ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިޠުރު ޒަކާތް ބަލައިގަންނާނެ
12 ފެބްރުއަރީ 2026 - 12:22

މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިޠުރު ޒަކާތް ބަލައިގަންނަން ފަށާނެކަމަށް ޒަކާތު ހައުސްއިން ބުނެފިއެވެ.
ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮންލައިންކޮށް ފިޠުރުު ޒަކާތް ދެއްކޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ. ޒަކާތު ހައުސްއިން ބުނިގޮތުގައި ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރަމަޟާންމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6 ޖެހުމާއެކު އޮންލައިންކޮށް ޒަކާތް ބަލައިގަންނަމުން ދާނެއެވެ. މިފަހަރު އޮންލައިންކޮށް 7 ޕްލެޓްފޯމްއަކުން ޒަކާތް ދެއްކޭނެއެވެ.
ޒަކާތް ދެއްކޭނެ ގޮތްތައް

Ad by Hajj Corporation
- ދިރާގު އެޕް/ ދިރާގު ޕޭ (ވެބްސައިޓް)
- އުރީދޫ، އެމް ފައިސާ (އެޕްލިކޭޝަން)
- މޯލްޑިވްސް އިސްލާމިކް ބޭންކު (އެޕްލިކޭޝަން)
- ބޭންކް އޮފް މޯލްޑިވްސް މޯބައިލް (އެޕްިލޭޝަން)
- ފަހިޕޭ (އެޕްލިކޭޝަން)
- އަވަސް އެޕް
- ބަނޑޭރި ޕޭ
ޒަކާތު ހައުސްއިން ބުނީ، ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާހަމައަށްވެސް ފިތުރު ޒަކާތް ދެއްކޭނެކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ޚާއްސަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި ރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާތީ ރަމަޟާންމަހު ކައުންޓަރުން ޒަކާތް ބަލައިގަންނާނެ ގަޑިތައްވެސް ޒަކާތު ހައުސްއިން ވަނީ އިޢުލާނުކޮށްފައެވެ.
ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތުތައް
- 22 ފެބްރުއަރީން 9 މާރިޗްއަށް: ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު: 10:00 އިން 13:00 އަށް
- 10 މާރިޗް އިން 19 މާރިޗްއަށް: ހުކުރު ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު: 11:00 އިން 14:00 އަށް
ޒަކާތު ހައުސިން އިން ބުނީ ރަށްރަށުގައި ނަޤުދު ފައިސާއިން ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ރަށު ނުވަތަ ސިޓީ ކައުންސިލުންކަމަށެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު
1- އާދައިގެ ހަނޑޫ: 12 ރުފިޔާ
2- ތައިލެންޑް ހުދު ހަނޑޫ:53 ރުފިޔާ
3- ރަތް ހަނޑޫ: 96 ރުފިޔާ
4- ބާސްމަތީ ހަނޑޫ (އާދައިގެ): 77 ރުފިޔާ
5- ބާސްމަތީ ހަނޑޫ (މޮޅު) : 109 ރުފިޔާ
6- ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136 ރުފިޔާ
7- އާދައިގެ ފުށް: 10 ރުފިޔާ
8- އާޓާ ފުށް: 75 ރުފިޔާ
ފިޠުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. ފިޠުރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ހިޖުރައިން 2 ވަނަ އަހަރުއެވެ.
ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 18 ވަނަ ދުވަހެވެ.


