ޔުނައިޓެޑް ޖެހިޖެހިގެން ފަސް މެޗުން މޮޅުވުން ފެއިލްވެ، ސަޕޯޓަރ ޔުނައިޓެޑް ސްޓްރޭންޑްގެ ބޯކޮށުމުގެ އިންތިޒާރު ދިގުލައިފި
11 ފެބްރުއަރީ 2026 - 04:39

މެންޗެސްޓާ ޔުނައިޓެޑް ރޭ ވެސްޓްހޭމްއާ ވާދަކޮށް 1-1 އިން އެއްވަރުވުމުން، އެ ޓީމުގެ ސަޕޯޓަރެއް ކަމަށްވާ ފްރޭންކް އިލެކްޓް (ސޯސަލް މީޑިއާ ނަމުންނަމަ ޔުނައިޓެޑް ސްޓްރޭންޑް) ގެ ބޯކޮށޭ ގޮތެއް ނުވިއެވެ. އޭނާ ބޯ ނުކޮށައި 493 ދުވަސް ވަންދެން ހުރީ ޖެހިޖެހިގެން ޔުނައިޓެޑް ފަސް މެޗުން މޮޅުވުމުން ނޫނީ ބޯނުކޮށަން ކުރި ޗެލެންޖެއްގެ ދަށުންނެވެ.
އިލެކްޓާއި ޔުނައިޓެޑްގެ ގިނަ ސަޕޯޓަރުން އުއްމީދު ކޮށްގެން ތިބީ ރޭގެ މެޗުން މޮޅުވެ، އޭނާގެ މޫނުމަތި ހިސާރުކޮށްފައިވާ ތަރުތީބެއް ނެތް ދިގު އިސްތަށިގަނޑު ކޮށާލެވޭނެ ކަމަށެވެ. ޔުނައިޓެޑުން ވަނީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފައެވެ. މި ސިލްސިލާ ފެށުނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު މެންޗެސްޓާ ސިޓީ ބަލިކުރުމާ އެކުގައެވެ. އޭގެ ފަހުން އާސެނަލް، ފުލަމް އަދި ޓޮޓެންހަމް އަތުން ވެސް އެ ޓީމު ވަނީ މޮޅުވެފައެވެ.

Ad by Hajj Corporation
މި މެޗާ ދިމާކޮށް އިލެކްޓް ވަނީ ސޯޝަލް މީޑިއާގައި ހިޔާލު ހޯދުމުގެ ވޯޓެއް ވެސް ނަގާފައެވެ. ޖުމުލަ 27,000 މީހުން ވޯޓު ދިން އިރު، އޭގެ ތެރެއިން 90 އިންސައްތަ މީހުން ގަބޫލުކުރީ ރޭގެ މެޗުން މޮޅުވެ އޭނާ ބޯކޮށާލާނެ ކަމަށެވެ. ސޯޝަލް މީޑިއާގައި 2.3 މިލިއަން ފޮލޯވަރުން ތިބޭ އިލެކްޓް ބުނީ، މި އިންތިޒާރު މިހާ ދިގުވެދާނެ ކަމަށް ކުރިން ހީނުކުރާ ކަމަށެވެ.
އިލެކްޓް މި ޗެލެންޖު ފެށީ ޔުނައިޓެޑުން އެންމެ ފަހުން އެފްއޭ ކަޕް ކާމިޔާބު ކުރި ދުވަސްވަރުއެވެ. ޔުނައިޓެޑުން އެންމެ ފަހުން ވިދިވިދިގެން ފަސް މެޗުން މޮޅުވެފައިވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. "އޭރު ހިޔެއް ނުކުރަން ޓީމުގެ ފޯމު ދަށްވެ، މި އިންތިޒާރު މިހާ ދިގު މުއްދަތަކަށް ކުރަން ޖެހިދާނެ ކަމެއް،" އިނގިރޭސި ނޫސްތަކާ ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.
ރޭގެ މެޗު އެއްވަރުވުމުން ޔުނައިޓެޑް މިހާރު އޮތީ 26 މެޗުން 45 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގައެވެ. ވެސްޓްހޭމް އޮތީ 24 ޕޮއިންޓާއެކު 18 ވަނައިގައެވެ. ރޭގެ ނަތީޖާއާއެކު އިލެކްޓްގެ އުއްމީދު ހާސިލް ނުވި ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުވަމުން އަންނާތީ ދާދި އަވަހަށް ބޯކޮށާލެވޭނެ ކަމުގެ އުއްމީދު އޭނާ އަދިވެސް ކުރެއެވެ.


