ޖަރުމަނުން ރަސްމީކޮށް މަރުހަބާ ދެންނެވި ފުރަތަމަ ދިވެހި ރައީސަކަށް ޑރ. މުޢިއްޒު
10 ފެބްރުއަރީ 2026 - 15:28
.jpg&w=3840&q=75)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ޖަރުމަނުން ރަސްމީކޮށް މަރުހަބާ ދަންނަވައިފިއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެޤައުމަށް ވަޑައިގަތުމުން ރަސްމީކޮށް މަރުޙަބާ ދެއްންނެވުން ކުރިއަށްގެންގޮސްފައިވަނީ އެގައުމުގެ ރިޔާސީ ގަޑުވަރު ޝްލޮސް ބެލެވިޔުގައެވެ.
މިއީ ރާއްޖޭގެ ރައީސަކަށް ޖަރުމަނުވިލާތުން ރަސްމީކޮށް މަރުޙަބާ ދެންނެވި ފުރަތަމަ ފަހަރެވެ. އަދި މިއީ ޖަރުމަނުގެ ރައީސްގެ ދަޢުވަތަކަށް ރާއްޖޭގެ ރައީސަކު ޖަރުމަނުވިލާތަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅު ވެސް މެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނު އަރިހުގައި ވަޑައިގެންނެވި ސަރުކާރުގެ ވަފްދަށް އެ ޤައުމުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރ މަރުޙަބާ ދަންނަވާފައިވާއިރު، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރ ވަނީ އެ ދެބޭފުޅުންގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތުގައި ރައީސް ޑޮކްޓަރ މުޢިއްޒަށް ޖަރުމަނުވިލާތުގެ އިއްޒަތްތެރިން މަރުޙަބާ ވިދާޅުވެ ތަޢާރަފުވެވަޑައިގަތުމަށްފަހު، ދިވެހި ވަފުދުގެ ބޭފުޅުން ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރއަށް ތަޢާރަފުކޮށްދެއްވިއެވެ. އަދި ދެ ރައީސުން އެކުގައި ހަނދާނީ ފޮޓޯފުޅެއް ނެންގެވުމަށްފަހު، ގަނޑުވަރުގެ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރެއްވިއެވެ.

Ad by Hajj Corporation
ރައީސްގެ މި ދަތުރުފުޅުގައި، ޖަރުމަނުވިލާތުގެ ރައީސް ޝްޓައިންމަޔަރ އާއި އެގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާނެއެވެ. އަދި މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގައި ބަރލިންގައި ހުންނަ ހުމްބޯލްޑްޓް ޔުނިވަރސިޓީއަށް ވަޑައިގެން "މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ" ހިއްސާކުރައްވައި އެ ޔުނިވަރސިޓީގައި ތަޤުރީރުކުރައްވާނެއެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި ޖަރމަން ކައުންސިލް ފޮރ ފޮރިން ރިލޭޝަންސަށް ޒިޔާރަތް ކުރައްވައި ތަޤުރީރު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މި ދަތުރުފުޅު ދިމާވަނީ ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތާއެވެ. ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 5 ޖުލައި 1966 ގައެވެ.


