ބާޒާރުމަތީ މަގުގައި ތާރުއެޅި ސަރަޙައްދު އަންގާރަ ދުވަހު ހުޅުވާލަނީ
15 ފެބްރުއަރީ 2026 - 07:56

ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ ހުރިހާ މަސައްކަތްތައް ނިންމައި، އަންނަ އަންގާރަ ދުވަހު އާއްމުންނަށް ހުޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނީ، މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ، މަގުގެ ނިޝާންތައް ކުރެހުމުގެ މަސައްކަތާއި މަގު ބައްތި ޖެހުމުގެ މަސައްކަތްތައް ކަމަށެވެ.

Ad by Hajj Corporation
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދަނީ، އެކި ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ މަސައްކަތް ރަސްމީ ފާލަން ހިމެނޭ ސަރަޙައްދުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ނިންމައި، ވަނީ އާންމުކޮށް ހުޅުވާލާފައެވެ.
އަދި ދެވަނަ ފިޔަވަހީގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް ތަރައްޤީ ކުރުމުގެ މަސައްކަތް އެއްކޮށް ނިންމައި، އަންނަ އަންގާރަ ދުވަހު އާންމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ބާޒާރުމަތީ މަގަކީ ޚާއްޞަކޮށް ރަމަޟާންމަހު ބާރުބޮޑުވާ ސަރަޙައްދަކަށްވާއިރު، މަގު ފުޅާކޮށް ތާރު އަޅައި މަގުގެ މަސައްކަތް އެއްކޮށް ނިމުމާއެކު އެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.
މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިމި، އާންމުންނަށް ހުޅުވާލުމާއެކު، ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމުގައި އާންމުންނަށާއި ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.


