިތަކަށް ކަމަށެވެ. މީގެއިތުރުން ޔުނިޓުތަކަށް އަލަށް ބަދަލުވާއިރު، އުފެދޭ ފޮށިގަނޑުތަކާއި، ފުޅިމަދު އަދި އެނޫންވެސް ތަކެތި އުސޫލުތަކާއި އެއްގޮތަށް އުކާލުމަކީ ޔުނިޓެއްގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށެވެ.
އެހެންކަމުން އިމާރާތާއި، ދިރިއުޅޭ މާޙައުލުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ކުނި އުކާލުމުގައި ހަމަޖެހިފައިވާ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެކޯޕަރޭޝަނުން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ޤަވާއިދާއި ޚިލާފަށް ކުނި އުކާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅައި، ކަނޑައަޅާ އުސޫލުގެ ދަށުން ޖޫރިމަނާ ކުރާނެ ކަމަށްވެސް އެކޯޕަރޭޝަނުން ބުނެއެވެ.
އެގޮތުން މިހާރު ޖޫރިމަނާ ތަންފީޒުކުރަން ފަށާފައިވާއިރު، އުސޫލާއި ޚިލާފުވި ބައެއް ފަރާތްތަކާއި މެދު ފިޔަވަޅު އަޅައި ޖޫރިމަނާކޮށްފައިވާ ކަމަށްވެސް އެފްޑީސީން ބުނެއެވެ.

Ad by Hajj Corporation
ފަހި ފްލެޓްތަކުގެ ޓަވަރުތަކުގެ ޢާންމު ސަރަޙައްދުތައް ސާފުކުރުމުގެ މަސައްކަތް އެފްޑީސީއާއި ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން، ވެމްކޯއާ ގުޅިގެން މިހާރު ވަނީ ފަށާފައެވެ. މިމަސައްކަތަކީ، އެ ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް، ސާފުތާހިރު ވެއްޓެއް ގާއިމުކުރުމަށް ކުރާ މުހިންމު މަސައްކަތެއް ކަމަށް އެފްޑީސީން ބުނެއެވެ.
އެފްޑީސީން ބުނީ، އަމާން ދޯދި މަޝްރޫޢުގެ ދަށުން އިމާރާތްކޮށްފައިވާ 13 ޓަވަރަކުން މިހާތަނަށް ޖުމްލަ 460 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 27 ޑަމްޕް ޓްރަކުގެ ކުނި ކަމަށެވެ. އަދި މިމަސައްކަތުގެ ދަށުން އަމާން އުދަރެސް އަދި ދޯދީގެ ޖުމްލަ 32 ޓަވަރު ސާފުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.


