ރޯދަ ބޯވަތިވެއްޖެ; ވިޔަފާރިކުރާއިރު ސްކޭމަރުންގެ އަވައިގައި ނުޖެހޭތި!
13 ފެބްރުއަރީ 2026 - 06:25

ކުރިއަށް އޮތް ރަމަޟާންމަހަށް ތައްޔާރުވުމަށް ގިނަ ބަޔަކު ވިޔަފާރިކުރާއިރު، އެ ވިޔަފާރިވެރިންގެ ނަޖާއިޒު ފައިދާ ނަގައި ސްކޭމްކުރާކަން ފާހަގަވެފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 18 ވާ ބުދަ ދުވަހެވެ.

Ad by Hajj Corporation
ފުލުހުންގެ ޚިދުމަތުން ބުނީ ރޯދައަށް ގިނަ ބަޔަކު މިދުވަސްވަރު ކާބޯތަކެތި ގަނެ، ފަރުނީޗަރު އާކުރުން ފަދަ ކަންކަން ކުރަމުންދާކަމަށެވެ.
މިފަދަ ވިޔަފާރިތައް އޮންލައިންކޮށް ވެސް ކުރާއިރު، ފޭސްބުކް މާކެޓް ޕްލޭސްފަދަ ތަންތަނުން ސްކޭމް ކުރުމުގެ މައްސަލަތައް މިހާރު އިތުރުވަމުން ދާކަން ފާހަގަކުރެވިފައި ވާކަމަށްވެސް އެ ޚިދުމަތުން ބުންޏެވެ.
ފުލުހުންގެ ޚިދުތުމަތުން ބުނި ގޮތުގައި، ރޯދައަށް ތައްޔާރުވާވުމުގެ ނާޖާއިޒު ފައިދާ ސްކޭމަރުން ނަގަމުން ދާކަން ފާހަގަކުރެވިފައިވާއިރު، ގިނަ ފަހަރަށް ފާހަގަކުރެވެނީ އަސްލު ވިޔަފާރިތޯ ކަށަވަރު ނުކުރެވި މުދާ ނުލިބެނީސް ފައިސާ ފޮނުވައިގެން ލިބޭ ލަނޑުތަކެވެ.
މިކަމާ ގުޅިގެން ފުލުހުން ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި އެންޓި ސްކޭމް ސެންޓަރުގެ ސީނިއަރ ސާޖަންޓް އަބްދުﷲ ޝަހުނީޒު ވަނީ އެކަން ފާހަގަކުރައްވާފައެވެ.
ސީނިއަރ ސާޖަންޓް އަބްދުﷲ ވަނީ އޮންލައިންކޮށް ވިޔަފާރިކުރާއިރު އެއީ ސައްހަ ވިޔަފާރިއެއްތޯ ކަށަވަރުކުރުމަށް އިރުޝާދު ދެއްވައިފައެވެ. މިކަން ބިޒްނަސް ޕޯޓަލްގެ ތެރެއިން ކުރެވޭނެކަން ފާހަގަކުރައްވައި ވިދާޅުވީ ވިޔަފާރިކުރާއިރު ފަރުދުންގެ އެކައުންޓުތަކަށް ފައިސާ ނުފޮނުވުމަށް ވެސް އިލްތިމާސްކުރާ ކަމަށެވެ.
މީގެއިތުރުން މުދާ ލިބުނީމައި ނޫނީ ފައިސާ ނުފޮނުވުމަށް ވެސް އިލްތިމާސްކުރެއްވިއެވެ.


