ނޭޝަނަލް ކާބަން ރެގިއުލޭޝަން ޤަވާއިދު އެކުލަވައިލުމާ ގުޅޭ 2 ވަނަ ބައްދަލުވުން ބާއްވައިފި
14 ފެބްރުއަރީ 2026 - 07:22

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓް (ސީ.ސީ.ޑީ) އިން އިންތިޒާމުކޮށްގެން، "ނޭޝަނަލް ކާބަން ރެގިއުލޭޝަން" ޤަވާއިދު އެކުލަވައިލުމާ ގުޅޭގޮތުން ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތު ބައްދަލުވުން ބާއްވައިފިއެވެ. މިއީ މިކަމާއި ގުޅިގެން ބޭއްވި 2 ވަނަ މަސައްކަތު ބައްދަލުވުމެވެ.
މި ބައްދަލުވުން ބާއްވާފައި ވަނީ 12 ފެބުރުވަރީ 2026 ގައި މީރުމާ ހޮޓަލްގައެވެ. މި ބައްދަލުވުމަކީ މި ގަވާއިދުގެ ފުރަތަމަ ދެލިކޮޕީ ހުށަހަޅައި، އެއާ މެދު މަޝްވަރާކުރުމަށް ސަރުކާރުގެ މުއައްސަސާތަކާއި، މި ދާއިރާގެ ފަރާތްތަކާއި އަދި ފަންނީ މާހިރުންނާއި އެކު ބޭއްވުނު މަސައްކަތު ބައްދަލުވުމެކެވެ.

Ad by Hajj Corporation
މި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވީ ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް މިމްރާހު އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކަކީ ބައިނަލްއަގުވާމީ ފެންވަރުގައި ހުރިހާ ޤައުމަކުން ވެސް ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވައި، ގިނަ ގައުމުތަކުން މޫސުމީ ބަދަލުތަކާއި ދެކޮޅަށް މުހިންމު ފިޔަވަޅުތަކެއް މިހާރު އަޅަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި އަލަށް އެކުލަވައިލާ ގައުމީ ކާބަން ގަވާއިދުގެ ސަބަބުން، ރާއްޖޭގެ "ނޭޝަނަލީ ޑިޓަރމިންޑް ކޮންޓްރިބިއުޝަން" (އެން.ޑީ.ސީ) ލަނޑުދަނޑިތައް ހާސިލުކުރުމަށް ވެސް ފަސޭހަވެގެން ދާނެކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި މިކަމާއި ގުޅޭ ޓެކްނިކަލް ޕްރެސެންޓޭޝަނެއް ހުށަހަޅުއްވައިދެއްވީ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓުގެ ޕްރޮޖެކްޓް ޓެކްނިކަލް ކޯޑިނޭޓަރ ފާތިމަތު ރައުފާ މޫސާއެވެ. މި ޕްރެސެންޓޭޝަންގައި ގައުމީ ފެންވަރުގައި ކަނޑައަޅާފައިވާ މޫސުމީ ލަނޑުދަނޑިތަކާއި، ރިޕޯޓްކުރުމުގެ ޒިންމާތަކާއި، އަދި އުސޫލެއް ނެތި ހިންގޭ ކާބަން ހަރަކާތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން، ހަރުދަނާ އުސޫލުތަކެއްގެ ދަށުން ކާބަން މާކެޓުގައި ބައިވެރިވުމުން ލިބޭނެ ޓެކްނޮލޮޖީ ބަދަލުކުރުމުގެ ފުރުސަތުތަކާއި، ގާބިލުކަން އިތުރުވުމާއި، އަދި މޫސުމީ ބަދަލުތަކާއި ގުޅިގެން މާލީ އެހީތެރިކަން ހޯދުމުގެ ފުރުސަތުތަކާ ބެހޭގޮތުން ވެސް މައުލޫމާތު ދެވުނެވެ.
މި މަސައްކަތު ބައްދަލުވުމުގައި ޖުމްލަ 43 ބައިވެރިން ބައިވެރިވިއެވެ. މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)، އެޓަރނީ ޖެނެރަލްގެ އޮފީސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ)، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)، މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، އިންވެސްޓް މޯލްޑިވްސް، އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ، އަދި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ހިމެނެއެވެ. މީގެ އިތުރުން ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓާއި، އޯޒޯން ޔުނިޓާއި، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ލީގަލް ޔުނިޓުގެ އޮފިޝަލުންނާއި، ޖަމިއްޔާތަކާއި ކަމާއި ގުޅުންހުރި އެހެނިހެން ފަރާތްތަކުން ވެސް ބައިވެރިވިއެވެ.


