ރެއާލް މެޑްރިޑް އެކަނި އެންމެ ފަހުން ހަތިޔާރު ބަހަަށްޓައި ސުޕަލީގު ދޫކޮށްލުމަށް ޔުއޭފާއާއެކު އެއްބަސްވުމަކަށް އައިސްފި
12 ފެބްރުއަރީ 2026 - 05:50

ޔޫރަޕިއަން ސުޕަ ލީގު އުފެއްދުމަށް ކުރި މަސައްކަތާ ގުޅިގެން އުފެދުނު ގާނޫނީ ހިލާފުތައް ނިމުމަކަށް ގެނައުމަށްޓަކައި، ރެއާލް މެޑްރިޑާއި ޔޫއެފާއިން އުސޫލީ ގޮތުން އެއްބަސްވުމަކަށް އަތުވެއްޖެއެވެ. މި އެއްބަސްވުމަކީ 2021 ވަނަ އަހަރު ސުޕަ ލީގު އުފެއްދުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމާ ގުޅިގެން ދެ ފަރާތުގެ ދެމެދުގައި އުފެދުނު ދެބަސްވުންތަކަށް ހައްލެއް ލިބިގެންދާނެ ކަމެކެވެ.
މި ކުރިއެރުން އައިސްފައިވަނީ، ސުޕަ ލީގު ހުއްޓުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ޔޫއެފާއާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ރެއާލް މެޑްރިޑުން ބުނިތާ ތިން މަސް ދުވަސް ފަހުންނެވެ. ޔޫއެފާއިން ހާމަކޮށްފައިވާ ގޮތުގައި، އަލަށް އެކުލަވާލެވޭ އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު މިހާރު ކުރިއަށްދާ ހުރިހާ ގާނޫނީ މައްސަލަތަކެއް ނިމުމަކަށް އަންނާނެއެވެ.

Ad by Hajj Corporation
ސުޕަ ލީގު އުފެއްދުމުގައި އިސްކޮށް އުޅުނު ބާސެލޯނާއިން އެ މަސައްކަތުން ވަކިވުމާ ގުޅިގެން، ރެއާލް މެޑްރިޑަކީ އެ މަޝްރޫއުގައި ބާކީ އޮތް ހަމައެކަނި ކްލަބެވެ. މެޑްރިޑްގެ ކޯޓަކުން މީގެ ކުރިން ވަނީ ޔޫއެފާއާއި، ސްޕެނިޝް ފެޑެރޭޝަން އަދި ލަލީގާއިން ވާދަވެރިކަމަށް ހުރަސްއަޅާ ފަދަ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެ ފާޑުކިޔާފައެވެ.
މި އާ އެއްބަސްވުމާއެކު، ރެއާލް މެޑްރިޑުން އަލުން ޔޫރަޕިއަން ފުޓްބޯޅަ ކްލަބްސް (އީއެފްސީ) އާ ގުޅޭނެ ކަމަށް ބެލެވެއެވެ. އީއެފްސީގެ ޗެއާމަން ނާސިރު އަލް-ޚެއްލައިފީ ވަނީ މި އެއްބަސްވުމަށް މަރުހަބާ ވިދާޅުވެފައެވެ.
މި އެއްބަސްވުމަށް އައި ނަމަވެސް، ސުޕަ ލީގު ހުށަހެޅި ކުންފުނި ކަމަށްވާ އޭ22 (A22) ގެ ދައުރާ މެދު އަދިވެސް ވަނީ ނޭނގުމެއްގެ ތެރޭގައެވެ. އަނެއްކޮޅުން، ޔޫއެފާއިން ވަނީ 2027 އިން 2031 އަށް ޗެމްޕިއަންސް ލީގުގެ އާ ފޯމެޓް ދެމެހެއްޓުމަށް ނިންމާފައެވެ. މިއީ ބްރޯޑްކާސްޓް ރެވެނިއުއިން ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ބަލައި ނިންމާފައިވާ ނިންމުމެކެވެ.


