ރައީސްގެ ވަރުގަދަ ތަގްރީރެއް: މޫސުމީ ބަދަލުތަކުން ސަލާމަތްވުމަކީ އިޚުތިޔާރީ ކަމެއް ނޫން، އެއީ ޤައުމުގެ ދެމިއޮތުމާ ގުޅިފައިވާ ކަމެއް
12 ފެބްރުއަރީ 2026 - 03:06

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ބަރލިންގެ ހުމްބޯލްޑްޓް ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވައި، މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން ވަރުގަދަ ތަޤުރީރެއް ދެއްވައިފިއެވެ.
މިއަދު މެންދުރުފަހު އެ ޔުނިވަރސިޓީއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގައި، އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ ވައިސް ޕްރޮވުސްޓް ޑޮކްޓަރ ޔޯއާން ވިލައިން އާއި އެ ޔުނިވަރސިޓީގެ ހެޑް އޮފް ދަ ޑިވިޜަން އޮފް އެގްރިކަލްޗަރަލް އިކޮލޮޖީ، ޕްރޮފެސަރ ޑޮކްޓަރ މަސޭލް ރޯބީޝޮންއެވެ.

Ad by Hajj Corporation
ޔުނިވަރސިޓީގައި ދެއްވި ތަޤުރީރުގައި ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހިރާއްޖެއަކީ ޖައްވަށް ވިހަގޭސް ބޭރުކުރާ މިންވަރު ދުނިޔޭގެ ނިސްބަތުން މަދު ޤައުމަކަށް ވީނަމަވެސް، މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވާ އެއް ޤައުމަކީ ރާއްޖެ ކަމަށެވެ. މޫސުމީ ބަދަލުތަކަށް ހޭނުމަކީ ރާއްޖެއަށް އިޚުތިޔާރީ ކަމެއް ނޫން ކަމަށާއި، އެއީ ޤައުމުގެ ދެމިއޮތުމާއި، ސަގާފަތާއި އަމިއްލަވަންތަކަން ހިމާޔަތްކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މޫސުމީ ސައިންސްގެ އަލީގައި ޤައުމީ ފެންވަރުގެ ރޭވުންތަކާއި ބަޖެޓު އެކުލަވާލުމުގެ މުހިންމުކަމަށް އަލިއަޅުއްވާލެއްވިއެވެ. އަދި މިފަދަ މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދުން އިތުރުކުރުމަށާއި، ލޯކަލް ގަވަރނަންސްގެ ޤާބިލުކަން އިތުރުކޮށް، ރައްޔިތުން އިސްވެ ތިބެ ކުރިއަށްގެންދާ މަސައްކަތްތަކަކަށް މިކަން ހެދުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. މީގެ އިތުރުން، ރާއްޖެ ފަދަ ނާޒުކު ޤައުމުތަކަށް ލުއި ގޮތްތަކެއްގެ މަތިން 'އެޑަޕްޓޭޝަން ފައިނޭންސިންގް' ލިބުމަކީ މޫސުމީ އިންސާފާ ގުޅިފައިވާ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމަށް ކުރާ މަސައްކަތް ލަސްކުރުމަކީ މުސްތަޤުބަލުގައި ކުރަންޖެހޭ ހޭދަ އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ފަރުތަކާއި ކަނޑޫފާތަކަކީ މޫސުމީ ނުރައްކާތަކުން ދިފާޢުވުމަށް އޮތް އެންމެ އަގުހެޔޮ ވަސީލަތްތައް ކަމަށެވެ. އަދި ޤައުމީ ތަރައްޤީއާއި މޫސުމީ ކަންކަމަށް އަހުލުވެރިވުމުގެ މަސައްކަތަކީ އެކުއެކީގައި ކުރިއަށްދާންޖެހޭ ދެ ކަންތައް ކަމުގައިވެސް ވިދާޅުވިއެވެ.
ސައިންސާއި ސިޔާސަތު އެކުލަވާލުމުގައި ހުމްބޯލްޑްޓް ޔުނިވަރސިޓީ ފަދަ އިދާރާތަކުން އަދާކުރާ ދައުރު ފާހަގަކުރައްވައި، މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ކުރު މުއްދަތުގެ ފައިދާއަށްވުރެ ބޮޑަށް ދުރު މުސްތަޤުބަލަށް އަމާޒުކުރާ ހައްލުތަކަކަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ތަޤުރީރަށްފަހު ކުރިއަށްދިޔަ ސުވާލާއި ޖަވާބު ސެޝަންގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ފަތުރާ ހަޤީޤަތާ ޚިލާފު މަޢުލޫމާތުތަކާ ދެކޮޅަށް މަސައްކަތްކުރުމަށާއި، ކުދި ޖަޒީރާ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް ބާރުއަޅުއްވާފައެވެ. އަދި ޖައްވަށް އެންމެ ގިނައިން ވިހަގޭސް ބޭރުކުރާ ޤައުމުތަކުން، ރާއްޖެ ފަދަ ނާޒުކު ޤައުމުތަކަށް ދޭ އެހީތެރިކަން އިތުރުކުރުމަށްވެސް އެމަނިކުފާނު މި ބައްދަލުވުމުގައި ގޮވާލެއްވިއެވެ.


