ރޯގާއާއި ބޭރަށް ހިންގުމުގެ ކޭސްތައް މިދިޔަމަހު އިތުރު
12 ފެބްރުއަރީ 2026 - 11:32

ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ ހުމާއި، ބޭރަށް ހިންގުމުގެ އިތުރުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނެފިއެވެ.
ޖެނުއަރީ 11 އިން ފެށިގެން 31ގެ ނިޔަލަށް ރިޕޯޓްކޮށްފައިވާ ކޭސްތަކަށް ބަލާއިރު، އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އަރިދަފުސް ރޯގާގެ ކޭސްތަކެވެ. މި މުއްދަތުގެ ތެރޭގައި ޖުމްލަ 21،993 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. ދެވަނަ އަށް އެންމެ ގިނައީ ބޭރަށް ހިންގުމުގެ ކޭސްތަކެވެ. އެމުއްދަތުގައި ބޭރަށް ހިންގުމުގެ 5621 ކޭސް ރިޕޯޓުކޯށްފައިވާކަން އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން ޑެންގީ ކޭސްތައްވެސް ވަނީ އިތުރުވެފައެވެ. ޖެނުއަރީ 11 އިން ފެށިގެން 31ގެ ނިޔަލަށް 359 ޑެންގީ ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.
މި ތަފާސް ހިސާބުތައް ނަގާފައިވާ ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަށްފަހު ސްކޫލްތައް ހުޅުވުނު ދުވަސްވަރެވެ. މި ދުވަސްވަރު އާންމުކޮށް ފެތުރޭ ބަލިތަކުގެ ތެރޭގައި ރޯގާތަކާއި، އިންފްލުއެންޒާ އަދި ޑެންގީހުމާއި، ބޭރަށް ހިންގުން ފަދަ ބަލިތައް ހިމެނޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ޗުއްޓީ ދުވަސްވަރާއި ދިމާކޮށް ރާއްޖޭގައި ބަލިތައް ފެތުރޭ މިންވަރު އާންމުގޮތެއްގައި އިތުރުވެއެވެ. ޚާއްޞަކޮށް ދަތުރުތައް އިތުރުވުމާއެކު ރައްޔިތުންގެ ގިނަ ކަންކަމަށް ސަމާލުކަން ދިނުމަށް ސިއްޚީ ޚިދުމަތް ދޭ ފަރާތްތަކުން ޢިލްތިމާސް ކުރެއެވެ. އަދި ބައްޔެއްގެ އެއްވެސް އަލާމާތެއް ފެންނަނަމަ، ވަގުތުން ސިއްޙީ އެހީތެރިކަން ހޯދުމަށާއި، ބޭރުތެރޭގައި އުޅޭއިރު މާސްކް އެޅުމަށް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ.


